ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ ކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި ޕެޓިޝަނުގައި ސޮއިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ރިޝްވަތު ދެއްވި ކަމަށް ބުނެއެވެ. އެ ދައުވާގެ ލިޔެކިޔުންތަކުގައި ބުނާ ގޮތުގައި ފާރިސް ރިޝްވަތު ދެއްވީ އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އިބްރާހިމް (ގާރީ) އަށެވެ. ރިޝްވަތުގެ ގޮތުގައި ފާރިސް ދެއްވި ފައިސާ މެންބަރު އަހުމަދު ރަޝީދާ ހަވާލުކުރީ ޖުމްހޫރީ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ އަހުމަދު ޝާފިއު މެދުވެރިކޮށް ކަމަށް ވެސް ލިޔެކިޔުންތަކުގައި ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލައިގެ ޕެޓިޝަނުގައި 45 މެންބަރުން ސޮއިކުރެއްވިއިރު، އެ މެންބަރުންގެ ތެރޭގައި އަހުމަދު ރަޝީދުވެސް ހިމެނިވަޑައިގަންނަވައެވެ. ޖުލައި މަހުގެ 3 ވަނަ ދުވަހު އެ ޕެޓިޝަން މަޖިލީހަށް ހުށަހެޅިތާ ކުޑަ ވަގުތުކޮޅެއް ތެރޭގައި ޕީޕީއެމްއިން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ރަޝީދުގެ ސޮޔަކީ ވަގު ސޮޔެއް ކަމަށް ބުންޏެވެ. ރަޝީދުވެސް ވިދާޅުވީ އެ ޕެޓިޝަނުގައި އޭނާގެ ސޮއި އޮތް ކަމަށް އަޑުއިވޭ ކަމަށާއި އެއީ ވަގު ސޮޔެއް ކަމަށެވެ.
ސޮއި ފޯޖްކުރިކަމަށް އަމިއްލައަށް ވިދާޅުވުމަށްފަހު އަހުމަދު ރަޝީދު ފުލުހަށް މައްސަލަ ހުށަހެޅުއްވިއެވެ. ނަމަވެސް، ހުށަހެޅުއްވީ ސޮއި ފޯޖް ކުރި މައްސަލައެއް ނޫނެވެ. ޕެޓިޝަނުގައި ސޮއިކުރުމަށް އޭނާއަށް ރިޝްވަތު ހުށަހެޅި ކަމަށް ބުނާ މައްސަލައެވެ.
މި މައްސަލައާ ގުޅިގެން ޖުލައި މަހުގެ 4 ވަނަ ދުވަހުގެ ރޭ ޝާފިއު ހައްޔަރުކުރިއެވެ. ބަންދުގައި ބަހައްޓަންޖެހޭ ވަރުގެ ހެއްކެއް ހުށަހެޅިފައިނުވާ ކަމަށް ބުނެ އޭގެ ފަސް ދުވަސް ފަހުން، ޖުލައި 9 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލިއެވެ. ކްރިމިނަލް ކޯޓުގެ އަމުރު ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ހުކުމް ކޮށްފައިވަނީ ޝާފިއު ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ޝާފިއުއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކަކީ އޭނާގެ މައްޗަށް ރިޝްވަތުގެ ތުހުމަތެއް އުފެދޭ މިންވަރުގެ ހެކިތަކެއް ނޫން ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ.
މި މައްސަލައިގައި ކަންތައްތައް ހިނގައިދިޔަ ގޮތް މިހާތަނަށް މީޑިއާގައި ޝާފިއު ހާމަކޮށްފައެއް ނުވެއެވެ. ފުރަތަމަ ފަހަރަށް މީޑިއާއަކާ ވާހަކަ ދައްކަމުން، ރާއްޖެއެމްވީއަށް ދިން އިންޓަވިއުގައި ޝާފިއު ދެއްކި ވާހަކަތަކާއެކު މި މައްސަލައާއި މެދު އިންތިހާއަށް ގިނަ ސުވާލުތައް އުފެދިއްޖެއެވެ.
