ކެޓަލޯނިއާގެ މިނިވަންކަން އިއުލާނު ކުރުމަށް ބާރުއެޅުމުގައި އަދާކުރައްވާފައިވާ ދައުރާ ގުޅިގެން ކެޓަލޯނިއާގެ ކުރީގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ސުޕްރީމް ކޯޓަށް ހާޒިރު ކުރައްވައިފިއެވެ.
ކާމީ ފޯސާދްއާއި އޭރުގެ ގާނޫނުހަދާ މަޖިލީހުގެ ފަސްމެމްބަރުން ކޯޓަށް ހާޒިރުކޮށްފައިވާއިރު އެ މެމްބަރުން ބަންދުގައި ބޭތިއްބުމަށް މުއްދަތު ޖެހުމުގެ ފުރުސަތު އެބަ އޮތެވެ.
އެ ބޭފުޅުންގެ މައްޗަށް ދައުވާ ކުރެވިފައިވަނީ ދައުލަތާދެކޮޅު އަމަލު ހިންގުމަށް ހިތްވަރު ދިނުމާއި ދައުލަތާ ދެކޮޅު އަމަލު ހިންގުމާއި ރައްޔިތުންގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމެވެ.
މި ތުހުމަތު ތަކުގައި ތަހުގީގު ކުރުމަށް މިހާރު ވެސް ކެޓަލޯނިއާ ކުރީގެ ސަރުކާރުގެ އަށް މެމްބަރަކު ހުރީ ހައްޔަރު ކޮށްފައެވެ.
ބުރާސްފަތި ދުވަހު ފޯސަދެ ކޯޓަށް ހާޒިރުކުރެވުނުއިރު ސްޕޭންގެ އެއްބައިވަންތަކަމަށް ގޮވާލާ ފަރާތްތަކުންވަނީ ކޯޓްކައިރިއަށް އެއްވެ އެކަމަނާއާ ދެކޮޅަށް އަޑުއުފުލާފައެވެ.
ފޯސަދެ ގެންދަވަނީ މަޝްވަރާ ކުރުމާއި ވޯޓަކީ ޑިމޮކްރެޓިކް އުސޫލުން އިންތިޚާބުވެފައިވާ މަޖިލީހެއްގައި ކުށެއް ނޫން ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ.
މި މައްސަލަތަކުގައި އެ ބޭފުޅުންގެ މައްޗަށް ތުހުމަތު ކުރެވުނުއިރު ގާނޫހަދާ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ތިއްބެވުމުން މެމްބަރުންނަށް ލިބިވަޑައިގަންވާ އިމްތިޔާޒްތައް ލިބިވަޑައިގެންފައިވާ ބޭފުޅުންކަމަށްވާތީ މި މައްސަލަ ބަލަމުން ގެންދަނީ މެޑްރިޑްގައި ހުންނަ ސުޕްރީމް ކޯޓުންނެވެ.
ސްޕެއިންގެ ދުސްތޫރީ ކޯޓުންވަނީ ކެޓަލޯނިއާގެ މިނިވަންކަން އިއުލާނުކުރި ކުރުމަކީ ޣައިރުގާނޫނީ އަމަލެއްކަމަށް ކަނޑައަޅާފައެވެ.
މެޑްރިޑްގައި އޮންނަ މައި ސަރުކާރާ ދެކޮޅަށް ކެޓަލޯނިއާގައި އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު ނެގި ވޯޓަށްފަހު އެ ގައުމު އޮތީ ހަމަނުޖެހުމެއްގައެވެ.
ސްޕެއިންގެ ދުސްތޫރީ ކޯޓުން ޣައިރުގާނޫނީ ވޯޓެއް ކަމަށް އިއުލާނުކޮށްފައި ވަނިކޮށް ނެގި ވޯޓްގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުންގެ 43 އިންސައްތަ މީހުން ވޯޓްލާފައިވާއިރު މިނިވަން ދައުލަތެއް ގާއިމް ކުރުމަށް 90 އިންސައްތަ މީހުން އާ ބަސް ބުނެފައިވާ ކަމަށް ކެޓަލޯނިއާ ސަރުކާރުން ވަނީ ބުނެފައެވެ.
ކެޓަލޯނިއާގެ ގާނޫނު ހަދާ މަޖިލީހުގައި އެ ސަރަހައްދުގެ މިނިވަންކަން އިއުލާނު ކުރުމަށް ފެނޭތޯ ބެލުމަށް އޮކްޓޯބަރު މަހުގެ 27 ގައި ނެގި ވޯޓަށްފަހު ކެޓަލޯނިއާ ސަރަހައްދުވަނީ ސްޕެއިންގެ މައި ސަރުކާރުގެ ދަށަށް ގެންގޮސްފައެވެ.