މި ސަރުކާރުން އަޅާ ޗައިނާ މޯލްޑިވްސް ފުރެންޑްޝިޕް ބްރިޖުގައި ކައިވެނިކުރުމަށް ބޭނުންވާ ކަމަށް އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.
ޕީޕީއެމުން "އަސްތާ"ގެ ނަމުގައި ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފް ވިދާޅުވީ އަންނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި ޖިންސުއްލަތީފުންގެ ކައިވެނިތައް ބުރިޖު މަތީގައި ކުރެވިގެންދާނެ ކަމަށެެވެ.
"ރައީސް ޔާމީންގެ ސަރުކާރުން ދިވެހި ރާއްޖޭގެ ތަރައްގީއަށް ކޮށްދެއްވަމުން ގެންދަވާ މަަސައްކަތްފުޅުތައް މިދަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ބަލާލިޔަސް ފެންނަމުން. އެގޮތުން އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ﷲ އިރާދަކުރެއްވިއްޔާ ދިވެހި ރާއްޖޭގެ ޖިންސުއްލަތީފުންގެ ކައިވެނިތަށް ބްރިޖު މަތީގައި ކުރެވިގެންދާނެ. އަޅުގަނޑުވެސް އުންމީދު ކުރަން އެކަހަލަ ކަމަކަށް. ﷲ އެކަން އަޅުގަނޑަށް މިންވަރު ކޮށްދެއްވާށި" އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީނުގެ ސަރުކާރަށާއި އެމަނިކުފާނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން މައުރޫފް ވިދާޅުވީ ރައީސް ޔާމީނަކީ "ރަނެއް" ކަމަށާއި އެއީ "މަލެއް" ފަދަ ބޭފުޅެއް ކަމަށެވެ. އަދި އެވަރުގެ ރައީސެއް ރާއްޖެއަށް ދެން ނުލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިހާރު ވެސް ރާއްޖޭގައި ވެރިކަމާ ތޮޅޭ މީހުން އެބަތިބި ކަމަށް މައުރޫފު ވިދާޅުވި އެވެ. ރައީސް ޔާމީން ގައުމަށް ވަފާތެރިކަމާ އެކު މަސައްކަތް ކޮށްދެއްވާތީ އެމަނިކުފާނު އަވަހާރަކޮށްލަން ބަޔަކު މަސައްކަތް ކުރި ކަމަށް ވެސް މައުރޫފު ވިދާޅުވި އެވެ.
މީގެ އިތުރުން މައުރޫފް ވިދާޅުވި ކޮންމެ ދިވެއްސަކީ ވެސް ދިވެއްސަކަށް ވީތީ ފަހުރުވެރިވާން ޖެހޭ ބައެއް ކަމަށާއި ބޭރުގެ ފިއްތުންތަކުގެ ސަބަބުން އީމާންތެރިކަން ބަރުބާދުކޮށްލާ ބައެއް ކަމުގައި ވެގެން ނުވާނެ ކަމަށެެވެ.