ސަރުކާރުން އަނެއްކާ ވެސް ސޮވެރިންގ ބޮންޑެއް ވިއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.
ސަރުކާރުގެ އޮފިޝަލެއް ރާއްޖެއެމްވީއަށް ކިޔައިދިން ގޮތުގައި ސަރުކާރުން އަނެއްކާ ވެސް ސޮވެރިންގ ބޮންޑު ވިއްކުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. އެގޮތުން އެންމެ ފަހުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ޔުުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަށް ކުރެއްވި ދަތުރުގައި އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމެންޓް އަށް ގާތްގަނޑަކަށް 200 މިލިއަން ޑޮލަރުގެ ބޮންޑު ވިއްކުމަށް ވަނީ ހުށަހަޅުއްވައިފަ އެވެ.
ނަމަވެސް އަބޫދާބީ ފަންޑުން މިކަމަށް މިހާތަނަށް އެއްބަސްވެފައިވާކަން ސާފެއް ނުވެ އެވެ.
ބޮޑު އިންޓްރެސްޓް ރޭޓެއްގައި ބޮންޑު ވިއްކަން ހުށަހެޅީ ކޮން މަޝްރޫއެއް ހިންގުމަށް ކަމެއް ސާފެއް ނުވެ އެވެ.
މިކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީގެ ރަސްމީ ބަހެއް ނުލިބެ އެވެ.
މި އަހަރުގެ ކުރީކޮޅު ޑޮއިޝޭ ބޭންކް މެދުވެރިކޮށް ސަރުކާރުން ބޮންޑް ވިއްކާލާފައިވާ އިރު 200 މިލިއަން ޑޮލަރުގެ ބޮންޑަށް 400 މިލިއަން ޑޮލަރުގެ ޑިމާންޑެއް ލިބުނު ކަމަށް މިނިސްޓަރު މުނައްވަރު މީގެ ކުރިން ވަނީ ހާމަ ކުރައްވައިފަ އެެވެ. ދައުލަތުގެ ބަޖެޓުގެ ގޮތުގައި މިއަހަރަށް ކަނޑައަޅާފައިވަނީ 26.8 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން ހަރަދު ކުރުމަށް 22 ބިލިއަން ރުފިޔާ ހަމަޖެހިފައިވާ އިރު އޭގެ ތެރެއިން 49.3 ޕަސެންޓަކީ ރިކަރެންޓް ހަރަދެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ، މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓުން، 2017 ވަނަ އަހަރުގައި ހޭދަކޮށްފައި ވަނީ ސަރުކާރުން ހިންގާ ބައެއް ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށާއި، އައިޖީއެމްއެޗްގެ އާ އިމާރާތާއި މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމުގެ އިތުރަށް ރީޖަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ކަމަށެވެ. އެހެން ނަމަވެސް މި ދާއިރާތަކަށް ބޮންޑުން ހޭދަކޮށްފައި ވަނީ ސީދާ ކިހާވަރެއް ކަމެއް މިނިސްޓަރު ހާމައެއްނުކުރައްވައެވެ. މިއަހަރު ބޮންޑު ފައިސާއިން ހޭދަކުރިވަރާއި މިއަހަރު ހޭދަ ނުކުރާވަރު ވެސް މިނިސްޓަރު މުނައްވަރު ހާމަ ކުރައްވައިފައެއް ނެތެވެ.