ކ. މާލެ
|
11 ނޮވެންބަރ 2017 | ހޮނިހިރު 20:41
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު
އެފްއޭއެމް
އޭޝިއަން ކަޕް ކޮލިފައިން
އޭޝިއަން ކަޕް ކޮލިފައިންއަށް ގައުމީ ޓީމު ފަލަސްތީނަށް
ރާއްޖޭގެ ސްކޮޑުން މާ ބޮޑެތި ބަދަލުތަކެއް ފެނިގެނެއް ނުދާނެ
ފަލަސްތީނު އެއްވަނައިގައި އޮތްއިރު ރާއްޖެ އޮތީ ގްރޫޕުގެ ތިން ވަނައިގައި

އޭޝިއަން ކަޕްގެ ކޮލިފައިންގައި ފަލަސްތީނާއި ދެކޮޅަށް ކުޅޭ މެޗަށް ރާއްޖޭގެ ގައުމީ ޓީމު މިރޭ އެ ގައުމަށް ފުރާނެއެވެ.

ފަލަސްތީނާއި ދެކޮޅަށް ނުކުތުމަށް ރާއްޖޭގެ ޓީމު މިރޭ އެ ގައުމަށް ފުރާއިރު ރާއްޖޭގެ  ޓީމުގެ ސްކޮޑުން މާ ބޮޑެތި ބަދަލުތަކެއް ފެނިގެނެއް ނުދާނެއެވެ. އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ފެނިގެން ދާނީ މި ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިބްރާހިމް މަހުދީ ހުސައިން (ކުދުއިއްބެ) އަށާއި މާޒިޔާގެ ޒުވާން ކީޕަރު ހުސައިން ޝަރީފަށް ފުރުސަތު މިފަހަރުގެ ސްކޮޑުން ފުރުސަތުދީފައި ވާތީއެވެ.

މީގެ ކުރިން މި މުބާރާތުގެ ކޮލިފައިންގައި ފަލަސްތީނާއި ދެކޮޅަށް ގަލޮޅު ދަނޑުގައި ކުޅުނު މެޗަށް އޭނާ ނެގި ނަމަވެސް ބޫޓާން އަދި އޮމާންއާއި ދެކޮޅަށް ކުޅުނު މެޗުތަކަށް އޭނާ ނަގާފައެއް ނުވެއެވެ. މާޒިޔާގެ ޒުވާން ކީޕަރަށް މިއީ ގައުމީ ޓީމުން ފުރުސަތު ދިން ފުރަތަމަ ފަހަރަށްވާއިރު އޭނާ މި ސީޒަނުގައި މާޒިޔާއަށް އެއްވެސް މެޗެއް ކުޅެދީފައެއް ނުވެއެވެ.

ހަމައެހެންމެ މިދިޔަ މަހުގެ 10 ވަނަ ދުވަހު އޭޝިއަން ކަޕް ކޮލިފައިންގައި އޮމާންއާއި ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާގެ ސަބަބުން ނުކުޅެވުނު ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ވެސް ވަނީ މި މެޗަށް ނެގި ސްކޮޑުގައި ހިމަނާފައެވެ.

މި ހަފްތާގެ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ގައުމީ ޓީމުގެ ކޯޗު ޑަރަން ސްޓެވާޓް ބުނެފައިވަނީ މިނިވަން ޗެމްޕިއަންޝިޕުން އައި ކުޅުންތެރިންނަށް ފުރުސަތު ނުދެނީ އެ ކުޅުންތެރިން ދަށް ވެގެން ނޫން ކަމަށާއި އެހެނަސް ރަށުން ބޭރުގައި ތަފާތު މާހައުލެއްގައި ކުޅޭ މެޗަކަށް ކުއްލިޔަކަށް އެ ކުޅުންތެރިން ނެގުމަކީ އެންމެ ރަނގަޅު ނިންމުމަށް ނުވެދާނެތީއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) ވިދާޅުވީ ފަލަސްތީނަށް އެތެރެވުމުގައި ދަތިތަކާއި ކުރިމަތިވާނެކަން އެނގޭ ކަމަށާއި އެހެނަސް އެ ގައުމަށް ދާނީ ހުރިހާ ކަމަކަށް ވެސް ތައްޔާރު ވެގެން ކަމަށެވެ.

ގައުމީ ޓީމު މިރޭ ފަލަސްތީނަށް ފުރާއިރު ގައުމީ ޓީމު މިވަގުތު އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާއެކު ގްރޫޕުގެ ތިންވަނައިގައެވެ. ރާއްޖެއާއި ދެކޮޅަށް ނުކުންނަ ފަލަސްތީނުގެ ޓީމު އޮތީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް 12 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނައިގައެވެ.

- ކޮމެންޓް