ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް "ލޯންގްޓާމް އޮބްޒާވަރުން" ތަމްރީނު ކުރަން ފަށާފައިވާ ކަމަށް އެ އެޖެންސީ އިން ބުނެފިއެވެ.
އެ އެޖެންސީގެ ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓަރ އިބްރާހިމް ތައްޔިބު ވިދާޅުވީ މިމަހުގެ 10 އިން 11 އަށް "ލޯންގްޓާމް އޮބްޒާވަރުން" ތަމްރީނުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އެގޮތުން ޖުމްލަ 20 އޮބްޒާވަރުން މިފަހަރުގެ ޓްރެއިނިންގައި ބައިވެރިވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެތެރޭގައި ހިމެނެނީ މާލެއިން 4 މީހުންނާއި ރާއްޖޭގެ އެކިސަރަހައްދުތަކުން 16 މީހުންނެވެ.
"ލޯންގްޓާމް އޮބްޒާވަރުން"ނަކީ އިންތިޚާބުގެ ކުރިން ރާއްޖޭގެ ސިޔާސީ މާހައުލު ދެނެގަތުމަށް ހަރަކާތްތެރިވާނެ އޮބްޒާވަރުން ކަމަށް ތައްޔިބު ވިދާޅުވިއެވެ.
ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިޓްރެއިނިން ޕްރޮގްރާމުގައި އިންތިޚާބުތަކުގައި ރައްޔިތުންގެ ބައިވެރިވުމާއި ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ހިއްސާ ކުރާނެއެވެ. އަދި އިންތިޚާބުތަކާއި، އިންސާނީ ހައްގުތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރާނެކަމަށް ތައްޔިބު ވިދާޅުވިއެވެ.
މި ޓްރެއިނިންގް ޕްރޮގްރާމުގައި ދެވޭ މައުލޫމާތުތަކުގެ އަލީގައި އޮބްޒާވަރުން ބަލަންޖެހޭ ކަންކަން ބަލާނެގޮތާއި ވަކިފަރާތަކަށް ނުޖެހި މުސްތަގިއްލުގޮތެއްގައި އިންތިޚާބީ އަދި ސިޔާސީ މާހައުލު އޮބްޒާވްކުރާނެ ގޮތްތައްވެސް ބައިވެރިންނަށް ދަސްކޮށްދޭނެއެވެ.
މިއަހަރުގެ އެޕްރީލްމަހުން ފެށިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ އިންތިޚާބުތަކަށް ތައްޔާރުވުމަށްޓަކައި "އިލެކްޝަންސް ޕްރޮޖެކްޓް" ގެނަމުގައި ޕްރޮޖެކްޓެއް ފަށާފައެވެ. މި ޕްރޮޖެކްޓްގެ މައިގަނޑު މަގުސަދަކީ އިންތިޚާބުތަކުގައި ރައްޔިތުން ބައިވެރިވުން އިތުރުކުރުމެވެ. މި ޕްރޮޖެކްޓުގެ ދަށުން ވަނީ ނިމިގެން ދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އޮބްޒާވްކޮށްފައެވެ.