ދައުރު ނިމެންވާއިރަށް ދައުލަތުގެ ފައިސާއާއިބެހޭ އެއްވެސް ލިޔެކިޔުމެއް އަނދާ އަޅިޔަށް ނުވެ ނުހުންނާނެ ކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެއްޖެއެވެ. ބުރާސްފަތި ދުވަހު ނިޔާޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ލިޔެކިއުންތައް އަންދާލުމަކީ، ބޮޑެތި ވައްކަންތައް ކޮށްފައި ތަހުގީގުކުރިޔަ ނުދިނުމަށްޓަކައި އާއްމުކޮށް ހިންގާ ޖަރީމާއެއް ކަމަށެެވެ.
ވެލާނާގެ އަށް ވަނަ ފަންގިފިލާގައި ބުދަ ދުވަހުގެރޭ އަލިފާނުގެ ހާދިސާއެއް ހިނގާ ލިޔެކިޔުންތަކެއްގައި ރޯވި ހާދިސާއަށް ފަހު، "ލިޔުންތަކެއްގައި ރޯކޮށްލީ ކުންފުނިތަކަށް މިލިޔަނުން ފައިސާ ދައްކަން ޖެހޭ ބައެއް" ކަމަށް ބުނެ، ވާހަކަ ދައްކާފައިވާ ވައިބާ ޗެޓްލޮގްތަކެއް ސޯޝަލް މީޑިއާގައި އާއްމުވެފައި ވަނިކޮށް ނިޔާޒް ކުރެއްވި ޓްވީޓްގައި ވެސް ވިދާޅުވެފައިވަނީ ، މި ދައުރު ނިމެންވާއިރަށް އެއްވެސް ލިޔެކިއުމެއް އަނދާ އަޅިޔަށް ނުވެ ނުހުންނާނޭ ކަމަށެވެ. އަދި ޚާއްސަގޮތެއްގައި ފައިސާއާއި ބެހޭ ލިޔެކިޔުންތަކާއި ރެކޯޑްތައް ނުހުންނާނޭ ކަމަށް ނިޔާޒް ވިދާޅުވިއެވެ.
ލިޔުންތަކެއްގައި ރޯކޮށްލީ ކުންފުނިތަކަށް މިލިޔަނުން ފައިސާ ދައްކަން ޖެހޭ ބައެއް ކަމަށް ބުނެ، ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވައިބާ ޗެޓްލޮގްތަކުގައި ވާހަކަ ދައްކާފައި ވަނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ނައިބު ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހުގެ ނަމުގައި ވާހަކަ ދައްކާފައިވާ މީހެއްގެ އިތުރުން ޕީޕީއެމް ސެކްރެޓަރީ ޖެނަރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ހަލީލްގެ ނަމުގައި ވާހަކަ ދައްކާފައިވާ މީހެކެވެ.
ފަލާހުގެ ނަމުގައި ވާހަކަ ދައްކާފައިވާ މީހާ ތުހުމަތު ކުރާ ގޮތުގައި ލިޔެކިޔުންތަކެއްގައި ރޯކޮށްލާފައި ވަނީ ކުންފުނިތަކަށް މިލިޔަނުން ފައިސާ ދައްކަން ޖެހޭ ބައެކެވެ. އަދި އެއީ ކޮންބައެއްތޯ ބުނެ ސުވާލު އުފައްދާފައިވެއެވެ. އަދި މީހުން ލައްވާ ކަންތައްތައް ކުރުވަން ވަރަށް މޮޅުވާނެ ކަމަށް ފަލާހުގެ ނަމުގައި ވާހަކަ ދައްކާފައިވާ މީހާ ބުނެފައިވެއެވެ.
ބުދަ ދުވަހުގެރޭ ވަނީ ވެލާނާގޭގައި ހުންނަ އެޑިއުކޭޝަން މިނިސްޓްރީގެ އަށް ވަނަ ފަންގިފިލާގައި ހުރި އެއްޗެހިތަކެއްގައި ރޯވެފައެވެ. ނަމަވެސް ގެއްލުންތަކެއް ވުމުގެ ކުރިން ސިފައިން ވަނީ އަލިފާންގަނޑު ނިއްވާލާފައެވެ.