ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުންތަކަށް އަމަލުކުރުމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ޔޫއޭއީގެ ސްޓޭޓް މިނިސްޓަރ ފޮރ ފައިނޭންސް، ޢުބައިދު ޙުމައިދު އަލްތައްޔާރާ މަޝްވަރާކުރައްވައިފިއެވެ.
ނިމިގެންދިޔަ ހަފްތާގައި ބައެއް ވަޒީރުން ޔޫއޭއީއަށް ކުރެއްވި މިދަތުރުފުޅުގައި ޔޫއޭއީގެ ފިނޭންސް މިނިސްޓްރީގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި، ދެޤައުމުން ސޮއިކޮށްފައިވާ ޑަބަލް ޓެކްސް އެވޮއިޑަންސް އެއްބަސްވުމާއި އަދި އިންވެސްޓްމަންޓްތައް ރައްކާތެރިކުރުމާ ބެހޭ އެއްބަސްވުންތަކަށް އަމަލުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރުނުކަމަށް ޔޫއޭއީ މީޑިއާގައި ރިޕޯޓްކޮށްފައި ވެއެވެ. މި އެއްބަސްވުންތަކުގައި ރާއްޖެ އާއި ޔޫއޭއީ ސޮއިކޮށްފައި ވަނީ ނިމިދިޔަ އޮކްޓޯބަރު މަހުގެ 17ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީނާއި ކެބިނެޓްގެ ބައެއް ވަޒީރުން ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
މީގެ އިތުރުން ޓެކްސްއާ ބެހޭ މައުލޫމާތު ދެޤައުމުން ބަދަލުކުރުމާއި، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާއި އަދި ޔޫއޭއީގެ ވިޔަފާރިވެރިންނަށް ރާއްޖެއިން ލިބެން ހުރި ވަޞީލަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރެވުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.
ނިމިދިޔަ ހަފްތާގައި ފިނޭންސް މިނިސްޓަރ މުނައްވަރުގެ އިތުރުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު ވެސް ޔޫއޭއީއަށް ވަޑައިގަތެވެ.