އައިއެސްގެ އަތްދަށުގައި އެންމެ ފަހުން އޮތް ސީރިޔާގެ ސަރަހައްދީ ރޮނގުގެ ޓައުނެއް ކަމަށްވާ އަލްބު ކަމާލްގެ ކޮންޓްރޯލް ސީރިޔާ އަސްކަރިއްޔާގެ ފައުޖުތަކުން ހޯދަމުންދާ ކަމަށް ރިޕޯޓްކޮށްފައިވަނިކޮށް އެ ޓައުން އަނެއްކާ ވެސް އައިއެސްގެ އަތްދަށަށް ގެންގޮސްފި ކަމަށް މޮނިޓަރުން ބުނެފިއެވެ.
އައިއެސްގެ އަތްދަށަށް ހޮނިހިރު ދުވަހު އަލްބު ކަމާލް ގޮސްފައިވާ ކަމަށް ރިޕޯޓްކޮށްފައި ވާއިރު އެ ޓައުން ވަށާލައި އެ ސަރަހައްދަށް ސީރިޔާ އަސްކަރިއްޔާ އާއި އެ ފައުޖާ ގުޅިފައިވާ ފައުޖުތަކުން ވަންނަންފަށާފައިވާ ކަމަށް ހިޒްބުﷲ އަށް ތާއީދުކުރާ އަލްމަނާރު ޓީވީން ބުދަ ދުވަހު ވަނީ ރިޕޯޓް ކޮށްފައެވެ.
ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ސީރިޔާގައި އައިއެސްގެ ޚިލާފަތުގެ ދަށުގައި އޮތް ގިނަ ތަންތަން ވަނީ އަނބުރާ ހޯދާފައެވެ.
މިހާރު އައިއެސްގެ އަތްދަށުން އަތުނުލެވި އޮތީ އަލްބު ކަމާލްއާ އެތަނާ ކައިރީގައިވާ ބައެއް އަވަށްތަކާއި ސަހަރާތެރޭގެ ބައެއް ތަންތަންކޮޅުގެ އިތުރުން އެކަހެރި ސަރަހައްދުތަކުގައި އައިއެސްގެ ބާރުގެ ދަށުގައި އޮތް ކުދިކުދި ތަންކޮޅުކޮޅެވެ.
ސީރިޔާގެ ގިނަ ސަރަހައްދުތަކުން އައިއެސް ފައްސާލެވުނު ނަމަވެސް ލީބިޔާއާއި އެހެނިހެން ގައުމުތަކުގައި އެ ޖަމާއަތް އުޅެމުންދާތީ އަދިވެސް ބިރުވެރިކަން އެބަ އޮތެވެ.
ސީރިޔާގެ އަސްކަރިއްޔާއާއި ލުބުނާނުގެ ހިޒްބުﷲއާ އެހެނިހެން ޝީއީ ހަނަގުރާމަވެރި ޖަމާއަތްތަކުންވަނީ ރަޝިއާއާއި އިރާނުގެ އެހީތެރިކަމާއެކު ސީރިޔާގެ އިރުމަތީގެ ބޮޑު ސަރަހައްދަކުން މިއަހަރުގެ ތެރޭގައި އައިއެސް ފައްސާލާފައެވެ.
އައިއެސްގެ ބާރު މިހާރު ނެތެމުންދާއިރު އިރާގުގައިވެސް އެ ޖަމާއަތުން މިހާރު ކޮންޓްރޯލް ކުރަމުންދަނީ ކުދިކުދި މަދު އަވަށްތަކެކެވެ. އެމެރިކާއާއި ގުޅިފައިވާ އަސްކަރީ ކޯލިޝަންގެ އިތުރުން އިރާނުގެ މަދަދާއެކު ހަނގުރާމަ ކުރާ އިރާގުގެ ފައުޖުތަކުން އެ ގައުމުގައިވެސް ގެންދަނީ އައިއެސްއާ ދެކޮޅަށް ހަނގުރާމަކޮށް ކުރިއެރުންތައް ހޯދަމުންނެވެ.
ޖަމާއަތުލް ތައުހީދު ވަލް ޖިހާދުގެ ނަމުގައި 1999ގައި ފުރަތަމަ އުފެދިގެން އައި ޖަމާއަތުން އިސްލާމިކް ސްޓޭޓް އޮފް އިރާގު އެންޑް ލެވަންޓް(އައިސިސް)ގެ ނަމަށް ބަދަލުކޮށް އިރާގާއި ސީރިޔާގައި އަމިއްލަ ޚިލާފަތެއް އިއުލާނުކޮށްފައި ވަނީ 2014 ވަނަ އަހަރުއެވެ.