ޖުލައި މަހުގެ 3 ވަނަ ދުވަހު ފުލުހަށް މައްސަލަ ހުށަހެޅުއްވުމަށް މެންބަރު އަހުމަދު ރަޝީދު ވަޑައިގެން ޝަހީދު ހުސައިން އާދަމް ބިލްޑިންގގައި އިންނަވައިގެން ޝާފިއުއަށް މެސެޖްތަކެއް ކުރެއްވިއެވެ. ޝާފިއުގެ ފޯނުން ނަގާފައިވާ މެސެޖުތަކުގެ ސްކްރީންޝޮޓްތަކުން ފެންނަ ގޮތުގައި ވަކި ގޮތަކަށް ބަޔާން ދިނުމަށް ތަކުރާރުކޮށް ޝާފިއުގެ ކިބައިން އަހުމަދު ރަޝީދު އެދިވަޑައިގެންނެވިއެވެ. އެ ސްކްރީންޝޮޓްގެ ސައްހަކަން ކަށަވަރުވެގެންދަނީ ޝާފިއުގެ ފޯނުގެ ފޮރިންސިކް ރިޕޯޓުންނެވެ. އެ ރިޕޯޓުގައި ވެސް އެ ސްކްރީންޝޮޓްތައް ހިމަނާފައިވެއެވެ.
"ޕޮލިހަށް ގެންގޮސްފިއްޔާ ބުނޭ ޝާފިއު ދިނީ ތިން ލައްކަ ރުފިޔާއޭ، އެއިރުން އަހުމަދުބެއާއި ޝާފިއު ސަލާމަތްވާނީ، މި އިނީ ޕޮލިހަށް ގެނެސްފަ" ޝާފިއުއަށް އަހުމަދު ރަޝީދު ފޮނުއްވި މެސެޖެއްގައި ބުނެފައިވެއެވެ. "އަހުމަދުބެ ސަލާމަތް ކޮށްދީ ޕްލީސް" ފުލުފުލުން ފޮނުވި ދެވަނަ މެސެޖުގައި ބުނެފައިވެއެވެ.
"ޝާފިއު ވަރަށް އާދޭހާއެކީ ބުނަން އަހަރެން ބުނާ ގޮތަށް ހެކިބަސް ދީ، 35،000 ރުފިޔާ ލިބޭ ވަޒީފާއެއް ވެސް ހަމަޖައްސައިދޭނަން، އަހުމަދުބެއަށްޓަކައި މިކަން ކޮށްދީ. އަހުމަދުބެއަށް ސަލާމަތެއް އޮތީ ޝާފިއު މިކަން ކޮށްދީގެން ޕްލީސް އަހުމަދުބެ ސަލާމަތްކޮށްދީ،" އިތުރު މެސެޖެއްގައި ބުނެފައިވެއެވެ.
"އެފްއާ ދެކޮޅަށް ހެކިބަސް ނުދީފިއްޔާ ޝާފިއު ހަނދާންކުރާތި ޝާފިއު އަހަރެން ޖަލަށް ލިޔަސް ޝާފިއު އަހަރެން އެކަން ދައްކާލާނަން މިއީ ފަހު ފުރުސަތު، ހޯމަ ދުވަހަށް ޖަވާބެއް ނުދީފިއްޔާ އިތުރަށް ޝާފިއުއަށް ލިބޭ ގެއްލުމަކަށް ޒިންމާވާކަށް ނެތިން،" އަހުމަދު ރަޝީދު ކުރެއްވި މެސެޖެއްގައިވެއެވެ.
ޝާފިއު ހައްޔަރުކުރީ ޖުލައި މަހުގެ 4 ވަނަ ދުވަހުގެ ރޭ 1:00 ހާއިރުއެވެ. ފުލުހުންގެ އިދާރާގައި ޝާފިއު ބައިންދާފައި އިންދާ، އާއިލާ މީހަކު އޭނާއާ ބައްދަލުކުރަން ބޭނުންވެގެން ހުށަހަޅާފައިވާކަން ފުލުހުން އެންގިއެވެ. ފުލުހުންގެ ތަހުގީގުގައި ޝާފިއުއާ ސުވާލުކޮށްފައިވަނީ އެ މީހާގެ ހާޒިރުގައެވެ. އެ މީހަކީ އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އިބްރާހިމެވެ.
