ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ އިޤުރާރަކުން، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި އަދި 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭގޮތުން ނިންމެވި ނިންމެވުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން މަރުޙަބާ ކިޔައިފިއެވެ.
ހޮނިހިރު ދުވަހު އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޢަދާލަތު ޕާރޓީގެ މަޝްވަރާ މަޖިލީހުގެ އިޤުރާރަކުން ނިންމަވާފައި ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއެކު ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ޤާއިމުކުރުމަށާއި އަދި އެއަށް ފަހު އަންނަ 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ގުޅިފައިވާ ސިޔާސީ ފަރާތްތައް އެކުގައި ގުޅިގެން ކުރިޔަށް ދިއުމަށް ކަމަށެވެ. ޢަދާލަތު ޕާޓީން އެ ނިންމި ނިންމުމަކީ އެމްޑީޕީގެ ވިސްނުމާ އެއްގޮތް ނިންމުމެއްކަމާއި އަދި އެ ޕާޓީން މަސައްކަތް ކުރަން ބޭނުންވާ ގޮތް ކަމަށް ވާތީ، އެ ހަރުދަނާ ނިންމެވުމާ އެއްގޮތަށް ހުރިހާ ޕާރޓީތަކުން ކުރިޔަށް ދިއުމުގެ މުހިއްމުކަން އެ ބަޔާނުގައި ފާހަގަ ކޮށްފައިއެވެ.
.