މިއަދުގެ ދުނިޔޭގައި ގައުމެއް އަޅުވެތި ކުރެވޭނެ އެންމެ ފަސޭހަ ގޮތަކީ އިގްތިސާދީ ގޮތުން ގައުމެއް ބަލިކަށި ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ހޮނިހިރު ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ޚާއްސަ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ މިއަދުގެ ދުނިޔޭގައި އަޅުވެތިކަމުގެ ހިލިހިލާ އަޅުވާނީކީ ޓެރަރިޒަމްގެ ހަމަލާތަކުގެ ތެރެއިން ނޫން ކަމަށާއި އެއް ގައުމުން އަނެއް ގައުމަށް މިއަދު އަޅުވެތި ކަމުގެ ދާތައް ފަތުރަނީ އިގްތިސާދީ ދަންތުރައިގެ ދާތައް ފަތުރައިގެ ކަމަށެވެ. އަދި މިއަދު ގައުމުތަކާ ދެކޮޅަށް މަސައްކަތް ކުރަނީ ފިކުރީ ހަނގުރާމައިގެ ތެރެއިން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މިއަދުގެ ދުނިޔޭގައި ގައުމެއް އަޅުވެތި ކުރެވޭނެ އެންމެ ފަސޭހަ ގޮތަކީ އިގްތިސާދީ ގޮތުން ގައުމެއް ބަލިކަށި ކުރުން. އާމްދަނީ ހޯދުމާއި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އެހެން ގައުމުތަކަށް ބަރޯސާކުރުވުން،" ރައީސް ޔާމީން ވިދާޅުވިއެވެ.
އެ މަނިކުފާނު މިހެންވިދާޅުވިއިރު، ރާއްޖޭގައި ޗައިނާގެ ނުފޫޒު ގަދަވަމުންދާތީ އަވަންޓެރި އިންޑިއާއިންނާއި ރާއްޖޭގެ އިދިކޮޅު ސިޔާސީ ޕާޓީތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ރައީސް ޔާމީން ވިދާޅުވީ އިގްތިސާދީ މިނިވަންކަން ގާއިމްކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ އެންމެ މުހިއްމު ބައިވެރިއަކީ އަމިއްލަ ވިޔަފާރި ތަކުގެ ސިނާއަތު ކަމަށެވެ.
ގައުމުގެ ތަރައްގީގައި އަމިއްލަ ވިޔަފާރިތަކުގެ ދައުރަކީ އަޅާ ކިޔޭ ވަރަށްވުރެ މާ މުހިއްމު ދައުރެއް ކަމަށާއި ގައުމަށް ވަންނަ ފައިސާ އާއި ސަރުކާރުގެ އާމްދަނީ އާއި ވަޒީފާ އުފެއްދުމުގެ އެންމެ މުހިއްމު ބައިވެރިންނަކީ އަމިއްލަ ވިޔަފާރިވެރިން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޕްރައިވެޓް ސެކްޓަރުގެ ކުރިއެރުމަށް ފަހި ސިޔާސަތުތަކެއް ކަނޑައެޅުމަކީ މިއަދުގެ އިގްތިސާދުގެ ނިންމުތަކުގެ އެންމެ މުހިއްމު އަސާސް ކަމަށެވެ. އެމަނިކުފާނުގެ އަމާޒަކަށް ވެފައިވަނީ ގައުމުގެ އިގްތިސާދު ނަގާ ކޮޅަށް ޖެހުން ކަމަށާއި އަމިއްލަ ފައި މައްޗަށް ތެދުވުން ކަމަށް ވެސް ވިދާޅުވި އެވެ.