"ޗައިނާ - މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" އަށް ކިޔާނޭ ދިވެހި ނަމެއް ހޯދުމަށް އިއުލާން ކޮށްފި އެވެ.
ދިވެހި ބަހުގެ އެކަޑަމީން ކޮށްފައިވާ އިއުލާނެއްގައި ވަނީ ޗައިނާގެ އެހީތެރިކަމުގެ ދަށުން ހުޅުލޭ އާއި މާލެއާ ދެމެދު ސަރުކާރުން އަޅަމުންދާ "ޗައިނާ - މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" އަށް ކިޔާނޭ ދިވެހި ނަމެއް ބޭނުންވާ ކަމަށެވެ. އެހެންކަމުން ބްރިޖަށް ކިޔާނެ ނަމެއް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 16 ވަނަ ދުވަހުގެ 13:30 ގެ ކުރިން ދިވެހި ބަހުގެ އެކަޑަމީއަށް ހުށަހެޅުމަށް އެ އިއުލާނުގައި ވެއެވެ.
ނަންތައް ހުށަހެޅުމުގައި ސަމާލުކަން ދޭންވީ ކަންކަން:
- ދިވެހިރާއްޖެއާއި ސީނުކަރަ ރަމްޒުކޮށްދޭ ނަމަކަށް ވުން
- ދުލަށް ފަސޭހަ، ނަމަކަށް ވުން
- ގިނަވެގެން ނުވަ އަކުރަށް ވުރެ ދިގު ނަމަކަށް ނުވުން
- ރަނގަޅު މާނައެއް ދޭހަވާ ނަމަކަށް ވުން
ކޮންމެ ބައިވެރިއަކަށް ގިނަވެގެން ތިން ނަން ހުށަހެޅިދާނެއެވެ. އެންމެ ރަނގަޅު ނަމެއް ހުށަހަޅާ ފަރާތަކަށް ދިވެހިބަހުގެ އެކެޑަމީގެ ހާއްސަ އިނާމާއި ޝަރަފުގެ ފިލައެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ދިވެހި ބަހުގެ އެކަޑަމީން ބުނެއެވެ.
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖްގެ މަސައްކަތްތައް ތަވާލުގައި ބުނެފައިވާ ތާރީހަށް ވުރެ އަވަހަށް ކުރިއަށްދާ ކަމަށާއި އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ބްރިޖް ހުޅުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވެއެވެ.