ރާއްޖެޕްލަސްގެ ލައިސަންސް ބާތިލްކުރި މައްސަލަ މުރާޖައާކޮށްދިނުމަށް ބްރޯޑްކޮމްއިން ދެކޮޅު ހަދައިފިއެވެ.
ރާއްޖެ ޕްލަސްގެ ނަމުގައި ހިންގަމުން އައި ޗެނެލްގެ ލައިސަންސް ބާތިލްކޮށްފައި ވަނީ، ގާނޫނާއި އަމަލު ކުރަމުންދާ އުސޫލްތަކާ ހިލާފަށް ކަމަށް ސާބިތު ކުރެވޭނެ ހެކި ހުރުމާ އެކު އެ ނިންމުން އަލުން މުރާޖާ ކޮށްދިނުމަށް އެދި ބްރޯޑްކާސްޓިންގ ކޮމިޝަނުގައި ރާއްޖެޕްލަސް އިން އެދުމުން އެ ކޮމިޝަނުން ބުނެފައި ވަނީ އާރު ޕްރޮޑަކްޝަންގެ ދަށުން ހިންގާ ރާއްޖެޕްލަސްގެ ލައިސަންސް ބަތިލް ކުރީ، ކޮމިޝަނުން ދޫކޮށްފައިވާ ލައިސަންސްގެ ދަށުން ބްރޯޑް ކާސްޓްކުރުމަށް ހުއްދަ ދީފައިވާ ވަސީލަތްތައް ބޭނުންކޮށްގެން ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފޯރުވައިދީފައިނުވާތީ ކަމަށެވެ. އެހެންކަމުން އޮކްޓޯބަރު 26، 2017 ގައި އެކޮމިޝަނުން ރާއްޖެޕްލަސްގެ ލައިސަންސް ބާތިލް ކުރަން ނިންމި މައްސަލަ އިތުރަށް މުރާޖައާކޮށްދެވެން ނެތް ކަމަށާއި، އެ ނިންމުމަށް އިތުރު ބަދަލެއް ގެންނަން ނުޖެހޭ ކަމަށް ވެސް ކޮމިޝަނުން ވަނީ ބުނެފައެވެ.
އާރް ޕްރޮޑަކްޝަނުން ނެރުނު ބަޔާނެއްގައި ބުނީ އާރް ޕްރޮޑަކްޝަންގެ ބްރޯޑްކާސްޓިން ލައިސަންސް ބާތިލްކުރީ ކަނޑައެޅިފައިވާ މުއްދަތު ތެރޭގައި ހިދުމަތް ފަށާފައިނުވާތީ ކަމަށް ބްރޮޑްކާސްޓިން ކޮމިޝަނުން ހާމަކުރި ނަމަވެސް އެއީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. އާރް ޕްރޮޑަކްޝަނުން ބުނީ އެ ކުންފުނީގެ މިލްކުވެރިކަން ބަދަލު ކުރި ލައިސަންސަކީ، ކުރިން ޖޯޓެކް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ލައިސަންސެއް ކަމަށެވެ. އެ ލައިސަންސްގެ ދަށުން ޖޯޓެކުން "ވައި ޓީވީ" ނަމުގައި ޗެނެލްއެއް ހިންގި ކަމަށް ވެސް ބަޔާނުގައި ވެއެވެ. އެގޮތުން އާރް ޕްރޮޑަކްޝަން އަށް ވައި ޓީވީގެ ލައިސަންސްގެ ހައްގުތައް ބަދަލުކުރުމުގެ މާކުރިން، އެ ލައިސަންސްގެ ދަށުން ވައި ޓީވީގެ ނަމުގައި ދިޔައީ ބްރޯޑްކާސްޓް ކުރަމުން ކަން ސާބިތު ކުރެވޭ ކަމަށެވެ.