"ހައްޔަރުކޮށްފަ އަޅުގަނޑު މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ގެންގޮސް އެތަނުގައި ވަކިން އަޅުގަނޑު ބޭންދި އެހެން އިންދާ ކުއްލިއަކަށް އަޅުގަނޑަށް އަންގަނީ އަޅުގަނޑުގެ އާއިލާ ބޭފުޅަކު އަޅުގަނޑާ ބައްދަލުކުރަން ބޭނުންވާ ކަމަށް، އެ ބޭފުޅަކީ އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (ގާރީ)، 15 ވަރަކަށް މިނެޓް ފަހުން ގާރީ އައިސް، 6 ފުލުހުން މެދުވެރިކޮށް އަޅުގަނޑުގެ ލޯޔަރުގެ ޣައިރު ހާޒިރުގައި އަޅުގަނޑާ އެތަނުގައި އެތައް ވާހަކަތަކެއް ދެކެވި އަދި އަޅުގަނޑުގެ ބައެއް ވާހަކަތަކުގެ ވީޑިއޯ ފޫޓޭޖް ވެސް ނެގި ކަންތައްތަކެއް ހިނގައި ދިޔަ،" ޝާފިއު ކިޔައިދިނެވެ.
ޝާފިއުގެ ގާނޫނީ ވަކީލު އަލީ ޒާހިރުގެ ޣައިރު ހާޒިރުގައި ތިން ގަޑިއެއްހާއިރު ވަންދެން ފުލުހުން ތަހުގީގު ކުރިއަށް ގެންދިޔައެވެ. ޝާފިއުއަށް ވީގޮތެއް ވަކީލަށް އެނގުނީ ފަތިހު 4:30 ހާއިރުއެވެ.
"އަޅުގަނޑު ލޯޔަރަށް އަޅުގަނޑު ހައްޔަރުކުރިކަން އެންގީ ހަނދާންވާގޮތުން ފަތިހު 4:30 އެހާކަންހާއިރު، އޭގެ ފަހުން އަޅުގަނޑުގެ ލޯޔަރަށް އެނގުނީ އަޅުގަނޑު ކޮންތާކުކަން އިނީވެސް، އޭގެ ކުރިން އެ ދިޔަ ދެ ގަޑިއިރު ތިން ގަޑިއިރު ތެރޭގައި ފުލުހުންގެ 6 ބޭފުޅުންނާއެކު ގާރީ އިންނަވައިގެން އެތައް ގޮތަކުން ވާހަކަތައް ދެކެވެމުންދިޔަ، އެ ވާހަކަ މީޑިއާ އަޅުގަނޑު ހިއްސާކޮށްލަން ބޭނުން،" ޝާފިއު ބުންޏެވެ.
ޝާފިއުއަކީ އަހުމަދު ރަޝީދުގެ ވަރަށް އަރިސް މީހެކެވެ. ޝާފިއު ބުނާ ގޮތުގައި އަހުމަދު ރަޝީދަކީ ބައްޕައެއް ކަހަލަ މީހެކެވެ.
"އަޅުގަނޑު ދަތިކޮށް ހުރިއްޔާ ގާރީ ވެސް އެހީތެރިވޭ، ގާރީ ދަތިކޮށް ހުރިއްޔާ އަޅުގަނޑު ވެސް އެހީތެރިވަން އެގޮތަށް އަޅުގަނޑުމެން ދެ މީހުންނަކީ ވަރަށް ގާތްކޮށް އުޅުނު ދެ މީހުން އަބަދުވެސް، އަޅުގަނޑުގެ ބައްޕައެއް ކަހަލަ މީހެއް އެއީ، ދެން މިވަރު ކަމެއްގައި ސިޔާސީ ބޭނުމަށްޓަކައި އޭނަ ބޭނުންވާ ގޮތަށް އަޅުގަނޑު ކަންތައް ކުރަން ޕްރެޝާ ކުރުން އެއީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑަށް ހިތާމައެއް، އަޅުގަނޑު ވަރަށް ދެރަވެ އެކަމާ ހިތާމަކުރަން"
މެންބަރު އަހުމަދު ރަޝީދު އެދިވަޑައިގެންނެވީ އޭނާ ފުލުހަށް ބަޔާން ދެއްވި ގޮތަށް ޝާފިއުވެސް ފުލުހަށް ބަޔާން ދިނުމަށެވެ. އަހުމަދު ރަޝީދު ވިދާޅުވެފައިވާ ގޮތުގައި ސަލާމަތެއް އޮތީ ހަމައެކަނި އެގޮތުގެ މަތިން ކަންތައްތައް ކޮށްގެންނެވެ.
