ގުޅިފައިވާ ޕާޓީތަކުން ހަފްތާ ބަންދާއި ދިމާކޮށް ރ އަތޮޅުގައި ހިންގާ ހަރަކާތްތަކުގެ ތެރެއިން ރ މަޑުއްވަރީއަށް ވަޑައިގަތުމުން އެރަށުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ދެވަނަ ޓީމު ހުކުރު ދުވަހުގެ އިރުއޮއްސުނު ވަގުތު މަޑުއްވަރީއަށް ވަޑައިގެންނެވިއިރު އެރަށުގެ ބަނދަރު ސަރަހައްދު ވަނީ އެޓީމަށް މަރުހަބާ ކިއުމުގެ ގޮތުން ވަރަށް ބޮޑަށް ޒީނަތްތެރި ކޮށްފައެވެ. އަދި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މާބޮނޑިތައް ހިފައިގެން އެޓީމަށް މަރުހަބާ ކިއުމަށް ބަނދަރުމައްޗަށް ޖަމާވެފައެވެ. އޭގެ ތެރޭގައި އަންހެންވެރިން ގިނަކަން ފާހަގަ ކޮށްލެވެއެވެ.
ގުޅިފައިވާ ޕާޓީތަކުން ރ އަތޮޅުގައި ހިންގާ ހަރަކާތްތަކުގެ ތެރެއިން ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްސަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މަޑުއްވަރީގައެވެ. ހުކުރު ދުވަހުގެރޭ 9:15 ގައި ފެށުމަށް ހަމަޖެހިފައިވާ މިޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މަޑުއްވަރީ އުސްފަސްގަނޑު ސަރަހައްދުގައެވެ. އެކަމަށްޓަކައި އެސަރަހައްދު ވަރަށް ބޮޑަށް ތައްޔާރު ކުރެވިފައިވާއިރު މި ޖަލްސާގައި ގުޅިފައިވާ ޕާޓީތަކުގެ އިސް ބައެއް ބެފުޅުން ވާހަކަ ދެއްކެވުމަށް ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ހިމެނިވަޑައިގަންނަވައެވެ.
ގުޅިފައިވާ ޕާޓީތަކުން ހަފްތާ ބަންދާ ދިމާކޮށް ރ އަތޮޅުގައި ހިންގާ ހަރަކާތް ފަށާފައިވަނީ ރ އަތޮޅު މީދޫއިންނެވެ. މިއަދު ހެނދުނު މީދޫއަށް ގުޅިފައިވާ ޕާޓީތަކުގެ ޓީމް ވަޑައިގަތުމުން އެރަށުންވެސް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
މީދޫގައި މިއަދުގެ ހުކުރު ނަމާދަށްފަހު އޮތީރަށުގެ ބައެއް ގޭގެއަށް ދޮރުން ދޮރަށް ހިންގުމެވެ. އެއަށްފަހު މީދޫ ބަނދަރު ސަރަހައްދުގައި ވަނީ ކަންކަމަތީ ބައްދަލުވުމެއް ބާއްވާފައެވެ.
ރ އަތޮޅަށް ގުޅިފައިވާ ޕާޓީތަކުން ވަޑައިގެންނެވި ޓީމުގައި ގުޅިފައިވާ ޕާޓީތަކުގެ ބައެއް އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނިވަޑައިގަންނަވައެވެ. ބައެއް ބޭފުޅުން ހުކުރު ދުވަހު މިއަތޮޅަށް ވަޑައިގެންނެވިއިރު ބުރާސްފަތި ދުވަހުވެސް ވަނީ ބައެއް ބޭފުޅުން މިއަތޮޅަށް ވަޑައިގެންފައެވެ.