އަންނަ އަހަރަކީ ދިވެހި ރައްޔިތުން މިނިވަންވެގެންދާނެ އަހަރެއް ކަމަށާއި ބޭ އިންސާފަށް ތާއިދު ނުކުރާ މީހަކު ރައީސް އަބްދުﷲ ޔާމިނަށް ތާއިދުވެސް ނުކުރާނެކަމަށް ރައްޔިތުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ރ.މަޑުއްވަރީގައި ބޭއްވި ޖަލްސާގައި ރޮޒައިނާ ވިދާޅުވީ އަންނަ އަހަރު މި ސަރުކާރު ނިމިގެންދާނެ ކަމަށެވެ.
"މި ދިވެހި ރާއްޖޭގައި ވައްކަމާ ދެކޮޅު މީހަކު، އަނިޔާވެރިކަމާ ދެކޮޅު މީހަކު. ބޭ އިންސާފާ ދެކޮޅު މީހަކު ރައީސް ޔާމިން 2018 ގައި ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރާނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން،" އޭނާ ވިދާޅުވިއެވެ.
އަދި ވިދާޅުވީ ރައީސް ޔާމިނާ ދެކޮޅަށް ވާދަކުރާނެހެން ހީވާ މީހަކަށްވިއަސް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށެވެ.
"2018 އޭ ކިޔާ ރަށްރަށަށް ވަޑައިގަންނަވާއިރު އަޅުގަނޑުމެނަށް މި ފެންނަނީ ކޮން ކަހަލަ މަންޒަރުތަކެއްތޯ. ފުރަތަމަ ކަމަކަށް ވާދަކުރާ އެއްވެސް ކެނޑިޑޭޓަކަށް އެއްވެސް ރަށަކަށް ދިއުމުގެ ފުރުސަތެއް ނެތް. ވާދަ ކޮށްފާނެހެން ހީވާ މީހަކުވެސް ޖަލުގައި ނޫނިއްޔާ ރާއްޖެއިން ބޭރުގައި، ނޫނީ ހުކުމެއް ބޯ މަތި އަޅައިގެން ކޮން އިރަކުތޯ ހުކުމެއް ކުރާނީ ވިސްނަ ވިސްނަ މި ތިބީ،" ރޮޒައިނާ ވިދާޅުވިއެވެ.
ރައީސް ޔާމިން ރަށްތަކަށް ވަޑައިގަންނަވާއިރު ގިނަ ސިފައިންނާއެކު ވަޑައިގެން އުޅުއްވާ މަންޒަރަކީ ތާއިދު ނެތް ވެރިއަކު ގަދަ ބާރުން ވެރިކަމުގައި ހުންނަވާއިރު ފެންނާނެ މަންޒަރުކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.
ތަރައްގީ ކަމަށްބުނެ ހިންގަމުންދާ މަޝްރޫއުތަކަށް ބޮޑެތި ލޯނުތައް ނެގުމަކީ ރައްޔިތުން ކަންބޮޑުވާން ޖެހޭ އަދި އެކަމާމެދު ވިސްނަން ޖެހޭ ކަމެއްކަން ރޮޒައިނާ ފާހަގަ ކުރެއްވިއެވެ. އަދި އަމިއްލަ ޖީބަށް ފައިސާ ވަންނަ ގޮތައް ރާއްޖޭގެ ރަށްތައް ވިއްކައިގެން ހޯދާ ތަރައްގީ ބޭނުން ނުވާކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.
"ރައްޔިތުންނަށް ބިރު ދައްކައި، ރައްޔިތުންނަށް ނުފޫޒު ފޯރުވާ ގަދަ ކަމުން މިނިވަންކަން ނަގާލައިގެން ހުރިހާ މިނިވަން މުވައްސަސާތަކެއް މުށްދަށަށް ލައިގެން ބާރުވެރި ދުވަސްތައް ނިމެން ވަރަށް ކައިރިވެއްޖެ. އަޅުގަނޑުމެން މި ތިބީ 2018ގެ އިންތިޒާރުގައި،" އޭނާ ވިދާޅުވިއެވެ.