"ގާރީ އަޅުގަނޑަށް ތަފާތު މެސެޖުތައް ކޮށްފަ އެބަހުރި، އަދި މިވެނި ގޮތަކަށް ޕޮލިހަށް ބަޔާންދޭށޭ ކިޔާފަ އަޅުގަނޑަށް ގާރީ ކޮށްފަ ހުރި މެސެޖުތައް އަޅުގަނޑުގެ ލޯޔަރުންގެ އަތުގައި ހުންނާނެ. އަދި ހަމަ އެގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް އަޅުގަނޑުގެ ފޯނު ގެންގޮސްފައިވާއިރު ފޯނުންވެސް އެ ހުރިހާ އެއްޗެއް ފެނިފައިވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. އަޅުގަނޑު އެ ހުރިހާ އެއްޗެއްގެ ސްކްރީންޝޮޓް ނަގާފަ ހުންނާނެ ގާރީ އަޅުގަނޑު ކައިރީގައި ތިމަންނަ މިވެނި ގޮތަކަށް ބަޔާން އެބަ ދެމޭ އެހެންވީމަ ޝާފިއުވެސް މިގޮތަށް ބުނާށޭ ތިމަންނަމެން ދެ މީހުން ސަލާމަތްވާނީ މިގޮތަށް ހަދައިގެންނޭ، މި ނޫން ގޮތެއް ނެތޭ ކިޔައިގެން މިކަހަލަ ގޮތަކަށް ގާރީ އަޅުގަނޑަށް ވަރަށް ބޮޑަށް ޕްރެޝަރު ކުރި"
އަހުމަދު ރަޝީދު އެދިވަޑައިގެންނެވީ ފާރިސް ވިދާޅުވެގެން ތިން ލައްކަ ރުފިޔާ ހަވާލުކުރި ކަމަށް ބުނެ ޝާފިއު ބަޔާން ދިނުމަށެވެ. ޝާފިއު ބުނާ ގޮތުގައި އެއީ ކަނޑައެޅިގެން ދޮގެކެވެ. އެގޮތަށް އަހުމަދު ރަޝީދު ބަޔާން ދެއްވީ ކުރިމަތިވެވަޑައިގެންނެވި ޕްރެޝަރުގެ ސަބަބުން ކަމަށް ޝާފިއު ގަބޫލުކުރެއެވެ.
"ގާރީ އަޅުގަނޑު ކައިރިން އެދުނީ ފާރިސްއާ ދެކޮޅަށް ގާރީ ދިން ބަޔާނާ އެއްގޮތަށް އަޅުގަނޑު ވެސް ބަޔާން ދޭން، އެކަމަކު އަޅުގަނޑު ކަމުގެ ހަގީގަތާ އެއްގޮތަށް ބަޔާން ދޭން ބޭނުންވާތީ އަޅުގަނޑު ބޭނުންނުވީ ގާރީ ބޭނުންވިގޮތަށް އެކަން ކުރަން. ގާރީ ވިދާޅުވީ ގާރީ ބަޔާން މި ދެނީ ޝާފިއު ތިން ލައްކަ ރުފިޔާ ދިން ކަމާއި އަދި އެ ފައިސާއަކީ ކާކު ދިން ފައިސާއެއްތޯ ގާރީ ޝާފިއުއާ ސުވާލުކުރީމަ ޝާފިއު ބުންޏޭ އެއީ ފާރިސް މައުމޫން ދިން ފައިސާއޭ، އެކަމަކު އެއީ ކަނޑައެޅިގެން ގާރީ ހެއްދެވި އިތުރުފުޅެއް. ގާރީއަށް އެވަގުތު ދިމާވި ޕްރެޝަރުތަކެއްގެ ސަބަބުން ގާރީ ވަކި ބަޔަކު ބޭނުންވާ ގޮތަށް ބަޔާން ދިން ކަން އަޅުގަނޑަށް ކޮށްފައި ހުރި މެސެޖުތަކުން ހުންނާނެ ފެންނަން،"
މަސީހުގެ އިތުބާރުގެ ޕެޓިޝަނުގައި މެންބަރު އަހުމަދު ރަޝީދު ސޮއިކުރެއްވި އިރު، އެތަނުގައި ހުރި މީހެއްގެ ހައިސިއްޔަތުން ޝާފިއު ބުނީ އަހުމަދު ރަޝީދު ސޮއިކުރެއްވީ އަމިއްލަ އިޚްތިޔާރުގައި ކަމަށެވެ. އެކަމުގައި ފައިސާގެ އެއްވެސް މުއާމަލާތްތަކެއް ނުހިމެނޭ ކަމަށްވެސް ޝާފިއު ބުނެއެވެ.
"އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އިބްރާހިމް ސޮއިކުރީ އޭނަ އަމިއްލައަށް އެކަން ބޭނުންވެގެން، އޭނަ އަޅުގަނޑަށް ރިކުއެސްޓް ކުރީމަ އަޅުގަނޑު އެކަން ކުރީ އަދި ފާރިސް މައުމޫންގެ ހާޒިރުގައި ސޮއިކުރިއިރު އަޅުގަނޑާ އިތުރު މީހަކު ވެސް އެތާ ހުންނާނެ، ޖުމްލަ ހަތަރު މީހުން ތިބެގެން ސޮއިކޮށްފަ ވެސް ވާނީ. ގާރީގެ އަމިއްލަ އިޚްތިޔާރުގައި އޭނަ އަމިއްލައަށް ބޭނުންވެގެން އަޅުގަނޑުގެ ހާޒިރުގައި ދެ ރަކުއަތް ނަމާދެއް ވެސް ކޮށް ﷲ އާ ވަކީލުކޮށް އޭނަ އަޅުގަނޑާ އެކީގައި ގޮސް ސޮއިކުރީ"
ޝާފިއު ބުނީ ފާރިސް ދެއްވި ފައިސާއެއް އަހުމަދު ރަޝީދާ ހަވާލުކޮށްފައިނުވާނެ ކަމަށެވެ. އަދި ފައިސާ ދީގެން އަހުމަދު ރަޝީދު ލައްވާ ސޮއެއް ކުރުވާފައިވެސް ނުވާނެ ކަމަށް އޭނާ ބުނެއެވެ.
"ފާރިސް ވިދާޅުވެގެން ނޫނީ ފާރިސް ދެއްވި ފައިސާއެއްވެސް އަޅުގަނޑު ނޯންނާނެ ގާރީއަށް ދީފައެއް، އަދި ފައިސާ ހުށަހަޅައިގެން ގާރީ ލައްވާ ސޮއިކުރުވާފައެއް ވެސް ނޯންނާނެ އަޅުގަނޑެއް، ފާރިސް ވިދާޅުވެގެންނޭ ކިޔާފަ ގާރީ އެ ހައްދަވަނީ ކަނޑައެޅިގެން ދޮގެއް، އެއްވެސް ފައިސާގެ މުއާމަލާތެއް އެވަގުތު އެތާނގަ އެ ވަގުތު ވެސް އަދި ފަހުން ވެސް ހިނގާފަ ނުވާނެ ކަމަށް އަޅުގަނޑު މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ދިން ބަޔާނުގައި ވެސް އޮންނާނެ"
ޝާފިއު ބުނީ އޭނާއާއި ފާރިސްއާއި އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން ފާރިސް ފައިސާ ދިން ކަމަށް ބުނާ ފަދަ އޯޑިއޯއެއްވެސް ނޯންނާނެ ކަމަށް އޭނާ ބުނެއެވެ.
