ސަރުކާރުން ބޭނުންވީ ގޯސްކޮށްކުރާ ކަންކަމުގެ ވާހަކަ ދެއްކިޔަ ނުދީ ދުލުގައި ތަޅު އަޅުވަން ކަމަށް ރ. މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
ރ. މީދޫގައި ހުކުރު ދުވަހު ހަވީރު ބޭއްވި ކަންމަތީ ބައްދަލުވުމެއްގައި އަމީތު ވިދާޅުވީ މިއަދުވެސް މީދޫއަށް ފެނުނު މަންޒަރަކީ އަނިޔާވެރިކަމާ ދެކޮޅުކަމުގެ މަންޒަރު ކަމަށެވެ. އަދި ކޮރަޕްޝަނާއި ފަސާދައާ ދެކޮޅުކަމުގެ މަންޒަރު ކަމަށެވެ.
ގާނޫނު އަސާސީގައި ބުނެފައިވާ ގޮތާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އަމީތު ވިދާޅުވީ އޭނާ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދަކީ ތަރައްގީ އަށް ބާރު އެޅުމާއި ރައްޔިތުންގެ އަޑު މަޖިލީހުގައި އިއްވުމުގެ ވައުދުކަމަށެވެ. އެގޮތުން ކޮރަޕްޝަނާއި ފަސާދައާއި އަނިޔާވެރިކަމުގެ ވާހަކަ އަދި ރައްޔިތުންގެ އަތުން ނަގާ ޓެކްސް ފައިސާއިން އެ ރައްޔިތުންނަށް ހަރަދު ނުކޮށް ވަކި ބައެއްގެ ޖީބު ބޮޑު ކުރަމުން ދާތީ އެ ވާހަކަ ދެއްކުމުން ސަރުކާރުން ބޭނުންވީ ދުލުގައި ތަޅު އަޅުވަން ކަމަށް އޭނާ ވިދާޅުވި އެވެ. އެ ވާހަތައް ދައްކަން ފެށުމުން ލީ ޖަލަށް ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.
"އެކަންކަމަކީ އަޅުގަނޑު އަމާންދޭނެ ކަމެއް ނޫން. އެވާހަކަތައް ނުދައްކާ ހަގީގީ ތަރައްގީއެއް ނުލިބޭނެ،" އަމީތު ވިދާޅުވިއެވެ.
ހައްދުފަހަނަ އަޅާދާ މިންވަރަށް އެއްވެސް ވެރިއަކަށް ކުރުނީސް ކޮށްގެން ނުވާނެ ކަމަށާއި ހުދުމުޚްތާރު ވެރިއަކަށް ބޯ ލަނބާކަށް ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހިޔާނާތާއި ވައްކަމުގެ ވާހަކަ ނުދައްކައިފި ނަމަ، އެ އަމަލުތައް ހިންގާ މީހުން ފައިސާ ތަކާއެކު ފިލާނެ ކަމަށާއި، ބިކަވާނީ ރައްޔިތުން ކަމަށް އަމީތު ވިދާޅުވި އެވެ.
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ އަމީތު ކަންކުރެއްވީ ގައުމާއި އޭނާގެ ދާއިރާގެ ހައްގުގައި ކަމަށާއި ރައީސް ޔާމީނާ ހިޔާލު ތަފާތު ވުމަކީ ގޮނޑި ގެއްލެންވީ ކަމެއް ނޫން ކަމަށެވެ. އަމީތާމެދު ރައީސް ޔާމީން ރުހިވަޑައިނުގަތީ ޝިފާޒު ވިދާޅުވި ގޮތުގައި އަބުރުގެ ބިލަށް އަމީތު ދެކޮޅު ހެއްދެވުމުންނެވެ.
މިއަދުގެ ކަންމަތީ ބައްދަލުވުމުގައި ޢަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރު ޑރ ޢަބްދުލް މަޖީދު ޢަބްދުލް ބާރީ ވިދާޅުވީ 2008 ގައި ދިވެހިރައްޔިތުން ބަލައިގަތީ ހަމަހަމަ އުސޫލުން އިންސާފްވެރިކަމާއެކު ކަންކުރެވޭނެ ގާނޫނުއަސާސީއެއް ކަމަށެވެ. އެކަމަކު މިސަރުކާރުން މިވަނީ ގާނޫނުއަސާސީގެ ހުރުމަތް ކަނޑާލާފައި ކަމަށާއި ސަރުކާރާއި މުއައްސަސާތަކުން ކަންކަން ކުރަމުން ދަނީ ޤާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ.
މަޖީދު ވިދާޅުވީ ރައްޔިތުން ބޭނުން ވަނީ ގާނޫނުތަކަށް ބޯލަނބާނެ ވެރިކަމެއް 2018ގައި ގެނައުން ކަމަށާއި އިދިކޮޅު ޕާޓީތަކުން ކުރަމުން މިދަނީ އެ މަސައްކަތް ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ކިނބިދޫ ދާއިރާގެ މެންބަރު ޢަބދުﷲ ރިޔާޒް ވިދާޅުވީ މިސަރުކާރުން ވެރިކަމަށް އާދެވުނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ތާއިދާ އެކަމަކު ކަމަށާއި ނަމަވެސް ކޯލިޝަނުން ޖޭޕީ ވަނީ ބޭރުކޮށްލާފައި ކަމަށެވެ. ސަރުކާރަށް ތާއީދު ކުރި އެންމެން ފެއަށް ޖެހިފައިވަނީ ވެރިކަން ކުރަން ތިބި މީހުން ހިންގާ ނޭދެވޭ އަމަލްތަކުގެ ސަބަބުން ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.