ކ. މާލެ
|
11 ނޮވެންބަރ 2017 | ހޮނިހިރު 15:40
އިޓަލީ ކޮޅަށް ލަނޑު ޖެހުމަށް ފަހު ސްވިޑެން ކުޅުންތެރިން އުފާފާޅުކުރަނީ
އިޓަލީ ކޮޅަށް ލަނޑު ޖެހުމަށް ފަހު ސްވިޑެން ކުޅުންތެރިން އުފާފާޅުކުރަނީ
ޓްވިޓަރ
ވޯލްޑް ކަޕް ކޮލިފައިން
ވޯލްޑް ކަޕް ކޮލިފައިން: އިޓަލީ ބަލިކޮށް ސްވިޑެން ކޮލިފައިވުމާ ގާތަށް
ސްވިޑެން އަތުން އިޓަލީ ބަލިވީ 0-1 ގެ ނަތީޖާއަކުން

ވޯލްޑްކަޕް ކޮލިފައިންގައި އިޓަލީ ބަލިކޮށް ސްވިޑެން ކޮލިފައިވުމާ ގާތަށް ޖެހިލައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު އިޓަލީއާ ވާދަކޮށް ސްވިޑެން އިން މެޗު ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

ސްވިޑެން ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެމުން ދިޔައީ އެޓީމުންނެވެ. އެގޮތުން އެޓީމުން ވަނީ އިޓަލީގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

ފުރަތަމަ ހާފްގައި ސްވިޑެންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، އިޓަލީން ވަނީ ފުރަތަމަ ހާފްގައި މޮޅު ޑިފެންސެއް ކޮށްފައެވެ. ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ސްވިޑެން އިން ދިޔައީ މޮޅަށް ކުޅެމުންނެވެ. އެގޮތުން އެޓީމުން ވަނީ ދެވަނަ ހާފް ފެށިގެން މާގިނައިރުތަކެއް ނުވަނީސް މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު 63 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެވަނަ ހާފްގައި ކުޅެން އެރި ޖޯހަންސަންއެވެ.

މި ލަނޑަށްފަހު ވެސް ސްވިޑެން އަށް ވަނީ ލީޑު ފުޅާކުރުމަށް ވެސް މެޗުގައި ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ދެވަނަ ހާފްގައި އިޓަލީއަށް ވެސް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން ޑާމިއަން އަށް ލިބުނު ހުސް ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

އިޓަލީ އަދި ސްވިޑެން ބައްދަލުކުރާ ދެވަނަ ލެގު އޮންނާނީ ހޯމަ ދުވަހުގެ ރޭ އިޓަލީ ދަނޑުގައެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން 00:45 ގައެވެ.

އިޓަލީގެ ފުޓުބޯޅަ ތާރީހުގައި 1958 ވަނަ އަހަރު ފަހުން އެޓީމު ވޯލްޑްކަޕަށް ކޮލިފައިނުވުމުގެ ބިރު ވަނީ ހީވާން ފަށާފައެވެ. އިޓަލީ އާއި ސްވިޑެން ހޯމަ ދުވަހު ބައްދަލުކުރާ މެޗުން ދެ ލަނޑުގެ ތަފާތުން އިޓަލީ މޮޅުވާންޖެހޭނެއެވެ.

- ކޮމެންޓް