ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ނެތް ކުންފުންޏަކުން ޑޮލަރު ގަތުމަށް ސްޓެލްކޯ އިން އެޑްވާންސް ފައިސާ ދޫކުރި މައްސަލައިގައި އެ ކުންފުނީގެ އެއިރުގެ މެނޭޖިންގ ޑިރެކްޓަރު އަބްދުއް ޝުކޫރު އަބްދުﷲ ގެ މައްޗަށް ދައުވާކުރުމާ މެދު މިހާތަނަށް ގޮތެއް ނިންމާފައިނުވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ސްޓެލްކޯ އިން ހިންގި އެ މުއާމަލާތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރުމަށް ފަހު، ޝުކޫރާއި ސްޓެލްކޯގެ ފައިނޭންސް ޑިޕާޓްމެންޓުގެ އެއިރުގެ ވެރިޔާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވީ ޖުލައި މަހުގެ ތެރޭގަ އެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ދައުވާ ކުރުމާ މެދު އަދި މިހާތަނަށް އެ އޮފީހުން ގޮތެއް ނިންމާފައިނުވާ ކަމަށެވެ.
ދެ ލައްކަ އެމެރިކާ ޑޮލަރު ގަތުމަށް، ޝަރޫ ލޯންޗު ސަރވިސް ކިޔާ އަމިއްލަ ކުންފުންޏަކަށް އެޑްވާންސްގެ ގޮތުގައި ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ސްޓެލްކޯ އިން ދޫކުރި އެވެ. އެހެން ނަމަވެސް، ދެ ލައްކަ ޑޮލަރު ވެސް އަދި އެޑްވާންސްގެ ގޮތުގައި ދޫކުރި ތިން މިލިއަން ރުފިޔާ ވެސް އެ ކުންފުންޏަށް އަނބުރާ ލިބިފައިނުވެ އެވެ.
ޝަރޫ ލޯންޗު ކުންފުންޏަކީ ބޭރު ފައިސާ ގަނެ ވިއްކުމުގެ ލައިސެންސް އޮންނަ ކުންފުންޏެއް ނޫނެވެ. މަނިޓަރީ ގަވާއިދުގެ ތިން ވަނަ މާއްދާގައި ވާގޮތުގައި ހުއްދަ ނެތި ބޭރު ފައިސަ ގަނެ ވިއްކުމަކީ މަނާ ކަމެކެވެ.
އޭސީސީއިން މައްސަލަ ތަހުގީގު ކުރުމަށް ފަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޑޮލަރު ގަތުމަށް ފައިސާ ޚަރަދު ކުރުމަށް ހުއްދަދިނުމުގެ ކުރިން، ޝަރޫ ލޯންޗު ކުންފުންޏަކީ އެފަދަ މުއާމަލާތެއް ހިންގުމުގެ ގާބިލުކަން ހުރި ކުންފުންޏެއްކަން ބަލާފައިނުވަނީ، ޑޮލަރު ވިއްކުމަށްޓަކައި އެ ކުންފުނިން ހުށަހަޅާފައިވާ ޑޭޓެޑް ޗެކުގައި ޖަހާފައިވާ މޮރީޝަސް ކޮމާޝަލް ބޭންކުގެ ބޭންކް ގެރެންޓީ ތައްގަނޑަށް ބަރޯސާވެގެން ކަމަށް ބުނެ ސްޓެލްކޯގެ ފައިނޭންސް ޑިޕާޓްމަންޓްގެ އެއިރުގެ ހެޑް ޖަވާބުދާރީވެފައިވާ ކަމަށެވެ.
އެހެން ނަމަވެސް، އެ ބޭންކް ގެރެންޓީ ތައްގަނޑުގެ ޞައްހަކަން ބެލުމަށްޓަކައި ސްޓެލްކޯއިން އެކަށީގެންވާ މިންވަރަށް މަސައްކަތް ކޮށްފައިނުވާކަން ތަހުގީގަށް ސާބިތުވާ ކަމަށް އޭސީސީއިން ބުނެފައިވެއެވެ.
އޭސީސީ އިން ބުނީ ޝަރޫ ލޯންޗު ކުންފުނިން ހުށަހަޅާފައި ވަނީ ޑޭޓެޑް ޗެކެއްކަން، ޑޮލަރު ވިއްކުމަށްޓަކައި ޗެކުތައް ބަދަލުކުރުމުގެ ކުރިން، ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރއަށް އެނގިފައިވާކަން ވެސް ތަހުގީގަށް ސާބިތުވާ ކަމަށެވެ. އަދި އެ މަޢުލޫމާތު އޭނާއަށް ލިބުނު ހިސާބުން، ޑޮލަރު ވިއްކުމަށްޓަކައި ހުށަހަޅާފައިވާ ޗެކުގައި ޖަހާފައިވާ ބޭންކް ގެރެންޓީ ތައްގަނޑުގެ ޞައްހަކަން ބެލުމަށްޓަކައި އެއްވެސް މަސައްކަތެއް ކުރުމަކާއި ނުލައި، ދެ ލައްކަ ޑޮލަރު ގަތުމަށްޓަކައި ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ އެޑްވާންސްކޮށް ޚަރަދު ކުރުމަށް ހުއްދަދީފައިވާކަން ތަޙްޤީޤަށް އެނގޭ ކަމަށް ވެސް އޭސީސީ އިން ވަނީ ބުނެފައިވެއެވެ.
އޭސީސީ އިން ބުނީ ޑޮލަރު ގަތުމަށްޓަކައި އެޑްވާންސްކޮށް ފައިސާ ދޫކުރުމުގެ ސަބަބުން، ޝަރޫ ލޯންޗު ކުންފުންޏަށް މާލީ މަންފާއެއް ލިބިފައިވާކަން އެނގޭ ކަމަށާއި އެކަމަކީ ސްޓެލްކޯގެ އެއިރުގެ މެނޭޖިންގ ޑިރެކްޓަރ އާއި ފައިނޭންސް ޑިޕާޓްމަންޓުގެ ހެޑް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދޭން ކޮށްފައިވާ ކަމެއްކަން ތަހުގީގަށް ސާބިތުވާ ކަމަށެވެ.
އެކަން ފާހަގަކޮށް، ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާ އާއި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން ޝުކޫރާއި ފައިނޭންސް ޑިޕާޓްމަންޓުގެ ހެޑް ގެ މައްޗަށް ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުން ކުރުމުގެ ކުށާއި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެއެވެ.