ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާންގެ އިރުޝާދުގެ ދަށުން ކުޅުމަކީ ދެކެމުން އަންނަ ހުވަފެނެއް ކަމަށް ޗެލްސީ އަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ފޯވާޑް އެޑެން ހަޒާޑް ބުނެފިއެވެ.
ބެލްޖިއަމްގެ ޓީވީއެއް ކަމަށްވާ އާރްޓީއެލް އަށް ދިން އިންޓަވިއުއެއްގައި ހަޒާޑް ބުނީ ޒިދާންއަކީ އޭނާ ވަރަށް އިހުތިރާމް ކުރާ މީހެއްކަން އެންމެންނަށް ވެސް އެނގޭނެ ކަމަށާއި، ޒިދާންއަކީ ކުޅުންތެރިއެއްގެ ގޮތުން އަދި ކޯޗެއްގެ ގޮތުން ވެސް އޭނާގެ އައިޑަލް ކަމަށެވެ.
ހަޒާޑް ބުނީ ކުރިޔަށް އޮތްތަނުގައި ކެރިޔަރުގައި ވާނެ ގޮތެއް ނޭނގޭ ކަމަށާއި، އެހެންނަމަވެސް ޒިދާންގެ އިރުޝާދުގެ ދަށުން ކުޅުމަކީ އަބަދުވެސް ދެކެމުން އަންނަ ހުވަފެނެއް ކަމަށެވެ.
ޗެލްސީގައި މިވަގުތު ހުރީ ހިތްހަމަޖެހިގެންކަން ފާހަގަކުރަމުން ހަޒާޑް ބުނީ، ޗެލްސީއާއެކު ހާސިލް ކުރަންޖެހޭ ބައިވަރު ކަންތައްތައް އެބަހުރި ކަމަށާއި، އެގޮތުން މިވަގުތު ފޯކަސް ހުރީ އެކަންތަކަށް ކަމަށެވެ.
ދާދި ފަހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ހަޒާޑް ބުނީ ޕްރިމިއާ ލީގުގެ ތަށި ޗެލްސީއަށް ގެއްލުނު ކަމަށް އޭނާ ގަބޫލުނުކުރާ ކަމަށާއި، އެހެންނަމަވެސް ސިޓީ އަދި ޔުނައިޓެޑް މިދިޔަ ސީޒަނަށްވުރެ ވަރުގަދަ ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ. ޗެލްސީ އެނބުރި އަންނާނީ ވަރުގަދަކޮށް ކަމަށާއި، އެންމެ ރަނގަޅު ވަގުތު ޗެލްސީ އޮންނާނީ ރަނގަޅު ހިސާބެއްގައި ކަމަށް ގަބުލުކުރެވޭ ކަމަށް ވެސް ހަޒާޑް ބުންޏެވެ.
ފްރާންސްގެ ލިއްލޭ އިން ކެރިޔަރު ފެށި ހަޒާޑް ވަނީ އެޓީމަށް ކުޅުނު 194 މެޗުގައި 50 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ޗެލްސީއަށް ބަދަލުވީ 2012 ވަނަ އަހަރެވެ. އޭނާ ވަނީ އެޓީމަށް މިހާތަނަށް ކުޅުނު 262 މެޗުގައި 74 ލަނޑު ކާމިޔާބުކޮށްފައެވެ.
ޗެލްސިއާ އެކު ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައިވާ ހަޒާޑް ވަނީ އެޓީމާއެކު ޕްރިމިއާ ލީގު ދެފަހަރު އަދި ފުޓްބޯލް ލީގު ކަޕް ވެސް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ބެލްޖިއަމް ގައުމީ ޓީމަށް ކުޅުނު 80 މެޗުގައި 20 ލަނޑު ކާމިޔާބުކޮށްފައެވެ.