ރ.މަޑުއްވަރީގެ ބަނދަރު ހަދައި ދިނުމަށް އެދި ރޮއި އާދޭސްކުރެއްވި ކަމަށާއި ނަމަވެސް އެކަން ރައީސް އަބްދުﷲ ޔާމިން ނުކޮށްދެއްވި ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވި އެވެ.
މަޑުއްވަރީގައި އިދިކޮޅު ފަރާތްތަކުން ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އަމީތު ވިދާޅުވީ މަޑުއްވަރީ ބަނދަރު ހަދާދޭތޯ މަޖިލީހުގެ މެމްބަރު ކަމަށް ވަޑައިގެންސުރެ މަސައްކަތް ކުރައްވާފައިވާނެ ކަމަށެވެ. ނަމަވެސް އެންމެ ފަހުން ރައީސް ޔާމިން އެރަށަށް ވަޑައިގެންވެސް ބަނދަރުގެ ވާހަކަ ދައްކަވަން ކެރިވަޑައިނުގެންނެވި ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
" އަޅުގަނޑު ހުންނާނެ ސިޓީ ފޮނުވާފައި. ޔާމިން ކައިރިއަށް ގޮސް ރޮއި އާދޭސްކޮށްފަ. ނިހާންމެން ފަހަތުން ދުވެފައި، ޕީޖީ މެމްބަރުން ފަހަތުން ދުވެފައި، ބަނދަރު ހަދާށޭ. ބޭފުޅަކު ވިދާޅުވި 2014، 2015 ވަނަ އަހަރު ބަޖެޓްގައި ހިމެނުއްވި. އެކަމެއް ނުކޮށްދެއްވި. ޔާމިނެއް އެކަމެއް ނުކޮށްދެއްވި،" އަމީތު ވިދާޅުވި އެވެ.
މަޑުއްވަރީގެ ފެނުގެ މަޝްރޫއާއި 50 ފްލެޓްގެ އެޅުމުގެ މަސައްކަތް މިއަހަރުގެ ބަޖެޓްގައި ހިމަނައި، ކުރެހުންތައް ވެސް ނިމިފައި ވާއިރު އަހަރު ނިމެންދާއިރު އެ މަސައްކަތްތައް ނުފެށޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ ގާތަށް ވަޑައިގަންނަވަނީ ހަމައެކަނި ވޯޓުގެ ބޭނުމުގައި ކަމަށްވަންޏާ، ރަށްރަށަށް ވަޑައިގެންނެވީ ކޯޓު އަމުރު ހިތްޕަވައިގެން ކަމަށް ވިދާޅުވެ އަމީތު ވަނީ ރައީސް ޔާމިނަށް ބަހުގެ ހަމަލާތައް ދެއްވާފަ އެވެ.
ރައީސް އަބްދުﷲ ޔާމީން އެންމެ ފަހުން މަޑުއްވަރީއަށް ވަޑައިގަތީ، އެހެން ޕާޓީތަކުގައި އެ ރަށުގައި ދަމާފައިވާ ގުޅިފައިވާ ބެނާތައް، ކޯޓް އަމުރެއްގެ ދަށުން ނެގުމަށް ފަހު އެވެ.
އަމީތު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޭނާއަށް ތާއިދު ހޯދައިދެއްވުމަށް ރައީސް ޔާމީން ވަޑައިނުގަންނަވާ ކަމަށާއި އެމަނިކުފާނުގެ ފަހަތްޕުޅުގައި ހުންނަން ޖެހޭނެ އެއްވެސް ސަބަބެއް ވެސް ނެތް ކަމަށެވެ. އެ ބޭފުޅުން އަމިއްލަ ޒަމީރު ގަބޫލު ނުކުރާ އެތައް ކަމެއް ރައީސް ޔާމީން ވިދާޅުވެެގެން މަޖިލިސް ތެރެއިން ކޮށްދެއްވި ކަމަށާއި ނަމަވެސް ގުރުބާނީގެ އަގު އަދާކުރީ އޭނާ ޖަލަށް ލައިގެން ކަމަށް އަމީތު ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ޝެއިހް އިމްރާނާއި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް ޖަލަށްލާފައި ވަނީ ބޭއިންސާފުން ކަމަށާއި އެއީ ދޭ އަނިޔާއެއް ކަމަށް އަމީތު ވިދާޅުވި އެވެ.
" މީހެއްގެ ހިތުގައި ކުލުނެއް ހިނގާ ކަމަށްވާނަމަ ރަހްމެއް ހިނގާ ކަމަށް ވާނަމަ އެ ރަހްމާއި ކުލުނެއް ހިނގަން ޖެހެނީ އެންމެ ފުރަތަމަ ތިމާގެ އަމިއްލަ ލެޔަށް. އެ ލެޔަށް ހުރުމަތެއް ނެތް މީހަކު އަޅުގަނޑުމެންގެ މައްޗަށް ހުރުމަތެއް އޮންނާނެތޯ. ޔާމިން އެ ހުންނެވީ އަމިއްލަ ބޭބޭފުޅު ލަފުގައި ހިފާ މަގުމަތިކޮށްގެން. އަމިއްލަ ބޭބޭފުޅު ޖަލަށް ލައިގެން އެ ހުންނެވީ. މިއީ ބޮޑު އަނިޔާވެރިއެއް ނޫންތޯ. މި އަނިޔާއާ ދެކޮޅަށް އަޅުގަނޑުމެން ތެދުވީ،" އަމީތު ވިދާޅުވި އެވެ.
އަމީތު ވަނީ ޕީޕީއެމްގެ މެމްބަރުނަށް ވެސް ސަރުކާރަށްކުރާ ތާއިދު އަނބުރާ ގެނެސް އިސްލާހީ މަސައްކަތާ ގުޅުމަށް ގޮވާލާފަ އެވެ.