ގއ. ވިލިނގިލީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކު ވަރަށް ބޮޑަށް ޒަހަމް ވެއްޖެ އެވެ.
ގއ. ވިލިނގިލީ ކައުންސިލްގެ މެމްބަރަކު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެކްސިޑެންޓް ހިނގާފައި ވަނީ ހޮނިހިރު ދުވަހުގެ 11:00 ހާއިރު ކަމަށެވެ. އޭނާ ވިދާޅުވީ އެކްސިޑެންޓް ހިނގާފައި ވަނީ ދެ ސައިކަލެއް ޖެހިގެން ކަމަށެވެ.
ކައުންސިލް މެމްބަރު ވިދާޅުވީ އެތަނުން އެއް ސައިކަލް ދުއްވަން އިން އެކަކުގެ އެއް ފައި ވަރަށް ބޮޑަށް ޒަހަމްވެ ފައިގެ މަސްގަނޑު އިރައިގެންގޮސް، ފައިގެ ކަށިތައް ވެސް ފެންނަން ހުރި ކަމަށެވެ. އަނެއް ސައިކަލްގައި އިން މީހާއަށް ވެސް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށާއި އޭނާގެ ވެސް ކަކުލު ހުޅުން ތިރިއަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވިލިނގިލީ ހޮސްޕިޓަލަށް ގެންގޮސް އެ ދެ މީހުންނަށް ވެސް ފަރުވާ ދެމުންދާ ކަމަށެވެ. އެ ދެ މީހުންގެ އެތެރެހައްޓަށް އަނިޔާ ލިބިފައިވޭތޯ ޓެސްޓްތައް ހަދަންމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކައުންސިލް މެމްބަރު ވިދާޅުވީ މި އެކްސިޑެންޓް ހިނގި ސަރަހައްދަކީ މީގެ ކުރިން ވެސް ތިން އެކްސިޑެންޓެއް ހިގާފައިވާ ހަތަރުއަނގޮޅިއެއް ކަމަށެވެ. އެއީ ވިލިނގިލީގެ އެންމެ ބޮޑު މަގު ކަމަށްވާ، އަމީނީ މަގާއި އެމަގާ ގުޅިފައިވާ ގޯޅިއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކައުންސިލް މެމްބަރު ވިދާޅުވީ އެ ދެ މީހުން ދުއްވި ދެ ސައިކަލަށް ވެސް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށެވެ.