ވިއެޓްނާމުގައި މިހާރު ކުރިއަށްދާ އޭޝިއާ-ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ސަމިޓްގެ ހާވާސާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ރަޝިއާގެ ރައީސް ލެޑްމިއަރ ޕޫޓިން ބައްދަލު ކުރައްވާނެ ކަމަށް ކްރެމްލިންގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.
ރަޝިއާގެ ނިއުސް އެޖެންސީތަކަށް ކްރެމްލިންގެ ތަރުޖަމާނު ޔޫރީ އުޝަކޯވް ވިދާޅުވީ ދެ ރައީސުން ބައްދަލު ކުރައްވާނެ ކަމަށާއި ގަޑިވެސް ކަނޑައެޅިފައިވާ ކަމަށެވެ. އެހެންނަމަވެސް އޭނާ ބައްދަލުވުމުގެ ގަޑިއެއް ހާމަ ނުކުރައްވައެވެ.
ރައީސް ޓްރަމްޕް ގެންދަވަނީ އޭޝިއާގެ ގައުމުތަކަށް ހާއްސަ ދަތުރުފުޅެއް ކުރައްވަމުންނެވެ. އެމެރިކާ އާއި ރަޝިއާގެ މިހާރުގެ ދެ ރައީސުން އެންމެ ފުރަތަމަ ބައްދަލު ކުރައްވާފައި ވަނީ މިދިޔަ ޖުލައި ގައި ބޭއްވުނު ޖީ-20 ސަމިޓުގައެވެ. އެހެންނަމަވެސް އެމެރިކާގެ ކޮންގްރެސްއިން އޭގެފަހުން އައު ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ސަބަބުންނާއި ރަޝިއާއިން އެގައުމުގެ ތިބޭ އެމެރިކާ ޑިޕްލޮމޭޓުންގެ އަދަދު ދަށްކުރުމަށް ނިންމުމުގެ ސަބަބުން ދެގައުމުގެ ގުޅުން ވަނީ ހީނަރުވެފައެވެ.