ކ. މާލެ
|
12 ނޮވެންބަރ 2017 | އާދީއްތަ 16:48
ސްޕެއިންގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ސްޕެއިންގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ޓްވިޓަރ
ވޯލްޑް ފްރެންޑްލީ
ވޯލްޑް ފްރެންޑްލީ: ބޮޑު ތަފާތަކުން ކޮސްޓަރިކާގެ މައްޗަށް ސްޕެއިން ކުރިހޯދައިފި
ކޮސްޓަރިކާގެ މައްޗަށް ސްޕެއިން ކުރިހޯދީ 0-5 ގެ ނަތީޖާއަކުން

ރަހްމަތްތެރިކަމުގެ މެޗެއްގައި ބޮޑު ތަފާތަކުން ކޮސްޓަރިކާގެ މައްޗަށް ސްޕެއިން ކުރި ހޯދައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ކޮސްޓަރިކާއާ ވާދަކޮށް ސްޕެއިން އިން މެޗު ކާމިޔާބު ކުރީ 0-5 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ސްޕެއިން ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ހަވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ސްޕެއިން އަށް ކާމިޔާބުކޮށްދިނީ ޑޭވިޑް ސިލްވާގެ އެހީތެރިކަމާއެކު ޖޯޑީ އަލްބާއެވެ.

މި ލަނޑަށްފަހު ވެސް ސްޕެއިން އިން ދިޔައީ ކޮސްޓަރިކާގެ ހާފަށް ބާރުބޮޑުކޮށް ހަމަލާ އުފައްދަމުންނެވެ. އެގޮތުން 25 ވަނަ މިނެޓުގައި އަލްވަރާ މޮރާޓާގެ ލަނޑުން ސްޕެއިން އިން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މޮރާޓާ ވަނީ ސްޕެއިން ގައުމީ ޓީމަށް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގަިއ ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. 

ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ކޮސްޓަރިކާގެ މައްޗަށް ސްޕެއިން ކުރިހޯދައިގެންނެވެ.

ދެވަނަ ހާފަށް ސްޕެއިން ނިކުތީ ބަދަލުތަކާއެކުގައެވެ. އެގޮތުން އެޓީމުން ވަނީ ދެވަނަ ހާފް ފެށިގެން މާގިނައިރުތަކެއް ނުވަނީސް ތިންވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު 53 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޑޭވިޑް ސިލްވާއެވެ. އޭގެ ތިން މިނެޓު ފަހުން ޑޭވިޑް ސިލްވާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ލީޑު އިތުރަށް ފުޅާކޮށްފައެވެ.

ސްޕެއިން އިން މެޗުގައި ޖެހި ފަސްވަނަ ލަނޑު 73 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި އަންދްރޭސް އިނިއެސްޓާއެވެ.

ރަހްމަތްތެރިކަމުގެ މެޗެއްގައި އަންގާރަ ދުވަހު ރަށުން ބޭރުގައި ރަޝިއާއާ ދެކޮޅަށް ސްޕެއިން ނިކުންނައިރު، ބުދަ ދުވަހު ކޮސްޓަރިކާ ނިކުންނާނީ ހަންގޭރީއާ ދެކޮޅަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް