ކުޅުދުއްފުށީ އެއާޕޯޓްގެ ބިންހިއްކުން ފައްޓަވައި ދެއްވުމަށް ރައީސް އަބްދުﷲ ޔާމީން އެރަށަށް ވަޑައިގަންނަވާއިރު، އެރަށުގެ ރައްޔިތުން ބޭނުންވަނީ އެ ޕްރޮޖެކްޓަށް ހުރަސް އެޅޭފަދަ އެއްވެސް ކަމެއް ނުކުރަން ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ހަސަން ވިދާޅުވީ ރައީސް ޔާމީން އާދީއްތަ ދުވަހު ހަވީރު ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެމަނިކުފާންގެ ދަތުރުފުޅަކީ އެއާޕޯޓް އެޅުމަށް ބިންހިއްކުމަށް ކުރައްވާ ދަތުރުފުޅަކަށް ވުމުން، ކުޅުދުއްފުށީ ގިނަ ރައްޔިތުން ބޭނުންވަނީ އެ ޕްރޮޖެކްޓަށް ހިޔަނި އެޅޭފަދަ އެއްވެސް ކަމެއް ނުކުރަން ކަމަށް އަބްދުލް ލަތީފް ވިދާޅުވިއެވެ.
އަބްދުލް ލަތީފް މި ގޮތަށް ވިދާޅުވީ ފަހަކަށް އައިސް ބައެއް ރަށްތަކަށް ރައީސް އަބްދުﷲ ޔާމީން ވަޑައިގަންނަވާއިރު އެމަނިކުފާނާއި ދެކޮޅަށް އަޑުއުފުލުމަށް ރައްޔިތުން ނުކުމެފައިވާތީ އެކަމާއި ގުޅިގެންނެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ވިދާޅުވީ އާދީއްތަ ދުވަހު ރައީސް ޔާމީން ވަޑައިގެން މަހާޖައްރާފުގެ މަސައްކަތް އިފްތިތާހު ކޮށްދެއްވުމަށް ފަހު، އެރަށުގެ އެއާރޕޯޓް އެޅުމަށް ބިންހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވާނެ ކަމަށެވެ.
އެއާރޕޯޓު އެޅުމަށް އެރަށުގެ ކުޅި ހިއްކުމަށް ގޮސްފައިވާ އެމްޓީސީސީގެ މަހާޖައްރާފަށް އެރަށު އަންހެނުންގެ ފަރާތުން ވަނީ ފަރިވަޅެއް ވެސް އަރުވާފައެވެ. މިކަން އޮތީ ހޮނިހިރު ދުވަހުގެ ހަވީރު ކުޅުދުއްފުށީ ވެލިގަނޑު ސަރަހައްދުގައެވެ. ފަރިވަޅު އެރުވުމުގައި އެ ރަށުގެ 500 އެއްހާ އަންހެނުން ބައިވެރިވެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި މި ހަރަކާތުގައި ބައިވެރިވުމަށް ކުޅުދުއްފުށީގެ ހުރިހާ އަންހެންވެރިންނަށް އާއްމުކޮށް ހުޅުވާލިއެވެ. މިހަރަކާތް ކުރިއަށް ގެންދިޔައީ އެރަށު ޕީޕީއެމް މެމްބަރުން އިސްނަގައިގެންނެވެ.
ނެދަލެންޑްސްގެ އައި.އެޗް.ސީއާ ހަވާލު ކޮށްގެން ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީން ބަނދެފައިވާ މި މަހާ ޖައްރާފަކީ ދިގުމިނުގައި 90 މީޓަރު ހުންނަ އުޅަނދެކެވެ. އަދި 50 މީޓަރު އަޑިން ވެލި ނެގުމުގެ ޤާބިލުކަން ލިބިފައިވާ މި ޑްރެޖަރަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވޭކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.