ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ މީޑިޔާ ކޮމިޝަނުގެ ބިލްގައި މިނިވަން މީޑިޔާއާ އަށް އެއްވެސް ފުރުސަތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ބޭއްވި ޕެނަލް ޑިސްކްޝަންގައި އިންތި ވިދާޅުވީ މިނިވަން މީޑިޔާއާ ގުޅުން ހުރި އެއްވެސް ފޮތެއްގެ ފޮޅުވަތަކާ ވެސް އެ ބިލްގައިވާ އެއްޗަކާ ދިމާނުވާ ކަމަށެވެ.
"މީޑިޔާގެ މިނިވަން ކަމާ ބެހޭ އެއްފޮތުގައިވާ އެއް ކަމެއްވެސް މި ބިލްގައިވާ އެންމެ ފޮޅުވަތެއްގައި ނެތް. މިއީ ނޯތު ކޮރެއާގެ ކިމް ޖޮން އުން ކަހަލަ ބިލެއް. ނޫނީ އޭނާ ތައްޔާރުކުރާ ކަހަލަ ގާނޫނެއް މިއީ،" އިންތި ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ނޫސްވެރިން އަމަލުކުރަން ޖެހޭނެ އުސޫލުތައް ކަނޑައެޅުމަކީ މީޑިޔާ ކޮމިޝަނުން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އެ ބިލްގައި އޮތް ނަމަވެސް އެއީ މީޑިޔާ ސްޓޭޝަންތަކުގެ އެޑިޓޯރިއަލް އިން އަމިއްލަ އަށް ކުރަން ޖެހޭ ކަމެކެވެ. އަދި ނޫސްވެރިން ތަބާވާން ޖެހޭ ސުލޫކީ މިންގަނޑުތައް ކަނޑައެޅުމަކީ މީޑިޔާތަކުގެ އެޑިޓޯރިއަލް އިން ކަނޑައަޅަން ޖެހޭ އެއްޗެއް ކަމަށާއި އެހެނަސް އެ ބިލްގައި އޮތީ އެކަން ވެސް މީޑިޔާ ކޮމިޝަނުން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"ދެން މި އޮންނަނީ ޚަބަރު ފެތުރުމުގައި މީޑިޔާ އަދާކުރާ ދައުރަށް އާންމުންގެ ދައުރަށް، އާންމުންގެ އިތުބާރާއި ޔަގީންކަން އިތުރުކުރުން. އެ ބެލުންތެރިންނެއް ނޫންތޯ ތިމަންނަމެނަށް ކަމުދާ މީޑިޔާ ޗޫސް ކުރާނީ. އެ ސަރުކާރުން މިއީ އެންމެ ރަނގަޅު ބަޔަކީ ހެދޭނެތޯ ގާނޫނުގައި ލިޔެގެން،" އޭނާ ވިދާޅުވި އެވެ.
އިންތި ވިދާޅުވީ އަބުރުގެ ގާނޫނު ފާސްކުރުމަށްފަހު މީޑިޔާ ކޮމިޝަނުގެ ނަމުގައި ބިލެއް ހުށަހެޅީ އަބުރުގެ ގާނޫނާ އެކު ވެސް މީޑިޔާތައް ހުއްޓުމަކަށް ނުގެނެވުމުން ކަމަށެވެ. ޚަބަރަށް އިންޓަވިއު ނެގިގޮތާއި އެ ހޯދި ގޮތް މީޑިޔާ ކޮމިޝަނަށް ބެލެން އޮންނާތީ އިންތި ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
" ނޫސްވެރިއަކަށް ނެތް ހުއްދަ ނުހޯދާ މަގުމަތިން ވީޑިއޯއެއް ނެގިއަސް އެމީހުންގެ ހުއްދަ ނުހޯދާ އެ ދެއްކޭކަށް ވެސް،" އޭނާ ވިދާޅުވި އެވެ.
ހުދުމުހްތާރު ވެރިން އެންމެ ބިރު ގަންނަނީ މިނިވަން މީޑިޔާ ދެކެ ކަމަށް ތަކުރާރުކޮށް ފާހަގަ ކުރައްވަމުން އިމްތިޔާޒް ވިދާޅުވީ ދުނިޔޭގެ ބޮޑެތި ކޮރަޕްޝަންތައް ފަޅާއަރުވާލާފައި ވަނީ މީޑިޔާތަކުން ކަމަށެވެ. ރާއްޖޭގައި މި ވަގުތު މިނިވަން މީޑިޔާއަށް އޮތް ފުރުސަތު ކުޑަވެގެންދާން މިންވަރު ދަނީ އިތުރުވަމުން ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. އަދި އެހެންމެ ރާއްޖެޓީވީގައި ރޯކޮށްލުމާއި ނޫސްވެރިން ގެއްލުވާލުން ފަދަ ކަންމަކީ ރޭވި އިންތިޒާމް ކުރެވިގެން ހިނގާފައިވާ ކަންކަން ކަމަށާއި އެ މައްސަލަތަކުގައި އިންސާފު ނުލިބިގެން އުޅެނީ ވެސް އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕަބްލިކް މީޑިޔާ އާއި ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުންގެ މިނިވަން ކަން ނެތް ކަމަށް ވިދާޅުވެ އެތަންތަނަށް ވެސް އިންތި ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.