ތިނެއް ނޮވެމްބަރުގެ އުދުވާނީ ހަމަލާއިން ގައުމަށް ލިބުނު ގެއްލުމަށް ވުރެ، ޕީޕީއެމްއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މި ގައުމަށް ދިން ގެއްލުން ބޮޑު ކަމަށް މި ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ބައެއް މެމްބަރުންނަށް ޑރ. ޖަމީލް ބަހުގެ ހަމަލާތަކެއް ދެއްވާފައިވަނީ ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުޙައްމަދު ނިހާން ހުސެއިން މަނިކާއި ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބާއެކު ނަންގަންވާފައިވާ ފޮޓޯއަކާއެކު ކުރެއްވި ޓުވީޓެއްގައެވެ.
Dhivehi qaumah Nov 3 ge udhuvaanee hamalaa ah vure bodu gehlumeh PPM ge Majlis membarun dheefai vey. “ATM” machine fahathun e beyfulhun goathi hoadhai, mudhaa verinnah vehjje. Rayyithun ge mussadhi vee DHARANI. pic.twitter.com/dF8Rw1FzbF
— Mohamed Jameel Ahmed (@MJameelAhmed) November 10, 2017
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް އިޝާރަތްކުރައްވައި ޑރ. ޖަމީލް ވިދާޅުވައިވަނީ "އޭޓީއެމް މެޝިންގެ ފަހަތުން އެ ބޭފުޅުން (ޕީޕީއެމްގެ މެމްބަރުން) ގޯތި ހޯދައި، މުދާ ވެރިންނަށް ވެއްޖެ" ކަމަށެވެ. ރައްޔިތުން ވީ ދަރަނި ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.
ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާއާ ގުޅުވައިގެން ޑރ.ޖަމީލް ޓޫވީޓެއް ކުރެއްވީ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ނަމުގައި ބުރާސްފަތި ދުވަހުގެ ރޭ ޕީޕީއެމްއިން ކާނިވާ ސަރަހައްދުގައި ޖަލްސާއެއް ބާއްވާފައި ވަނިކޮށެވެ. އެ ޖަލްސާގައި ނަސްރު ދުވަހުގެ ޒިކުރާ އާކުރުމަށް ވުރެ ބޮޑަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑު ވިދާޅުވެފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުން ޖަލްސާއަށް އަމާޒުވެގެން ދިޔަ އެވެ.