މީގެ އިތުރުން ބަޔާނުގައި ބުނެފައި ވަނީ ވައި ޓީވީގެ ނަމުގައި ދިގު މުއްދަތަކަށް ހިދުމަތް ދީފައިވާ ލައިސަންސެއް، މުއްދަތުގައި ހިދުމަތް ފަށާފައި ނުވާ ކަމަށް ކޮމިޝަނުން ބުނުމަކީ އެއްވެސް ހަމަޔަކުން ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، "ރާއްޖެ ޕްލަސް"ގެ ނަމުގައި ދައްކަމުން ދިޔައީ އެ ލައިސަންސްގެ ދަށުން ދެމުން ދިޔަ ހިދުމަތެއްގެ ގޮތުގައިކަން، ރާއްޖޭގެ ބްރޯޑްކާސްޓިންގް ދާއިރާ މޮނިޓަރކޮށް ބެލެހެއްޓެވުމުގެ ޒިންމާ ހަވާލު ކުރެވިފައިވާ މުއައްސަސާގެ ހައިސިއްޔަތުން ބްރޯޑްކާސްޓިންގް ކޮމިޝަނަށް، ރަނގަޅަށް އެނގިފައި އޮންނަންޖެހޭނެ ކަމަށް ވެސް ދެކޭ ކަމަށެވެ.
ހިދުމަތް ދީފައި ނުވާ ކަމަށް ނިންމި އިރު ކޮމިޝަނުން ފާހަގަ ކޮށްފައިވާ ހަމައެކަނި ނުކުތާއަކީ، އައިޕީ ޓީވީ މެދުވެރިކޮށް ހިދުމަތް ދިނުމަކީ، ބްރޯޑްކާސްޓް ކުރުމަށް އާރް ޕްރޮޑަކްޝަން އަށް ދޫކޮށްފައިވާ ލައިސަންސްގައި ބަޔާން ކޮށްފައިވާ "ސެޓެލައިޓް" މެދުވެރިކޮށް ހިދުމަތް ފެށުން ކަމަށް ގަބޫލު ނުކުރުމެވެ. ނަމަވެސް ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ (30) ވަނަ މާއްދާގައި އަދި ބްރޯޑްކާސްޓް ކުރުމުގެ ގަވައިދުގެ (19) ވަނަ މާއްދާގައި ބުނެފައި ވަނީ، ލައިސަންސް ލިބޭ ފަރާތުން 12 މަސް ދުވަހުގެ ތެރޭގައި ބްރޯޑްކާސްޓް ކުރަން ފަށަން ވާނެ ކަމަށެވެ. އަދި އެ ހިދުމަތެއް ފަށާފައި ނުވާ ނަމަ، ލައިސަންސް ބާތިލްވާނެ ކަމަށެވެ. އެހެންނަމަވެސް ގާނޫނުގައި ވެސް އަދި ގަވައިދުގައި ވެސް ހިދުމަތް ފަށަން ޖެހޭނީ ވަކި ވަސީލަތަކުން ކަން ކަނޑައަޅާ ބަޔާން ކޮށްފައި ނުވާ ކަމަށް އާރް ޕްރޮޑަކްޝަންގެ ބަޔާނުގައި ވެއެވެ.
އާރް ޕްރޮޑަކްޝަނުން ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް މުއްދަތުގެ ތެރޭގައި ފަށާފައިވާކަން ދެފަރާތުން ބަދަލު ކުރެވިފައިވާ ލިޔެކިޔުންތަކުން އެނގެން އޮތްއިރު، އަދި ސެޓެލައިޓް ނޫން ވަސީލަތަކުން ބްރޯޑްކާސްޓް ކުރުމަކީ، ލައިސަންސްގެ ޝަރުތެއް ކަމަށް ބެލި ނަމަވެސް، ލައިސަންސްގެ ޝަރުތަކާ ހިލާފްވުމަކީ ގާނޫނީ އެއްވެސް ހަމަޔަކުން ލައިސަންސް ބާތިލް ކުރެވޭނެ ކަމެއް ނޫން ކަމަށް އާރް ޕްރޮޑަކްޝަނުން ބުނެއެވެ.
އާރް ޕްރޮޑަކްޝަންއަށް ދޫކޮށްފައިވާ ބްރޯޑްކާސްޓިން ލައިސަންސް ކެންސަލްވި ކަމަށް ކަނޑައެޅުމުގައި ގާނޫނީ އެތައް މައްސަލަތަކެއް ހުރިއިރު، ކޮމިޝަންގެ އެ ނިންމުމުގެ ސަބަބުން އެ ކުންފުންޏަށް މާލީ ގޮތުން ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ކުރިމަތިލާންޖެހިފައެވެ.