އެމްބީބީއެސް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މޯލްޑިވްސް މެޑިކަލް އަދި ޑެންޓަލް ކައުންސިލްގައި ރެޖިސްޓްރީ ކުރާ އުސޫލަށް ބަދަލުތަކެއް ގެނެސްފި އެވެ.
ހެލްތް މިނިސްޓްރީން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އުފެދުނު އިރު ކުރީގެ މެޑިކަލް ކައުންސިލުން ކަނޑައަޅައިފައިވާ އެންޓްރެންސް ކްރައިޓީރިއާ ހަމަނުކުރުމުގެ ސަބަބުން އެކައުންސިލްގައި ރަޖިސްޓްރީ ކުރެވިފައިނުވާ އެމްބީބީއެސް ހަދާފައިވާ ދިވެހިން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރެޖިސްޓްރީކޮށް ލައިސެންސް ދިނުމާ މެދު ވަކި ކަހަލަ ޝަރުތުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން އެމްބީބީއެސް ނުވަތަ ބޭސިކް މެޑިކަލް ކޮލިފިކޭޝަން ހަދާފައިވާ ކޮލެޖު ނުވަތަ ޔުނިވަރސިޓީ އަކީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ގަބޫލްކުރާ ތަނަކަށް ވާންޖެހެ އެެވެ. އިންޓަރންޝިޕް ހެދުމަށްޓަކައި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން އެފަރާތްތަކަށް ޕްރޮވިޝަނަލް ރެޖިސްޓްރޭޝަން ދޫކުރުމާއި އިންޓަރންޝިޕް ހެދުމަށް ފަހު އެ ކައުންސިލުން ދޭ ލައިސެންސިންގ އިމްތިހާނުން ފާސްވާންޖެހޭނެ ކަމަށް ވެސް ހެލްތް މިނިސްޓްރީން ހާމަކުރެ އެވެ.
ކައުންސިލުން ކަނޑައަޅާ ތަނެއްގައި ސުޕަވިޝަން ނިންމިކަމުގެ ލިޔުން ހޯދަންޖެހޭ އިރު އެ ލިޔުން މެޑިކަލް ކައުންސިލަށް ހުށަހެޅުމުން ޕަރމަނަންޓް ރެޖިސްޓްރޭޝަން އެކައުންސިލުން އެފަރާތަށް ދޫކުރާނެ ކަމަށް ހެލްތް މިނިސްޓްރީން ހާމަކުރެ އެވެ.
މި އުސޫލަށް އަމަލު ކުރާނީ މޯލްޑިވްސް މެޑިކަލް ކައުންސިލުން ގަބޫލުކުރަމުން އައި ކޮލެޖު ނުވަތަ ޔުނިވަރސިޓީއަކުން 04 އޮކްޓޫބަރު 2015 އިން ފެށިގެން ކިޔަވަމުންދާ ނުވަތަ ކިޔަވާ ނިމިފައިވާ ފަރާތްތަކަށް ކަމަށް ހެލްތް މިނިސްޓްރީން ހާމަކުރެ އެވެ.
މި އުސޫލުން އިސްތިސްނާ ކުރެވިފައިވާ ފަރާތްތައް ފިޔަވައި އެމްބީބީއެސް ނުވަތަ ބޭސިކް މެޑިކަލް ކޮލިފިކޭޝަން ހަދައިގެން އަންނަ ފަރާތްތައް ރެޖިސްޓްރީކޮށް ދެވޭނީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އިން ކަނޑައަޅާފައިވާ މި ޝަރުތުތައް ފުރިހަމަވުމުން ކަމަށް އެ ކައުންސިލުން ބުނެ އެވެ.
މި އުސޫލު މިއަދު ގެޒެޓުކޮށްފައިވާ އިރު އަމަލު ކުރަން ފަށާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހުން ފެށިގެންނެވެ.