"ތަހުގީގުގައި ފުލުހުން އެ ބުނާ ކަހަލަ އޯޑިއޯއެއް އަޅުގަނޑުގެ ފަރާތުން ލިބިފައެއް ނޯންނާނެ، އަދި އަޅުގަނޑުގެ ފޯނުގައި ވެސް އެ ބޭފުޅުން އެ ވިދާޅުވީ އެއްޗެއް ނުހުންނާނެ، އެ ޔަގީންކަން އަޅުގަނޑަށް އެބައޮތް. ސިޔާސީ ގޮތުން ބައެއް ޖަލްސާތަކުން ފެނުނީމަ ހައި ޖެހުން ފިޔަވައި އިތުރު ރިލޭޝަނެއް ފާރިސްއާ އަޅުގަނޑާ ނޯންނާނެ،"
ޝާފިއު އަކީ އަހުމަދު ރަޝީދާ ފައިސާ ހަވާލުކުރުމަށް ބޭނުންކުރި މެދުވެރިޔާކަމަށް ދައުލަތުން ބުނެއެވެ. ޝާފިއު ބުނާ ގޮތުގައި އެގޮތަށް ތުހުމަތު ކުރާނަމަ ފާރިސްއަށް ދައުވާކުރެވެން ޖެހޭނީ އޭނާއަށް ދައުވާ ކުރުމަށްފަހުގައެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑު މެދުވެރިއެއްގެ ނަމުގައި އިން ކަމަށް ވާނަމަ އަޅުގަނޑަށް ދައުވާ ކޮށްފައޭ ފާރިސްއަށް ދައުވާކުރަން ޖެހޭނީ، އެއީ އެއިރުވެސް އަދި މިހާރުވެސް އަޅުގަނޑު ބުނަމުން މި ދާ ވާހަކައަކީ، ފާރިސްއަށް ދައުވާ ކުރަންޖެހޭނީ އަޅުގަނޑަށް ދައުވާ ކޮށްފައޭ، ގާރީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އޭނާއަށް މަޖުބޫރީ ހާލަތެއް ދިމާވެގެން ދިން ސްޓޭޓްމެންޓަށް ދައުވާކުރާކަމަށް ވާނަމަ އަޅުގަނޑަށް ދައުވާ ކޮށްފަ އެއަށްފަހު ފާރިސް އަށް ދައުވާކުރަންޖެހޭނީ،"
ފާރިސްއާ ދެކޮޅަށް ހެކިބަސް ދިނުމަށް ޝާފިއުއަށް ހުށަހެޅުންތަކެއް ހުށަހެޅެމުންދާއިރު، ވަކި ގޮތަކަށް އަމަލުކުރުމަށް އަންގައި ބަޔަކު ދަނީ އޭނައަށް އިންޒާރުތައްވެސް ދެމުންނެވެ. އެހެން ނަމަވެސް، ފާރިސް ނުކުރައްވާ ކަމެއް ކުރެއްވި ކަމަށް ބުނެ ހެކިބަސް ނުދޭނެކަމަށް އޭނާ ބުނެއެވެ.
"ގާރީގެ ފަރާތުން ވަރަށް ގިނަ އިންޒާރުތައް އަޅުގަނޑަށް މިވަގުތާ ހަމައަށް ވެސް ލިބެމުންދަނީ، ވަކި ގޮތަކަށް އަޅުގަނޑުގެ އަމަލުތައް ބަހައްޓަން ވަކި ގޮތަކަށް އަޅުގަނޑު މިކަމުގައި އަމަލުކުރަން އިންޒާރުތައް ލިބެމުން އެބަދޭ، މަރުގެ އިންޒާރުވެސް އަޅުގަނޑަށް ލިބެމުން އެބަދޭ... އަޅުގަނޑު ފާރިސްއާ ދެކޮޅަށް ހެކިބަސް ދޭނެ އެއްވެސް ގޮތެއް ނޯންނާނެ، އެއީ ފާރިސް ނުކުރާ ކުށަކަށް ނުކުރާ ކަމަކަށް ބަޔަކު އޭނާ ފްރޭމްކޮށްގެން އުޅޭ އުޅުން އަޅުގަނޑު ކުށްވެރިކުރަން،"