ސަރުކާރު ހިންގާ ޕީޕީއެމުން ކާނިވާ ސަރަހައްދުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާއަށް ރާއްޖެޓީވީ ނުވައްދާ ބޭރުކޮށްލުމަކީ ޑިމޮކްރަސީއާ ބީރައްޓެހި ހުތުރަކަން ބޮޑު އަމަލެއް ކަމަށް އެ ސްޓޭޝަނުން ބުނެފި އެވެ.
"އަސްތާ" ޖަލްސާއަށް ރާއްޖެޓީވީން ނުވެއްދުމާ ގުޅިގެން އެ ސްޓޭޝަނުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އެ ޖަލްސާއަށް ދިއުމަށް ޕީޕީއެމް އިން ދޫކުރި ފާސް ހިފައިގެން ދިއުމުން އެތަނަށް ނުވައްދާ ފޮނުވާލާފައިވުމުން ހަމަ ހަމަކަމާއެކު މީޑިޔާތަކަށް ފުރުސަތު ނުދޭކަން އިތުރަށް ހާމަވެގެން ހިނގައްޖެ ކަމަށެވެ.
" ފެނިގެންދިޔައީ ދިވެހި ފަސްގަނޑުގައި ދިވެހިންނާމެދު ބޭ އިންސާފުން ކަންކުރި މަންޒެވެ. ހަމަ ހަމަ ކަމާއެކު ފުރުސަތު ދިނުމުގައި ފެއިލްވެފައިވާ ތަނެވެ." އެ ބަޔާނުގައި ބުނެފައިވެ އެވެ.
ޕީޕީއެމްގެ ޖަލްސާތަކާއި ހަރަކާތްތައް ކަވަރު ކުރުމަށް ފުރުސަތު ރާއްޖެޓީވީއަށް ނުދޭއިރު ހަމަ ހަމަ ކަމާއެކު ފުރުސަތު ދިނުމާ ގުޅޭ ގޮތުން ސަރުކާރުގެ އިސްވެރިން ދައްކަމުންދާ ޥާހަކައަކީ " ހުސްވާހަކަ" އެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ސަރުކާރު ހިންގާ ޕާޓީ އާއި ސަރުކާރުގެ އިސްވެރިންގެ ކިބައިގައި ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ މިނިވަން ނޫސްވެރިކަން ދެމެހެއްޓުމުގެ ނިޔަތް ނެތުމަކީ ރާއްޖޭގެ މީޑިޔާއަށް އަށް ކުރިމަތިވެގެންދާނެ ބޮޑު ގޮންޖެހުމެއް ކަމަށް ރާއްޖެޓީވީން ދެކޭ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ. އަދި ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމް އަކީ ނޫސްވެރިންނާ ރައްޓެހި މިނިވަން ނޫސްވެރިކަމަށް ފުރުސަތުދޭ ބަޔަކަށް ވުމަށް ވެސް ގޮވާލާފައިވެ އެވެ.
ޕީޕީއެމްގެ ޖަލްސާތައް ކަވަރު ކުރުމަށް އެ ޕާޓީގެ ހަރަކާތައް އިންތިޒާމް ކުރާ ފަރާތުން ނުވަތަ ސެކިއުރިޓީ ބަލަހައްޓާ ބަޔަކު ހުރަސްއަޅާއިރު ޕީޕީއެމްއިން އާންމު ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބުނަމުންދަނީ ހުރިހާ މީޑިޔާތަކަށް ފުރުސަތު އޮންނާނެ ކަމަށެވެ.