ވޯލްޑް ބޭންކްގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ މެރްޒާ ހަސަންއާއި ބައެއް ވަޒީރުން ބައްދަލު ކުރައްވައިފިއެވެ.
ޑރ މެރްޒާ ހަސަން އާއި ބައްދަލުކުރައްވާފައި ވަނީ އިޤްތިޞާދާއި ބެހޭ ވަޒީރު މުހައްމަދު ސަޢީދާއި މާލީ ވަޒީރު އަހުމަދު މުނައްވަރެވެ. މިނިސްޓަރ ސައީދު ޑރ މެރްޒާ އާއި ބައްދަލުކުރެއްވީ ބުރާސްފަތި ދުވަހު އިކޮނޮމިކް މިނިސްޓްރީގައެވެ. އަދި މިނިސްޓަރ މުނައްވަރާއި އެކު އޮތް ބައްދަލުން އޮތީ ފިނޭންސް މިނިސްޓްރީގައެވެ.
ސޯޝަލް މީޑިއާގައި ހާމަކުރި ފޮޓޯތަކެއް ފިޔަވައި، ބައްދަލުވުމުގެ ތަފްޞީލެއް އެއްވެސް މިނިސްޓްރީއަކުން ހާމަކޮށްފައެއް ނުވެއެވެ. މިނިސްޓަރ ސަޢީދު ޓްވީޓް ކުރައްވާފައިވާ ފޮޓޯއެއްގައި ޑރ މެރްޒާއާއި ސަލާމް ކުރައްވާ މަންޒަރު ފެނެއެވެ. އަދި ފޮޓޯއާއިއެކު ލިޔުއްވާފައިވާ ލިޔުންކޮޅުގައި ވަނީ އިޤްތިޞާދީ ގޮތުން އަންނަމުންދާ ބަދަލުތަކާއި ބެހޭ ގޮތުން ބިނާކުރުވަނިވި ވާހަކަތަކެއް ދެކެވުނުކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގެ އިޤްތިޞާދީ ސިޔާސަތުގެ ވާހަކަ ބަޔާންކުރެއްވިއެވެ.
ފިނޭންސް މިނިސްޓްރީއިން ވެސް ވޯލްޑް ބޭންކްގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ މެރްޒާ ހަސަންއާއި އެކު ބޭއްވި ބައްދަލުވުމުގެ މާބޮޑު ތަފްޞީލެއް ހާމަކޮށްފައެއް ނުވެއެވެ. ފިނޭންސް މިނިސްޓްރީއިން މި ބައްދަލުވުމުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާއިރު، އެފޮޓޯތަކާއިއެކު ލިޔެފައިވާ ލިޔުންކޮޅުގައިވަނީ މިހާރު ކުރިއަށްދާ، އަދި ކުރިއަށް ރޭވިފައިވާ ތަރައްޤީގެ ޕްރޮޖެކްޓްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެވުނުކަމަށެވެ. އަދި ކުރިއަށް ހުރި ޕްރޮޖެކްޓްތަކަށް ފައިސާ ހޯދާނެ ގޮތާއި ބެހޭ ގޮތުން މަޝްވަރާ ކުރެވުނުކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެއެވެ.
ވޯލްޑް ބޭންކްގެ އިސް ބޭފުޅުންގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތް ކުރައްވާފައިވާއިރު، ރާއްޖޭގެ އިޤްތިޞާދު މިސްރާބު ޖަހާފައިވާ ގޮތާއި މެދު ވޯލްޑް ބޭންކާއި އައިއެމްއެފްއިން ދޭތެރެ ދޭތެރެއިން ކަންބޮޑުވުން ފާޅުކުރެއެވެ.