ސަރުކާރު ހިންގާ ޕީޕީއެމުން ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާއަށް ރާއްޖެޓީވީ ނުވައްދާ ބޭރުކޮށްލައިފިއެވެ.
މި ޖަލްސާ އަށް ރާއްޖެޓީވީގެ ނޫސްވެރިން ނުވަށްދާ ބޭރުކުރީ، ޖަލްސާއަށް ދިއުމަށް މީޑިއާއަށް ދޭ ފާސްވެސް ދޫކުރުމަށްފަހުއެވެ. ރާއްޖެޓީވީން މި ޖަލްސާ ކަވަރު ކުރުމަށް ދިޔަ ކެމެރާމަން އަހުމަދު މަމްދޫހު ބުނީ، ފާސްދެއްކުމުންވެސް ނުވެއްދި ކަމަށެވެ. އަދި، ރާއްޖެޓީވީ، ނުވެއްދުމަށް ޕާޓީން އަންގާފައިވާ ކަމަށް އެތަނުގައި ތިބި އޮފިޝަލުން ބުނިކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި ޖަލްސާ ކަވަރު ކުރުމަށް ރާއްޖެޓީވީ ނުވެއްދި ސަބަބަބު ސާފުކުރުމަށް ޕީޕީއެމްގެ ނައިބު ރައީސުންކަމުގައިވާ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދާއި، ފޮނަދޫ ދާއިރާގެ މެންބަަރު، އަބުދުއްރަހީމް އަބުދުﷲ އަށް ގުޅާލުމުން ފޯން ވަނީ ބިޒީކޮށްލައްވާފައެވެ. އިތުރު ބޭފުޅެއްގެ ބަހެއް ލިބޭތޯ ކުރި މަސަައްކަތް ވެސް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.
މި ފަހަކަށް އައިސް ޕީޕީއެމުން ބާއްވާ ޖަލްސާތަކަށް ރާއްޖެޓީވީ ވެއްދުމަށް ދަނީ ހުރަސްއަޅަމުންނެވެ. އެހެން ނަމަވެސް ބާއްވާ ބައެއް ޕްރެސްކޮންފަރެންސްތަކަށް ރާއްޖެޓީވީގެ ނޫސްވެރިން ވައްދައެވެ.