އެޑިއުކޭޝަން މިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރީގެ މަގާމަށް ގ. ދިލްކަޝް، މުހައްމަދު ސައީދު މިއަދު ހަމަޖައްސައިފި އެވެ.
މުހައްމަދު ސައީދު މި މަގާމަށް އައްޔަންކުރެއްވުމަށްފަހު ތަޢާރަފުވެވަޑައިގެންނެވުމުގެ ގޮތުން މިއަދު ވަނީ އެޑިއުކޭޝަން މިނިސްޓްރީގައި ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމު ބައިވެރިވެވަޑައިގެންނެވިއެވެ.
މުހައްމަދު ސައީދަކީ ކުރިން އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމު ފުރުއްވަމުން ގެންދެވި ބޭފުޅެކެވެ. މުހައްމަދު ސަޢީދު ދައުލަތަށް ޚިދުމަތް ކުރައްވަން ފައްޓަވާފައި ވަނީ 1989 ވަނަ އަހަރުން ފެށިގެންނެވެ. މީޑިޔާ އޮފިސަރެއްގެ މަގާމުން ފެށިގެން ތައުލީމީ ދާއިރާގެ އެކިއެކި މަގާމުތައް ފުރުއްވާފައިވެއެވެ. އޭގެތެރޭގައި އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމާއި، ޑިރެކްޓަރުގެ މަގާމާއި ޑިރެކްޓަރ ޖެނެރަލްގެ މަގާމު ފުރުއްވާފައިވާކަމަށް ސިވިލް ސާވިސް ކޮމިޝަނުން މައުލޫމާތު ދެއެވެ.
މުޙައްމަދު ސަޢީދު ވަނީ އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ބޯލްޓަންއިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލް ކުރައްވާފައެވެ.