ސައުދީ އަރަބިއްޔާއިން ލުބުނާނާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށްފައިވާ ކަމަށް ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ވިދާޅުވެއްޖެއެވެ.
ސައުދީގައި ހުންނަވައިގެން ލުބުނާނުގެ ބޮޑުވަޒީރު ކަމުން ސާދު ހަރީރީ ހޮނިހިރު ދުވަހު އިސްތިއުފާ ދެއްވާފައިވާއިރު ހަސަން ނަސްރުﷲ ތުހުމަތުކުރެއްވި ގޮތުގައި ހަރީރީ ސައުދީގައި ހުންނެވި އަމިއްލަ އިޚްތިޔާރަކު ނޫނެވެ.
މީގެ އިތުރުން ނަސްރުﷲ ވަނީ ލުބުނާނާ މެދު އިސްރާއީލު ރުޅި އިތުރުކުރުމަށް ސައުދީން މަސައްކަތް ކުރާ ކަމަށް ވެސް ތުހުމަތު ކުރައްވާފައެވެ.
ސައުދީ އަރަބިއްޔާގައި ހުންނަވައި، ޓީވީ މެދުވެރިކޮށް އިސްތިއުފާ އިޢުލާން ކުރައްވަމުން ސާދް ހަރީރީ ވަނީ، ލުބުނާން ހިމެނޭ ގޮތަށް އެސަރަހައްދުގެ ޤައުމުތަކުގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް އީރާނުން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ސާދް ހަރީރީ ވަނީ އޭނާގެ ހަށިކޮޅަށް ނުރައްކާވެދާނެ ކަމުގެ ބިރުއެބަ އޮތް ކަމަށާއި، އިސްތިއުފާ ދެއްވީ އެހެންވެގެން ކަމަށް ވިދާޅުވެފައެވެ.
ހަރީރީގެ އިސްތިއުފާ ލުބުނާނުގެ ރައީސް މިޝޭލް އައޫން ބަލައިގެންފައެއް ނުވެއެވެ. އަދި ސައުދީގައި ހަރީރީ ހުންނެވި ގޭ ބަންދުގައި ކަމަށް ތުހުމަތުކޮށް ރައީސް މިޝޭލް އާއި އެގައުމުގެ ސިޔާސީ އިސްފަރާތްތަކުން ގެންދަނީ ހަރީރީ ގައުމަށް އެނބުރި ވަޑައިގަތުމަށް ޑިމާންޑް ކުރަމުންނެވެ.
އިސްތިއުފާ އިއުލާނު ކުރެއްވި ފަހުން ހަރީރީ އާއްމުކޮށް ވާހަކަ ދައްކަވާފައެއް ނުވެއެވެ.
ޓީވީ މެދުވެރިކޮށް ހުކުރު ދުވަހު ދެއްވި ތަގުރީރެއްގައި ހަސަން ނަސްރުﷲ ތުހުމަތުކުރެއްވި ގޮތުގައި ސައުދީން ދަނީ އިސްރާއީލަށް އެތައް ބިލިއަން ޑޮލަރެއް ދީގެން އެ ގައުމު ލައްވައި ލުބުނާނަށް އަސްކަރީ ހަމަލާއެއް ދިނުމަށް ތައްޔާރުވަމުންނެވެ.