ރާއްޖޭގައި ހިންގާ ބްލޮކް މޯޑު ކޯސްތަކުގެ ސަބަބުން ކުދިންގެ ކިޔެވުމުގެ ފެންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި މަންދު ކޮލެޖުން ވަރޗުއަލް ކެމްޕަސް އުފެއްދީ މިކަމަށް ހައްލެއް ގެނެސް، ރަގަޅު ފެންވަރެއްގެ ތައުލީމީ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ކަމަށް މަންދު ކޮލެޖުގެ ޗެއަރޕާސަން އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.
މަންދު ކޮލެޖުގެ ޖެނުއަރީ އިންޓޭކާއި ގުޅޭ ގޮތުން ވާހަކަ ދެއްކެވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބްރާ ވިދާޅުވީ، ރާއްޖޭގައި ކޮލެޖުތަކުން ބްލޮކް މޯޑަށް ޑިޕްލޮމާ އާއި ޑިގްރީ ކޯސްތައް ހިންގާ ގޮތުން އެންމެ އެކަށީގެންވާ ގޮތެއްގައި ދަރިވަރުންނަށް މަޢުލޫމާތު ނުލިބޭ ކަމަށެވެ. އިބުރާ ވިދާޅުވީ، އާންމު ގޮތެއްގައި ދުނިޔޭގެ އެހެން ގައުމުތަކުގައި ބްލޮކް މޯޑަށް ކިޔަވައިދެނީ ޕޯސްޓް ގްރެޖުއޭޓް ކޯސްތަކަށް ހާއްސަކޮށްގެން ކަމަށާއި އެ ފެންވަރުގެ ކޯސްތަކަކީ ވަރަށް ބޮޑަށް އަމިއްލަ ދިރާސާއަށް ބިނާވެފައިވާ ޕްރޮގްރާމުތަކެއް ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގައި ޑިޕްލޮމާ އާއި ޑިގްރީ ފެންވަރުގެ ކޯސްތައް މިގޮތަށް ބްލޮކް މޯޑަށް ކުރިއަށް ގެންދިއުމުން، ކުދިންނަށް ސިލަބަސްގައި ހިމެނޭ މާއްދާތައް ކޯސް ނިމޭ އިރުވެސް ރަނގަޅަށް ނޭނގޭ ކަމަށް އިބްރާ ވިދާޅުވިއެވެ.
"ކޮންމެ ކުއްޖަކީ ވެސް އެކުއްޖަކަށް ކިޔެވެން އޮތް އެންމެ މަތީ ލެވެލްއަށް ކިޔެވުމުގެ ފުރުސަތު އޮންނަންޖެހޭ ކުއްޖެއް. މިނިސްޓްރީން މި ގެންގުޅޭ ސިޔާސަތަށް ފުށުއަރާ ކަމެއް އަޅުގަނޑުމެންނަށް މި ކުރެވޭ ކަމަކީ. އަޅުގަނޑުމެންނަށް ކުރެވޭ ކަމަކީ ވީހާވެސް ގިނަ ކުދިންނަށް ކިޔެވުމުގެ ފުރުސަތު ފުޅާކޮށް ފުރުސަތު ދިނުން. އެހެންވީމަ ކަންނޭނެ އަޅުގަނޑުމެންގެ މި މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ހުއްޓުވުމަށް އުޅެނީ" އިބްރާ ވިދާޅުވިއެވެ.
އިބްރާ ވިދާޅުވީ، ކޮންމެ ބެލެނިވެރިއެއްގެވެސް އެންމެ ބޮޑު އުންމީދަކީ ކިތަންމެ ދަތި ހާލުގައި ނަމަވެސް އެމީހެއްގެ ދަރިންނަށް ތަޢުލީމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށާއި އެހެން ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން އެކަންވެސް ހުއްޓުވަން އުޅޭ ކަމަށެވެ.
"އެޑިއުކޭޝަން މިނިސްޓްރީން ދަރިވަރުންނަށް ކިޔެވުމަށް އޮތް ފުރުސަތު ވަނީ ހަނިކޮށްފައި. މަންދު ކޮލެޖުގެ ޕޯޑިއަމް އަކީ ރާއްޖޭގެ ސިޔާސަތާ ގުޅޭ ގޮތުން މީގެ ކުރިން އަޅުގަނޑު ވާހަކަދައްކާ ޕޯޑިއަމްއެއް ނޫން. އެއީ ކޮލެޖަކީ ކިޔަވާދޭ ތަނަކަށްވާތީ. އެހެން ނަމަވެސް މިހާރު ކޮލެޖުގެ ކިޔަވާދިނުން ހުއްޓޭ ހިސާބަށް ސިޔާސީ ކަންކަން ދަނީ. ތިން އަހަރު ވެއްޖެ އެފަދަ އެއްވެސް ވާހަކައެއް ނުދައްކާ ހުންނަތާ" އިބްރާ ވިދާޅުވިއެވެ.
މަންދު ކޮލެޖުން މިފަހަރު މަސައްކަތް ކުރަނީ ސަރުކާރުން ކިޔަވައި ނުދޭ ކުދިންނަށް ކިޔަވާދިނުމަށް ކަމަށް އިބްރާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، 2018 ވަނަ އަހަރު މަންދު ކޮލެޖުގެ ޖެނުއަރީ އިންޓޭކްގެ ތެރެއިން މިހާރު ބްލޮކް މޯޑަށް ކިޔަވާ ކުދިންނަށް މަންދު ކޮލެޖުގެ ވަރޗުއަލް ކެމްޕަސްއިން އެކުންދިންގެ ކޯސް ފުރިހަމަ ކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ. އަދި އެފަދަ ކުދިންނަށް ހާއްސަ ޑިސްކައުންޓްތަކެއްވެސް ލިބިގެންދާނެކަމަށް އިބްރާ ވިދާޅުވިއެވެ.