ޕީޕީއެމްގެ ސަރުކާރު ވެރިކަމަށް އައިފަހުން މި ރާއްޖެއިން ވަނީ ޖުމްހޫރީ ވެރިކަމުގެ ސިފަ ގެއްލިފައި ކަމަށް މި ސަރުކާރުގެ އެންމެ ފުރަތަމަ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަސްދޮޅަށް މިނެޓް"ގައި ވާހަކަ ދައްވަމުން ޑރ.ޖަމީލް ވަނީ ރައީސް އަބްދުﷲ ޔާމިނާއި ޕީޕީއެމްގެ މަޖިލިސް ބައެއް މެމްބަރުންގެ މައްޗަށް ކޮރަޕްޝަންގެ ތުހްމަތުތައް ކުރައްވާފަ އެވެ. ކުރީގެ ރައީސުންނަށާއި އިދިކޮޅު ލީޑަރުންނާ ގުޅޭ ގޮތުން ޕީޕީއެމްގެ މެމްބަރުން ދައްކާ ވާހަކަތަކުގެ ބޭނުމަކީ ސަރުކާރުގެ ތެރޭގައި ހިންގާ ގާނޫނާ ހިލާފު ކަންކަން ފޮރުވުން ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
"މިހާރުގެ ޕީޕީއެމްގެ ވަރަށް ޖޫނިއާ ކުދިންކޮޅަކާއި އެ ބޭފުޅުންނާ އެކީގައި މިހާރު މަޖިލިސް މެމްބަރުން ކަމަށް ވިދާޅުވާ ބޭފުޅުން އެކި ތަންތަނުގައި ދައްކަވާ ވާހަކަތަކަށް ބަލާއިރު މި ވާހަކަތަކުގެ މައިގަނޑު މަގުސަދެއް ކަމަށް އަޅުގަނޑަށް ފާހަގަ ކުރެވެނީ މިހާތަނަށް އެ ބޭފުޅުންގެ ފަރާތުން ފެނިފައިހުރި ލަދުވެތި އަދި ހިތާމަވެރި އަމަލުތަކާއި ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތައް ފާޅުގައި މުގުރާލާ ދިވެހި ރާއްޖޭގައި މިހާތަނަށް ގެނެސްފައިވާ ޑިމޮކްރޮޓިކް ވެށި ކިނލަނބުކޮށްލާފައި އެ ބޭފުޅުން ރާއްޖޭގެ ހަޒާނާ އާއި ރާއްޖޭގެ ބައިތުލްމާލާއި ރާއްޖޭގައި ހުރި މުދާވެރިކަމާއި މުއްސަނދިކަން ބޭރުގެ ފަރާތްތަކަށާއި އަމިއްލަ މަސްލަހަތަށް ނަގާފައިވާތީ، ހަގީގަތުގައި މިކަންކަން ފޮރުވުން،" ޑރ. ޖަމީލް ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި މި ސަރުކާރު އައިފަހުން ރާއްޖޭގެ ގާނޫނު އަސާސީގެ ތަރަހައިގެ ތެރެއިން އެއްވެސް މުއައްސަސާ ހިނގަމުންނުދާކަން ފާހަގަ ކުރެއްވިފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގައި އިންސާފު ޝަރީއަތެއް ހިންގޭނެ މާހައުލެއް ނެތްއިރު އިންސާފުވެރި ހުކުމެއް މީހުންގެ މައްޗަށް ކުރެވެމުންދޭތޯ ޑރ. ޖަމީލް ވަނީ ސުވާލު އުފައްދަވާފަ އެވެ.
"ހެއްކާ ގަރީނާއާއި މިނިވަން ގޮތެއްގައި، އަދުލުވެރި ގޮތެއްގައި އިސްލާމްދީނާ އަޅުގަނޑުމެންގެ ގާނޫނު އަސާސީން ގެނެސްދީފައިވާ ހަމައާ އުސޫލުތަކުގެ ތެރޭގައި ހިންގާ ގާނޫނެއް އެބަ އޮތްތޯ؟ މިއީ ރާއްޖޭގެ ރައްޔިތުން މިކަންކަން ބައްލަވާލައްވައިފި ނަމަ އަޅުގަނޑުމެންގެ ލޮލުން ކަރުނަ އަންނާނެ. ކިތައް ރައްޔިތުންނަށްތޯ ނުހައްގުން ޖަލުތަކުގައި އަދަބު ލިބިގެން އެދަނީ. ކިތައް ބޭފުޅުންތޯ ޖަލުތަކުގައި އަނިޔާ ލިބި އެ އަނިޔާތަކަށް ކެތް ނުކުރެވިގެން ޖަލުތަކުގައި ފުރާނަ ދޫކޮށްދަނީ،" ޑރ. ޖަމީލް ވިދާޅުވި އެވެ.
ތަރައްގީގެ ނަމުގައި ސަރުކާރުން ހިންގަމުންދާ މަޝްރޫއުތަކުން ޕީޕީއެމްގެ މަޖިލިސް މެމްބަރަކަށް ނުވަތަ ރައީސް އަބްދުﷲ ޔާމިނަށް ޒާތީ މަންފާ ލިބިދީފައި އޮންނާނެ ކަމަށްވެސް ޑރ. ޖަމީލް ވަނީ ތުހްމަތު ކުރައްވާފަ އެވެ.
"އެނބޫދޫ ފިނޮޅާއި މާލޭގެ ނަސަންދުރަ އާއި މާލޭގެ މޫނުމަތީގައި ހިންގާ އެކިއެކި ޕްރޮޖެކްޓްތަކަށް ވިސްނާލައިފި ކަމަށްވާ ނަމަ މި ޕްރޮޖެކްޓްތަކަކީ ހަގީގަތުގައި މީގެ ފަހަތުގައި ރައްޔިތުންނަށް ސީދާ ބޮޑެތި ފައިދާތައް ލިބިދިނުމުގެ ބަދަލުގައި މިއިން ކޮންމެ ޕްރޮޖެކްޓަކީ ސީދާ ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ މަޖިލީހާ އަދި ޕީޕީއެމްގެ ތެރޭގައި ތިއްބެވި ބޭފުޅުންނަށް މަންފާ ލިބިދޭ ގޮތަށް ނޫނީ ހިންގާފައެއް ނެތް،" ޑރ ޖަމީލް ވިދާޅުވި އެވެ.
ރާއްޖޭގެ އިސްތިގުލާލަށް މީގެ ކުރިން ބޭރުގެ ބަޔަކުވެސް ނުދޭ ފަދަ ބޮޑު ގެއްލުމެއް މި ސަރުކާރުން ދީފައިވާ ކަމަށް ތަކުރާރުކޮށް ފާހަގަ ކުރައްވައި، ޖަމީލް ވިދާޅުވީ އެމަނިކުފާނުގެ އެ ތުހްމަތުތަކަކީ ހަގީގަތެއްކަން މިނިވަން ތަހްގީގެއްކޮށްފި ނަމަ ސާބިތުވެގެންދާނެ ކަމަށެވެ.