ކ. މާލެ
|
9 ނޮވެންބަރ 2017 | ބުރާސްފަތި 19:54
މެންޗެސްޓާ ސިޓީގެ ބައެއް ކުޅުންތެރިން - މިއީ އެ ޓީމުގެ ތާރީހުގައި ލިބުނު އެންމެ ބޮޑު އާމްދަނީގެ އަދަދު
މެންޗެސްޓާ ސިޓީގެ ބައެއް ކުޅުންތެރިން - މިއީ އެ ޓީމުގެ ތާރީހުގައި ލިބުނު އެންމެ ބޮޑު އާމްދަނީގެ އަދަދު
ގޫގުލް
މެންޗެސްޓާ ސިޓީ
ސިޓީއަށް ރެކޯޑު އާމްދަނީއެއް
އެ ކްލަބަށް އާމްދަނީގެ ގޮތުގައި 473 މިލިއަން ޕައުންޑް ވަނީ ލިބިފަ
މިއީ މިދިޔަ އަހަރުގެ އަދަދާއި އަޅާކިޔާއިރު 21 އިންސައްތައިގެ ކުރިއެރުމެއް

އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް މެންޗެސްޓާ ސިޓީއަށް ރެކޯޑު އާމްދަނީއެއް ލިބިފައިވާ ކަމަށް އެ ކްލަބުން ހާމަކޮށްފިއެވެ.

އެ ކްލަބުން އާންމު ކޮށްފައިވާ އަހަރީ މާލީ ރިޕޯޓުގައިވާ ގޮތުން މިދިޔަ މާލީ އަހަރުގައި އެ ކްލަބަށް އާމްދަނީގެ ގޮތުގައި 473 މިލިއަން ޕައުންޑް ވަނީ ލިބިފައެވެ. މިއީ އެ ކްލަބުގެ ތާރީހުގައި ވެސް 400 މިލިއަން ޕައުންޑަށް ވުރެ ބޮޑު އާމްދަނީއެއް ލިބުނު ފުރަތަމަ ފަހަރަށްވާއިރު މިއީ މިދިޔަ އަހަރުގެ އަދަދާއި އަޅާކިޔާއިރު 21 އިންސައްތައިގެ ކުރިއެރުމެކެވެ. ހަމައެހެންމެ އެ ކްލަބުގެ މާލީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 1.088 މިލިއަން ޕައުންޑް ވަނީ ލިބިފައެވެ.

ސިޓީއަށް އާމްދަނީގެ ގޮތުގައި މިހާ ބޮޑު އަދަދެއް ލިބިފައިވީ ނަމަވެސް މިދިޔަ ސީޒަނުގައި އެ ޓީމު ބައިވެރިވި އެއްވެސް މުބާރާތެއްގެ ތަށި ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ހަމައެހެންމެ މި އަހަރު ވެގެން ގޮސްފައިވަނީ ސިޓީގެ ތާރީހުގައި ވެސް އެއްވެސް ގެއްލުމެއް ނެތި އެ ކްލަބުން މާލީ ރިޕޯޓު އާންމުކުރި ފުރަތަމަ ފަހަރަށެވެ.

އެ ކްލަބުގެ ޗެއާމަން ޙަލްދޫން އަލް މުބާރާކް ބުނެފައިވަނީ މާލީ ރިޕޯޓު އާންމުކުރުމުގެ މައިގަނޑު މަގްސަދަކީ އެ ކްލަބުގެ ހިއްސާދާރުންނާއި ސަޕޯޓަރުންނަށް ކްލަބު ހިނގަމުންދާ ގޮތުގެ އެންމެ ފުރިހަމަ ތަފްސީލު ދިނުން ކަމަށެވެ. ހަމައެހެންމެ ސިޓީގެ ވިޔަފާރީގެ ކަންކަމާއި ފުޓްބޯޅައިގެ ކަންކަން އެއްވަރެއްގައި ދެމެހެއްޓުމަށް އެ ކްލަބުން ކުރަމުން އަންނަ މަސައްކަތުގެ ސަބަބުން ކްލަބު ހުރިހާ ގޮތަކުން ވެސް ވަރުގަދަވެ ކުރިއެރުމަށް މަގުފަހި ވެގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މުބާރަކް ވަނީ ސިޓީގެ އެކަޑަމީއާ ގުޅޭގޮތުން ވެސް ވާހަކަ ދައްކާފައެވެ. އެގޮތުން އެ ކްލަބުގެ އެކަޑަމީއަކީ ހުއްޓުމެއް ނެތި ހުނަރުވެރި ޒުވާން ކުޅުންތެރިން އުފައްދަމުން އަންނަ އެކަޑަމީއެއް ކަމަށާއި ކްލަބް މިހާރު ހޯދަމުންދާ ކާމިޔާބުގެ އެންމެ ބޮޑު އެއް ސިއްރަކީ އެއީ ކަމަށް އޭނާ ބުނެފައިވެއެވެ. އޭނާ ވަނީ މިއަހަރު ބޭއްވި 17 އަހަރުން ދަށުގެ ވޯލްޑް ކަޕް އިންގްލޭންޑަށް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ރޯލެއް އަދާކުރި އެ ޓީމުގެ އެކަޑަމީގެ ކުޅުންތެރިޔާ ފިލް ފޯޑެންގެ ނަން ވަކިން ހާއްސަކޮށް ފާހަގަ ކޮށްފައެވެ.

އެ މުބާރާތުގެ ރަން ބޯޅަ ކާމިޔާބުކުރި ފޯޑެންއާއި ގުޅޭ ގޮތުން މުބާރާކް ބުނެފައިވަނީ އޭނާގެ ހުނަރުތައް އިތުރަށް ކުރިއަރުވައި ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިޔަކަށް ހެދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިޔަށް ކަމަށާއި ޒުވާން ކުޅުންތެރިންނަށް ރަނގަޅު ތަމްރީނުދީ އެ ކުޅުންތެރިންނަށް ފުރުސަތު ދިނުމަކީ އެ ކްލަބުގެ އެންމެ މައިގަނޑު އެއް އަމާޒު ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި ވެސް އެ ކްލަބުގެ އެކަޑަމީ ކުރިއެރުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް މުބާރަކް ބުނެފައިވެއެވެ.

ސިޓީއިން އާމްދަނީގެ ގޮތުގައި ރެކޯޑު އަދަދެއް ހޯދާފައިވާއިރު އެ ޓީމު މިވަގުތު އޮތީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު 11 މެޗުން ލިބުނު 31 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. އަދި އެ ޓީމުން ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ދެވަނަ ބުރުގެ ޖާގައެއް ވެސް ކަށަވަރު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް