ކ. މާލެ
|
12 ނޮވެންބަރ 2017 | އާދީއްތަ 20:21
އިސްކޯ އާއި ސްޕެއިންގެ ކޯޗު ލޮޕެޓެގި
އިސްކޯ އާއި ސްޕެއިންގެ ކޯޗު ލޮޕެޓެގި
ޓްވިޓަރ
ޖޫލެން ލޮޕެޓެގި
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން ތެރޭގައި އިސްކޯ ހިމެނޭ: ސްޕެއިންގެ ކޯޗު
މޮޅު ކުޅުންތެރިޔެއްގެ ގޮތުގައި އިސްކޯ އަދި ފެންނާނެ

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި އިސްކޯ ހިމެނޭ ކަމަށް ސްޕެއިންގެ ކޯޗު ޖޫލެން ލޮޕެޓެގި ބުނެފިއެވެ.

ކޮސްޓަރިކާ އަތުން 0-5 ގެ ނަތީޖާއިން ސްޕެއިން މޮޅުވި މެޗަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ލޮޕެޓެގި ބުނީ އިސްކޯ އަކީ ދަނޑުމަތީގައި ވަރަށް ބުރަކޮށް މަސައްކަތްކުރާ ތަފާތު ކުޅުންތެރިޔެއްކަމަށެވެ.

ލޮޕެޓެގި ބުނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި އިސްކޯ ހިމެނޭ ކަމާމެދު ޝައްކު ނުކުރާ ކަމަށާއި، އޭނާގެ މޮޅު ކުޅުން ކުރިޔަށް އޮތްތަނުގައި އަދި އިތުރަށް ފެނިގެންދާނެ ކަމަށެވެ.

ވެލެންސިއާ އިން ސީނިއާ ފުޓުބޯޅަ ކެރިޔަރު ފެށި އިސްކޯ އަންނަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިހާތަނަށް ރެއާލް އަށް ކުޅުނު 17 މެޗުގައި ފަސް ލަނޑު އޭނާ ވަނީ ކާމިޔާބުކޮށްފައެވެ.

މަލާގާ އިން 2013 ވަނަ އަހަރު ރެއާލް އަށް ބަދަލުވި އިސްކޯ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 208 މެޗުގައި 37 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ރެއާލްއާ އެކު ލަލީގާ، ކޮޕާޑެލްރޭ، ސްޕެނިޝް ސުޕާކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު ތިންފަހަރު، ދެ ފީފާ ކްލަބް ވޯލްޑްކަޕް އަދި ދެ ޔުއެފާ ސުޕާކަޕް ކާމިޔާބުކޮށްފައެވެ.

ސްޕެއިން ގައުމީ ސީނިއާ ޓީމަށް ކުޅުނު 24 މެޗުގައި ހަތް ލަނޑު ކާމިޔާބުކޮށްފައިވާ އިސްކޯ ވަނީ ސްޕެއިންގެ 21 އަހަރުން ދަށުގެ ޓީމާއެކު ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބުކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް