ކުރިއަށް އޮތް ދެ އަހަރު ރާއްޖޭގައި ބާއްވާ އާންމު އިންތިހާބުތަކުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކާއެކު ގުޅިގެން މަސައްކަތް ކުރުމަށް އަދާލަތު ޕާޓީން ނިންމައިފި އެވެ.
އަދާލަތު ޕާޓީން އާއްމުކޮށްފައިވާ އެ ގަރާރުގައި ބުނެފައި ވަނީ 2018 އަދި 2019 ވަނަ އަހަރުގެ އިންތިހާބުތަކުގައި ގުޅިފައިވާ ސިޔާސީ ފަރާތްތަކާއެކު ގުޅިގެން މަސައްކަތް ކުރުމަށް ނިންމީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ގާއިމުކޮށްގައިވާ، ވެރިކަން ހިންގުމުގެ ނިޒާމު ރޫޅާލައި، ސަރުކާރު ހިންގުމުގެ ބާރުގެ ފަރާތުން ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް ގާނޫނު ހެދުމުގެ ބާރުގެ ތެރެއަށް ވަދެ ރައްޔިތުންގެ މަޖިލިސް ހިންގުން ހުއްޓުވާލައި، ޝަރީއަތް ހިންގުމުގެ ބާރުގެ މައްޗަށް ނުފޫޒު ފޯރުވާފައިވާތީ ކަމަށެވެ.
މީގެ އިތުރުން މިނިވަން މުއައްސަސާތަކާއި ސަލާމަތީ ބާރުތަކުގެ ގާނޫނީ ހައިސިއްޔަތު ކަނޑުވާލާފައިވާތީއާއި، ދިވެހި ދައުލަތުގެ ހާރިޖީ ސިޔާސަތު ބިދޭސީ މަދު ބާރުތަކެއްގެ މައްޗަށް ބަރޯސާކޮށް، ސަރުކާރު ހިންގާ ފަރާތްތަކުން ދައުލަތުގެ މުއްސަނދިކަން ނިގުޅައިގަނެފައިވާ ކަމަށް ވެސް އަދާލަތު ޕާޓީން ނެރެފައިވާ ގަރާރުގައި ބުނެފައި ވެއެވެ.
އަދާލަތު ޕާޓީން ބުނީ ވައްކަމާއި ފަސާދައާއި ހިޔާނާތް އާއްމުކޮށް، ގާނޫނީ ގޮތުން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަން ނިގުޅައިގަނެ، އަދުލްއިންސާފާއި ހަމަހަމަކަން ނައްތާލައި، މިނިވަން ޖުމްހޫރީ ވެރިކަމެއްގެ ސިފަތައް ދިވެހިންގެ ކިބައިން ފިރުކައިގަނެފައިވާ ކަމަށެވެ.
މީގެއިތުރުން އެ ގަރާރުގައި ވަނީ ރައްޔިތުންގެ އެދުމާއި ރޫހު ހުންނަގޮތަށް ވެރިކަން ހިންގަމުންދާކަން ކަށަވަރު ކުރުމަށްޓަކައި ވެރިކަން ހިންގުމުގެ ނިޒާމުގައި ކަނޑައަޅާފައިވާ އެންމެ އަސާސީ ރުކުނަކީ އިންސާފުވެރި އިންތިހާބުތައް ކަމަށެވެ. ނަމަވެސް އިންސާފުވެރި އިންތިހާބުގެ ހައްގުން ރައްޔިތުން މަހުރޫމްކޮށް، ހާމަކަންބޮޑު އަދި ދެފުއްފެންނަ އިންސާފުވެރި އިންތިހާބެއް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެވޭނެ އެންމެ ގާތް މަގުތައް ސަރުކާރުގެ ފަރާތުން ބަންދުކޮށް، ރައްޔިތުންގެ އެދުމާއި ދިމާ އިދިކޮޅަށް ސަރުކާރު ހިންގާފަރާތްތަކުން ދައުލަތުގެ ބާރުތަކުގެ މައްޗަށް އަތްގަދަ ކުރަމުންދާ ކަމަށް ވެސް އަދާލަތު ޕާޓީގެ ގަރާރުގައި ބުނެފައި ވެއެވެ.
އެ ގަރާރު ނިންމާލަމުން ބުނެފައި ވަނީ މިދަނޑިވަޅުގައި، ދިވެހި ގައުމާއި ރައްޔިތުންގެ ހައްގުތައް އިސްކޮށް، ދިވެހި ގައުމަށް މެދުވެރިވެފައިވާ މުސީބާތުން ދިވެހި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު އަލުން އަނބުރާ އިޔާދަކުރުމަށްޓަކައި 2018 ވަނަ އަހަރު ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށާއި 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ގުޅިފައިވާ ސިޔާސީ ފަރާތްތަކަށް އެއްބަސްވެވޭ ޝަރުތުތަކާއެކު ގުޅިގެން ކުރިއަށް ދިއުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން އިގުރާރުކޮށްފައިވާ ކަމަށެވެ.