މިދިޔަ އަހަރުތަކުގައި ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅުން ގައުމަށް ކަންތައްތަކެއް ކޮށްދެއްވި ކަމަށް އެއްބަސްވެވަޑައިގަންނަވާ ކަމަށް ހޯމް މިނިސްޓަރު އަޒްލީމް އަހުމަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ ހަތަރު އަހަރަކީ ގައުމާއި ރައްޔިތުންގެ ކުރިއެރުމަށް ތަފާތު، މުހިންމު، ބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވި ހަތަރު އަހަރު ކަމަށް ވިދާޅުވުމަކީ ކުރިން ވެރިކަން ކުރެއްވި ރައީސުންނަށް ބޭއިންސާފެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ކުރެވިފައިވާ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަޒްލީން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގަިއ އިންސާފުން ކަންކަން ނިންމުމުގެ ފުރިހަމަ ނިޒާމެއް ގާއިމް ކުރެވިފައިވާ ކަމަށެވެ. އެގޮތުން އިޖުތިމާއީ އަދާލަތު ގާއިމުކޮށް އިންސާފުވެރި ކަމާއެކު ކަންކަން ބެލޭނެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ރައްޔިތުންގެ މެދުގައި ސަލާމަތާއި ރައްކާތެރިކަން ގާއިމުކޮށް ދެވޭނެ ނިޒާމެއް ގާއިމުކޮށް ރައްޔިތުންނަށް އުފާވެރިކަން ރައީސް ޔާމީން ގެނެސްދެއްވައިފައިވާ ކަމަށް އަޒްލީން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދިވެހިރާއްޖެ އެކިއެކި ގޮތް ގޮތުން ކުރިއަށް ގެންދިއުމަށްޓަކައި ރައީސް ޔާމީންގެ ސަރުކާރުގައި ގިނަ މަގުތަކެއް ކޮށްޓަވާ ދެއްވާފައިވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖެ އަށް އެތައް ވިޔަފާރިތަކެއް ގެންނަވައި އެތައް ވުޔަފާރިވެރިންނަށް އުފައްދަވާފައިވާ ކަމަށް ވެސް މިނިސްޓަރު އަޒްލީން ވިދާޅުވިއެވެ.
އަޒްލީން ވިދާޅުވީ ކިތަންމެ މޮޅަށް ކިޔަވާ ވިދާޅުވެގެން ހުންނެވިޔަސް ވެރިކަން ކުރެއްވުމަށާ ރައްޔިތުންގެ ހާލަތު ވަޒަން ކުރެއްވުމަށް އެނގިވަޑައިނުގަންނަވާ ބޭފުޅަކު ވެރިކަމަށް ގެނައުމުން އެކަމުގެ ތަޖުރިބާ ދިވެހިންނަށް ލިބުނެ ކަމަށެވެ. ނަމަވެސް މާޒީގައި ރައްޔިތުންނަށް ދިމާވި އެތައް މައްސަލަތަކަކަށް ރައީސް ޔާމީނު ހައްލު ހޯއްދަވައި ދެއްވާފައިވާ ކަމަށް މިނިސްޓަރު އަޒްލީން ވިދާޅުވިއެވެ.
އެގޮތުން ގައުމުގެ މިނިވަންކަމާއި އިސްލާމް ދީނަށް އެތައް ގޮންޖެހުންތަކެއް ކުރިމަތިވި ކަމުގައި ވިޔަސް، އެ ކަންކަން ދިފާއު ކުރެއްވުމަށް ރައީސް ޔާމީން ފިޔަވަޅުތަކެއް އަޅުއްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން ހޯމް މިނިސްޓަރު ވިދާޅުވީ އަންނަ އަހަރަކީ ރާއްޖޭގެ ޖުމްހޫރީއްޔަތަށް 50 އަހަރު ފުރޭ އަހަރު ކަމަށާއި އެހެންކަމުން ޖުމްހޫރީ ރަންޔޫބީލް ވަރަށް ކުލަ ގަދަކޮށް ފާހަގަ ކުރުމަށް ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވާ ކަމަށެވެ. އަދި ޖުމްހޫރިއްޔަތަށް 50 އަހަރު ފުރޭ ރަންޔޫބީލް ފާހަގަ ކުރުމަށްޓަކައި އެކަމަށް ހާއްސަ ކުރެވިފައިވާ ލޯގޯއާއި ލަވަ ރައީސް ޔާމީން ވަނީ އިފްތިތާހު ކޮށްދެއްވާފައެވެ.