ސަޢޫދީން ޔަމަނަށް ވަދެވެން އޮތް މަގުތައް ބަންދުކޮށްފައި އޮންނަ އޮތުން ނިމުމަކަށް ނުގެނެސްފި ނަމަ ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ޔަމަނުގައި އެތައް ސަތޭކަ ބަލިމީހުންނާއި މުސްކުޅިން މަރުވާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ޔަމަނުގެ ވެރިރަށް ސަންޢާގައި ތިބި ޑޮކްޓަރުންނާއި ހަވާލާދީ އަލްޖަޒީރާ އިން ބުނާ ގޮތުގައި ސަންޢާގެ ފާމަސީތަކުން ބޮޑެތި ބަލިތަކުގެ ބޭސްތައް ވަނީ ހުސްވުމާ ގާތްވެފައެވެ. އަދި އަންނަ ހަފްތާއިން ފެށިގެން ކެންސަރާއި ހަކުރުބަލި އަދި ކިޑްނީގެ ބަލިތަކަށް ފަރުވާދިނުން ހުއްޓޭނެކަމުގެ އިންޒާރު ޑޮކްޓަރުން ވަނީ ދީފައެވެ. ޑޮކްޓަރުން ބުނާ ގޮތުގައި ޔަމަނަށް އެހީގެ ތަކެތި ހިފައިގެން އަންނަ މަގުތައް ސަޢޫދީން ހުޅުވާ ނުލައިފި ނަމަ ކޮންމެހެން ބޭނުންވާ ބޭސްތައް ނުލިބި އަންނަ ހަފްތާގައި އެކަނިވެސް އެތައް ސަތޭކަ ބަޔަކު މަރުވާނެއެވެ.
އެހީދޭ ޖަމާޢަތްތަކުން ވަނީ ސަޢޫދީން އަޅާފައިވާ ހުރަސްތައް ނައްތާނުލައިފި ނަމަ ޔަމަނުގެ އެތައް މިލިއަން ބަޔަކު ބަނޑަށް ޖެހި، މަރުވެދާނެކަމުގެ އިންޒާރު ވެސް ދީފައެވެ. އެގޮތުން އެހީދޭ 22 ޖަމާޢަތަކުން ނެރެފައިވާ ގުޅިފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ޔަމަނުގައި މިވަގުތުކުރީ މަހެއްހާ ދުވަހުގެ ވެކްސިން ސްޓޮކެއް ކަމަށާއި، ވެކްސިން ހުސްވެއްޖެ ނަމަ ޕޯލިއޯ އަދި ހިމަބިހި ފަދަ ބަލިތައް ހަލުވިކަމާ އެކު ފެތުރިގަންނާނެ ކަމަށެވެ. ހަނަފަސްކަމުގެ ހާލަތުގައި އޮތް ޔަމަނުގައި ހަތް މިލިއަން މީހުން ކާބޯތަކެއްޗަށް ޖެހިފައިވާއިރު، ޔަމަނުގައި މިވަގުތު ހުރީ އެންމެ ހަ ހަފްތާއަށްވާ މިންވަރުގެ ކާނާއެވެ. ސައޫދީން އެޅި ފިޔަވަޅުތަކުގެ ސަބަބުން ޔަމަނުގައި ކާބޯތަކެއްޗާއި ސާފިތާހިރުކަމަށް ބޭނުންކުރާ ތަކެތީގެ އަގުތައް ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
ޔަމަނުގެ ހޫޘީންނާ ދެކޮޅަށް 2015ވަނަ އަހަރުން ފެށިގެން ސައޫދީން ގެންދަނީ ހަނގުރާމަކުރަމުންނެވެ. ޔަމަނަށް އެހީގެތަކެތި އެތެރެކުރުމަށް އެއްގަމާއި، ކަނޑާއި އަދި ވައިގެ މަގުން ސަޢޫދީން ހުރަސް އެޅީ މިދިޔަ ހަފްތާގައި ހޫޘީން ސަޢޫދީގެ ވެރިރަށް ރިޔާޒްގެ މައި އެއަރޕޯޓަށް އަމާޒުކޮށް މިސައިލެއް ފޮނުވާލުމާ ގުޅިގެންނެވެ. ސަޢޫދީން ތުހުމަތުކުރާ ގޮތުގައި އެމިސައިލަކީ އީރާނުން ޔަމަނަށް އެތެރެކުރި މިސައިލެކެވެ. މިސައިލް އެއަރޕޯޓަށް ފޯރުމުގެ ކުރިން ސަޢޫދީ ސަލާމަތީ ބާރުތަކުން ވަނީ މިސައިލް ވައްޓާލާފައެވެ. ޔަމަނަށް ހަތިޔާރު އެތެރެކުރުން ހުއްޓުވުމަށް ކަމަށް ބުނެ އެޤައުމަށް އެހީފޯރުކޮށްދޭ މަގުތައް ވެސް ސަޢޫދީން ބަންދުކުރިއިރު، އދ. އާއި ޑޮކްޓާސް ވިތައުޓް ބޯޑަރސްގެ ޑޮކްޓަރުންގެ ޖަމިއްޔާގެ އިތުރުން އޮކްސްފާމުން ގެންދަނީ މެދުކެނޑުމެއް ނެތި ކޮންމެ ދުވަހަކު ބަނޑުހައި ހޫނުކަމުގައި އުޅެމުންދާ ޔަމަނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދެމުންނެވެ.