އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކުރިން ރާއްޖެޓީވީ ބަންދުކުރަން ބޭނުންފުޅުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ޕީޕީއެމްގެ ބައެއް މެމްބަރުންގެ ގާތުގައި ވިދާޅުވެފައިވާކަމަށް އެ މެމްބަރުންނާ ހަވާލާދީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވީ 2018ގެ ކުރިން ރާއްޖެޓީވީ ބަންދުކުރަން ބޭނުންފުޅުވާކަމަށް ރައީސް ޔާމިން ޕީޕީއެމްގެ ބައެއް މެމްބަރުންގެ ގާތުގައި ވިދާޅުވިކަމަށް އެ މެމްބަރުން އަމީތު ގާތުގައި ދެންނެވީ އަބަރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު ތައްޔާރުކުރަމުން ދިޔައިރު ކަމަށެވެ.
"އަޅުގަނޑުމެން އަބުރުގެ ބިލުގެ މަސައްކަތްކުރިއިރުގަ ޕީޕީއެމްގެ މެމްބަރުން އަޅުގަނޑުގާތު ވިދާޅުވެފަ އެބަހުރި އަބުރުގެ ބިލުގެ މައްސަލާގައި ޔާމިނާ ތިމަންނަމެން މަޝްވަރާ ކުރީމަ ޔާމިން ބުނެފައި ހުއްޓޭ 2018ގެ އިންތިހާބުގެ ކުރިން ތިމަންނަ ބޭނުންވެ އޭ ރާއްޖެޓީވީ ބަންދުކުރަން،" އޭނާ ވިދާޅުވިއެވެ.
ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގައި މީގެ ކުރިން މަސައްކަތްކުރި އަމީތު ވިދާޅުވީ ރައީސް ޔާމިނާ މައްސަލަ ޖެހެން ފުރަތަމަ ދިމާވި އެއް މައްސަލައަކީވެސް އަބުރުގެ ގާނޫނު ކަމަށެވެ. އަދި ވިދާޅުވީ އަބުރުގެ ގާނޫނުގައި ހުރި ގިނަ މައްސަލަތަކެއް ރައީސް ޔާމިނަށް ދެންނެވުމުންވެސް އެކަން އެމަނިކުފާނު ގަބޫލުފުޅު ނުކުރެއްވި ކަމަށެވެ.
އަމީތު ވިދާޅުވީ ނޫސްވެރިންނަށް އަމާޒުކޮށްގެން ތަފާތު ގާނޫނުތައް ގެނައުމުގެ ބޭނުމަކީ ރައީސް ޔާމިން ހިތްޕުޅާނުވާ މީޑިއާތައް ނައްތާލުން ކަމަށެވެ. އެހެން ނަމަވެސް މިނިވަން މީޑިއާ ފޮހެނުވޭނެ ކަމަށާއި މިނިވަން "ދުލުގައި ތަޅު ނޭޅުވޭނެ" ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އަމީތު ވިދާޅުވީ މިނިވަން މީޑިއާ ފުރުސަތު ރާއްޖެއަށް ކުޑަވެގެން ދާކަން ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ. އަދި އާ ގާނޫނު އަސާސީން ލިބިދީފައިވާ ހުރިހާ ހައްގެއް މިހާރު ވަނީ "މުގުރާލާފައި" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ޕެނަލްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ވައްކަން ކުރާނަމަ އެ ވާހަކަ ނޫސްވެރިން ދައްކަން ޖެހޭނެ ކަމަށާއި ނަމަވެސް ނޫސްވެރިން "މަރާލުމަށް" މަސައްކަތް ކުރަނީ ހުދުމުހްތާރު ވެރިކަމެއް ކުރުމަށް ބޭނުންވާތީ ކަމަށެވެ.
އޭގެ އިތުރުން ޝިފާޒް ވަނީ ސަރުކާރުން މިނިވަން މީޑިޔާތަކަށާއި އަދި ނޫސްވެރިނަށް ބިރުދެއްކުމުގެ އަމަލުތައް ހިންގާފައި ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި މިނިވަން މީޑިއާއަށް ފުރުސަތު ލިބިގެންދާނީ މިނިވަން މީޑިއާއެއް އޮންނަން ޖެހޭކަމަށް ގަބޫލުކުރާ ވެރިކަމެއް އުފެދިގެންނެވެ.