ށ. އަތޮޅު ފެރީގެ ގޮތުގައި ބޭނުންކުރާ ދޯނީގެ ޝާފުޓް ބިންދައިގެން ދިއުމާއި ގުޅިގެން ހާލުގައި ޖެހުނު މީހުން އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އެހީތެރިކަމާއެކު ހދ. ކުޅުދުއްފުއްޓަށް ގެންގޮސްފި އެވެ.
އެމްއެންޑީއެފުން ބުނީ ށ. އަތޮޅު ފެރީ ދޯނީގެ ޝާފުޓް ބިންދައިގެން ދިޔައީ ހދ. ކުމުންދޫ ކައިރިން ކަމަށެވެ. އެމްއެންޑީއެފުން ބުނީ އެމްއެންޑީއެފްގެ ނޮދަން އޭރިއާގެ ކޯސްޓްގާޑުގެ ސްކޮޑްރަންއަށް އެކަން ރިޕޯޓްކޮށްފައި ވަނީ އާދިއްތަ ދުވަހު 13:53 ގައި ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އެ ފެރީދޯނީގައި ތިބި މީހުން ހާލުގައި ޖެހުނުކަމުގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ، ކުޅުދުއްފުށި ޕޯސްޓްގެ ކޯސްޓްގާޑުގެ ލޯންޗެއް އެސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އެ ފެރީ ދޯނީގައި ތިބި މީހުން ހާލުގައި ޖެހުނުއިރު، ފެރީގައި 22 މީހުން ތިބި ކަމަށާއި، އޭގެ ތެރޭގައި ހަތަރު އަންހެނުންނާއި ކުޑަކުއްޖަކު ހިމެނޭ ކަމަށެވެ.
އެ ދޯންޏަކީ ށ. އަތޮޅު "ހިރުނދުމާ" ނަމަކަށް ކިޔާ ފެރީ ދޯންޏެކެވެ.