މި އަހަރުގެ ނަޞްރުގެ ދުވަހާއި ގުޅުވައިގެން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ހަރަކާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގެންފިއެވެ.
އެކަން ރައީސް އޮފީހުން ކަށަވަރުކޮށްދެއްވިއިރު އެހަރަކާތުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ އިތުރުން، ސަރުކާރު އޮފީސްތަކުގެ ބައެއް އިސް ވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އަސްތާ ޖަލްސާގެ ނަމުގައި ބޭއްވި މިޖަލްސާގައި ރައީސް ޔާމީން ވާހަކަ ދައްކަވާފައެއް ނުވެއެވެ. އެތައް ދުވަހެއް ވަންދެން އިޝްތިހާރުކޮށްގެން ބޭއްވި މިޖަލްސާ ވާހަކަ ދެއްކެވި ގިނަ ބޭފުޅުން ވަނީ ރައީސް ނަޝީދަށާއި އެމަނިކުފާނުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
މި ޖަލްސާގައި ވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާއާ ގުޅޭ ރިޕޯޓްތައް ގެނެސްދީފައެވެ. އަދި 2012 ފެބްރުއަރީ 8 ގައި ރާއްޖޭގެ ބޮޑެތި ހިސާބު ތަކުގައި ހުޅުޖެހިކަމަށް ބުނެ ބޮޑު ހުޅުގެ ނަމުގައި އެއީ ރައީސް ނަޝީދާ ގުޅުންހުރި ކަމެއްކަމަށް ދޭހަވާފަދަ ރިޕޯޓެއްވެސް ގެނެސްފައިވެއެވެ.
މިޖަލްސާ ކަވަރ ކުރުމަށް ރާއްޖެޓީވީއަށް ފާސް ދޫކުރި ނަމަވެސް ޖަލްސާއަށް ވަނުމުގެ ފުރުސަތު ދިނުމަށް ވަނީ ދެކޮޅު ހަދާފައެވެ.
ޤައުމީ ދިފާއީ ބާރުން ވަރަށް ބޮޑަށް ސެކިއުރިޓީ ވަރުގަދަކޮށްގެން އެސަރަހައްދުގެ ސަލާމީ ކަންކަން ބެލެހެއްޓިއިރު ސަރަހައްދު ބެލެހެއްޓުމުގައި ފުލުހުންވެސް ބައިވެރިވެފައި ވެއެވެ.