އާޖެންޓީނާގެ ސްކޮޑު ނެގުމަށް އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށް އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފިއެވެ.
އާޖެންޓީނާގެ ބައެއް މީޑިއާތަކުން ބުނަމުންދާ ގޮތުގައި އެ ގައުމުގެ ގައުމީ ޓީމަށް ކުޅުންތެރިން ނެގުމުގައި މެސީ ވަރަށް ބޮޑަށް ނުފޫޒު ފޯރުވައެވެ. އެހެނަސް މި ވާހަކަތަކަށް ރައްދު ދެމުން މެސީ ބުނެފައިވަނީ އެއްވެސް ކުޅުންތެރިޔަކު ގައުމީ ޓީމަށް ނެގުމުގައި އޭނާގެ އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށާއި ގައުމީ ޓީމަށް ކުޅުންތެރިން ނަގަނީ ކޯޗު ހޯސޭ ސަމްޕައޯލީ ކަމަށެވެ.
އާޖެންޓީނާގެ މީޑިއާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އިންޓަ މިލާންގެ ފޯވާޑް މައުރޯ އިކާޑީއަށް އާޖެންޓީނާގެ ސްކޮޑުން 2013 ވަނަ އަހަރުން ފެށިގެން ޖާގަ ދީފައި ނުވަނީ މެސީ އެކަމަށް ހުރަސް އަޅަމުން ދިޔުމާ ވިދިގެންނެވެ. އެހެން ނަމަވެސް މި ވާހަކަތައް ދޮގު ކުރަމުން މެސީ ބުނެފައިވަނީ އިކާޑީ ގައުމީ ޓީމަށް ނުނެގުމަށް އެއްވެސް އިރެއްގައި ބުނެފައި ނުވާނެ ކަމަށާއި އަދި އެހެން ކުޅުންތެރިޔަކު ވެސް ގައުމީ ޓީމަށް ނުނެގުމަށް ދުވަހަކު ވެސް ބުނެފައި ނުވާނެ ކަމަށެވެ. އަދި ކުޅުންތެރިން ގައުމީ ޓީމަށް ކުޅެނީ އޭނާގެ ރައްޓެއްސަކަށް ވީތީއޭ ބުނުމަކީ މީޑިއާއިން ކުރަމުންދާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް މެސީ ބުނެފައިވެއެވެ.
އާޖެންޓީނާގެ ކޯޗު ކަމާއި ސަމްޕައޯލީ ހަވާލުވި ފަހުން އިކާޑީއަށް ފުރުސަތު ދީފައިވާއިރު ޖުވެންޓަސްގެ ފޯވާޑް ގޮންޒާލޯ ހިގުއައިންއަށް ސަމްޕައޯލީގެ ކޯޗު ކަމުގައި ފުރުސަތު ދީފައެއް ނުވެއެވެ. ޖެހިޖެހިގެން ދެ ކޮޕާ އެމެރިކާއާއި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލުން އާޖެންޓީނާ ބަލިވެފައިވަނީ ހިގުއައިންގެ ސަބަބުން ކަމަށް ބުނެ އެ ޓީމުގެ ސަޕޯޓަރުން އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔައެވެ. އެހެނަސް މެސީ ބުނެފައިވަނީ ހިގުއައިންއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އޭނާ ނުހިފި ކަމުގައި ވިޔަސް އޭނާއާ ކުށްވެރިކޮށް އެއްވެސް މީހަކަށް ވާހަކަ ދެއްކުމުގެ ފުރުސަތެއް ނޯންނާނެ ކަމަށާއި ބަލިވާނީ ޓީމެއްގެ ގޮތުގައި ކަމަށެވެ.
މެސީ ބުނެފައިވަނީ ޖެހިޖެހިގެން ބޮޑު ތިން މުބާރާތެއްގެ ފައިނަލުން ބަލިވުމުން ޓީމުގެ ތެރޭގައި އޮތް ގުޅުމަކަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށާއި ކުޅުންތެރިންގެ ހިތްވަރު އިތުރުވީ ކަމަށެވެ. އަދި އެތަކެއް އަހަރުތަކެއް ވަންދެން އެއްކޮށް ކުޅެފައިވާތީ އެންމެންގެ މެދުގައި ވެސް އޮންނަނީ ވަރަށް ބަދަހި ގުޅުމެއް ކަމަށް ވެސް މެސީ ބުނެފައިވެއެވެ
އާޖެންޓީނާގެ އާދަކާދަތަށް ހުންނަ ގޮތުން ވޯލްޑް ކަޕް އެ ގައުމުން އުފުލައިފި ނަމަ ވޯލްޑް ކަޕް ނަގާ ޓީމުގެ ކެޕްޓަން ރޮސާރިއޯއިން ފެށިގެން ސެން ނިކޮލަސްއަށް 65 ކިލޯމީޓަރު ފައިމަގުގައި ހިނގަން ޖެހެއެވެ. މެސީ ބުނެފައިވަނީ އަންނަ އަހަރު އޮންނަ ވޯލްޑް ކަޕް ކާމިޔާބު ކުރެވިއްޖެ ނަމަ އެކަން ކުރަން ފަސް ނުޖެހޭނެ ކަމަށާއި އަދި ތަށި ލިބިއްޖެ ނަމަ ފައިމަގުގައި 65 ކިލޯމީޓަރު ހިނގަން ވައުދުވާ ކަމަށެވެ.
އީއެސްޕީއެންއަށް ދިން މި އިންޓަވިއުގައި މެސީ ބުނެފައިވަނީ އާޖެންޓީނާއަކީ އެއްވެސް ހާލެއްގައި އަންނަ އަހަރު އޮންނަ ވޯލްޑް ކަޕުގެ ފެވަރިޓުން ނޫން ކަމަށާއި ފެވަރިޓުންނަކީ ސްޕެއިންއާއި ބްރެޒިލްއާއި ފްރާންސް އަދި ޖަރުމަނު ކަމަށެވެ. ޓީމަކާ ދެކޮޅަށް ކުޅެން ބޭނުންނުވާ ހަމައެކަނި ޓީމަކީ ސްޕެއިން ކަމަށް ވެސް މެސީ ފާހަގަކުރިއެވެ.
އަންނަ އަހަރުގެ ވޯލްޑްކަޕުން އާޖެންޓީނާއަށް ޖާގަ ގެއްލިދާނެ ކަމުގެ ބިރު ހީވެފައި ވަނިކޮށް އެ ޓީމު ވޯލްޑް ކަޕަށް ކޮލިފައިވީ އިކުއެޑޯއާ ދެކޮޅަށް މެސީ ހެދި ހެޓްރިކުންނެވެ.