ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން އިދިކޮޅު ފަރާތްތަކުންކުރާ މަސައްކަތްތުގައި އެހީތެރިވެ އެކަމުގެ އަޑީގައި އޮތީ ސްރީ ލަންކާ ސަރުކާރު ކަމަށް ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ކުރެއްވި ތުހުމަތުތަށް ސްރީ ލަންކާގެ ކުރީގެ ރައީސްގެ ދަރިކަލުން ނަމަލް ރާޖަޕަކްސާ ދޮގުކުރައްވައިފިއެވެ.
ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ވެސް ހުންނެވި ނަމަލް ރާޖަޕަކްސާ މިހެން ވިދާޅުވެފައި ވަނީ ހުކުރު ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ނަމަލް ވިދާޅުވެފައިވަނީ ރިޔާޒު ކުރެއްވި ތުހުމަތުތަކާމެދު ކަންބޮޑުވާ ކަމަށާއި ލަންކާގެ ސިޔާސަތަކީ އަބަދުވެސް އެހެން ގައުމުތަކުގެ ސިޔާސީ މަސްރަހުގައި ހިނގާ ކަންކަމާމެދު ނުފޫޒު ނުފޯރުވުން ކަމަށެވެ. ހަމައެހެންމެ އޭނާ ވިދާޅުވެފައިވަނީ ރާއްޖޭގެ ސަރުކާރު ވައްޓާލަން އެއްވެސް ހާލެއްގައި ލަންކާ ސަރުކާރުން މަސައްކަތް ކޮށްފައި ނުވާނެ ކަމަށާއި އެކަމުގައި ލަންކާއިން މިހާތަނަށް އަމަލުކުރަމުން އައި ސިޔާސަތުބަދަލު ނުވާނެ ކަމަށް އުއްމީދު ކުރަށްވާ ކަމަށެވެ.
ނަމަލް މިގޮތަށް ޓްވީޓް ކުރައްވާފައި މިވަނީ ވެރިކަން ކުރާ ޕީޕީއެމްގެ ނާއިބު ލީޑަރު މަގާމުގައި ވެސް ހުންނެވި ރިޔާޒު 'މިހާރު' ނޫހަށް ދެއްވި އިންޓަވިއުއަކާ ގުޅިގެންނެވެ. މި އިންޓަވިއުގައި ރިޔާޒު ވިދާޅުވެފައި ވަނީ ރާއްޖޭގެ ސަރުކާރު ވައްޓާލަން އުޅެނީ ލަންކާ ސަރުކާރުގެ ވެރިން އަޑީގައި ތިބެގެން ކަމަށާއި އިދިކޮޅު ފަރާތްތަކުން ސަރުކާރު ވައްޓާލަން ކުރަމުންދާ މަސައްކަތްތަކަށް ލަންކާ ސަރުކާރުގެ އެހީތެރިކަން ލިބެމުންދާ ކަމަށެވެ.
ރިޔާޒު މިގޮތަށް ތުހުމަތު ކުރަށްވާފައިވާއިރު އިދިކޮޅު ފަރާތްތަކުގެ އިސްވެރިންނާއި އިދިކޮޅު އިއްތިހާދުގެ ގިނަ އަދަދެއްގެ މެމްބަރުން ސްރީ ލަންކާގައި ދިރިއުޅެމުންދެއެވެ.