ކ. މާލެ
|
9 ނޮވެންބަރ 2017 | ބުރާސްފަތި 23:08
ބެލްޖިއަމްގެ ހުނަރުވެރި މިޑްފީލްޑާ ކެވިން ޑެބަރައިނާ
ބެލްޖިއަމްގެ ހުނަރުވެރި މިޑްފީލްޑާ ކެވިން ޑެބަރައިނާ
ގެޓީ އިމޭޖަސް
ޑެބްރައިނާ
ޑެބްރައިނާއަށް މެސީ އަދި ރޮނާލްޑޯއާ އަރާ ހަމަކުރެވޭނެ: މާޓިނޭޒް
ޑެބްރައިނާއަކީ ތަފާތު ކުޅުންތެރިޔެއް ކަމަށް މާޓިނޭޒް ވަނީ ބުނެފައި

މެންޗެސްޓާ ސިޓީގެ މިޑްފީލްޑާ ކެވިން ޑެ ބްރައިނާއަށް ލިއޮނެލް މެސީއާއި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އަރާ ހަމަކުރެވޭނެ ކަމަށް ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން ގިނަ ބަޔަކު ބުނަމުން ދަނީ މި ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ގެންދާނީ އޭނާ ކަމަށެވެ. މި ސީޒަނުގެ ޕްރިމިއާ ލީގުގައި އޭނާ ވަނީ މިހާތަނަށް ތިން ލަނޑު ޖަހައިދީ ނުވަ އެސިސްޓް ހަދާފައެވެ. ޑެބްރައިނާގެ މޮޅު ކުޅުމާއި ވިދިގެން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ވަނީ އޭނާއަށް ދާދިފަހުން ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ.

އީއެސްޕީއެން އެފްސީގެ ފަރާތުން މާޓިނޭޒްއާއި ޑެބްރައިނާގެ ހުނަރާއި ބެހޭގޮތުން ސުވާލު ކުރުމުން އޭނާ ބުނެފައިވަނީ ޑެބްރައިނާއަކީ ބާސާގެ ތަރި މެސީއާއި ދާދިފަހުން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދި ކްރިސްޓިއާނޯ ރޮނާލްޑޯއާއި އެއް ހަމަޔަކަށް ދިޔުމަށް ބޭނުންވާ ހުރިހާ ހުނަރެއް ހުރި ކުޅުންތެރިޔެއް ކަމަށެވެ. ރޮނާލްޑޯ އަދި މެސީ އެހެން ކުޅުންތެރިންނާއި ހުރި ތަފާތަކީ އެ ދެ ކުޅުންތެރިން ވެސް އަބަދުވެސް އެއް ލެވެލްއެއްގެ ކުޅުން ދައްކާ ކަމަށާއި ފާއިތުވެދިޔަ ދެ އަހަރު ތެރޭ ޑެބްރައިނާގެ ފަރާތުން ވެސް އެފަދަ ސިފަތަށް ފެންނަމުންދާ ކަމަށް މާޓިނޭޒް ބުނެފައިވެއެވެ.

ހަމައެހެންމެ މިދިޔަ ސީޒަނާއި މި ސީޒަނުގައި އޭނާ ދައްކަމުން އަންނަ ކުޅުމުން ދައްކުވައިދެނީ އޭނާއަކީ މެސީ އަދި ރޮނާލްޑޯއާ އެއް ފެންވަރަކަށް ދެވޭނެ ކުޅުންތެރިޔެއް ކަމަށް މާޓިނޭޒް ބުނެފިއެވެ.

ޑެބްރައިނާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެންނަމުންދާއިރު އޭނާއާއެކު ބެލްޖިއަމްގެ ގައުމީ ޓީމަށް ކުޅޭ ރޮމެލޫ ލުކާކޫގެ ފަރާތުން ފެންނަމުންދާ ކުޅުން ވަރަށް ބޮޑަށް ވަނީ ދަށްވެފައެވެ. މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި އެވަޓަންއިން 75 މިލިއަން ޕައުންޑަށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމަށް ފަހު ސީޒަން ފެށުނު ކޮޅު އޭނާ ގިނަ ލަނޑުތަކެއް ޖަހައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް މިހާރު އޭނާގެ ފަރާތުން ފެންނަމުން ދަނީ ދަށް ކުޅުމެކެވެ.

ލުކާކޫއާ ބެހޭގޮތުން މާޓިނޭޒް ބުނެފައިވަނީ އޭނާއަކީ ލަނޑު ޖެހުމަށް އެންމެ ކުޅަދާނަ އެއް ފޯވާޑް ކަމަށާއި އޭނާއަކީ އަބަދުވެސް އިތުރަށް މޮޅުވުމަށް މަސައްކަތްކުރާ ކުޅުންތެރިޔެއް ކަމަށެވެ.

ޑެބްރައިނާއާއި ލުކާކޫއާ ދެ ކުޅުންތެރިންނަށް މާޓިނޭޒް ތައުރީފުކޮށްފައިވާއިރު މި ދެ ކުޅުންތެރިން ވެސް މިވަގުތު ތިބި ބެލްޖިއަމްގެ ގައުމީ ޓީމު މި އަންނަ ހަފްތާގައި ކުޅޭ ރަހުމަތްތެރިކަމުގެ މެޗުތަކަށް ތައްޔާރުވުމަށް ގައުމީ ޓީމާއެކުއެވެ.

- ކޮމެންޓް