ފަޅުތަކާއި ރަށްތައް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުﷲ ޒިޔާތު ޚިޔާނާތްތެރިވި ކަމަށް ބުނެ ދައުލަތުން ކުރާ ދައުވާތަކުގެ އަޑުއެހުން ފަސްކޮށްފިއެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރި ރަށްތަކާއި ފަޅުތަކުގެ ތެރެއިން ޖުމްލަ 30 ތަނެއް ކުއްޔަށް ދޫކޮށްގެން އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވިކަމަށް ބުނެ ޚިޔާނާތުގެ ކުށުގެ 30 ދައުވާއެއް ޒިޔާތުގެ މައްޗަށް ދައުލަތުން އުފުލާފައިވެއެވެ.
އެ ދައުވާތަކުގެ އިބްތިދާއީ އަޑުއެހުންތައް ފަށާފައިވާއިރު، އޭގެ ތެރެއިން 15 މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހަށް ތާވަލުކުރިއެވެ.
އަޑުއެހުން ފެށުމާއެކު ޒިޔާތުގެ ޤާނޫނީ ވަކީލު އަޙުމަދު ޔާމިން ވަނީ އިޖުރާއީ މައްސަލައެއް ހުށަހަޅުއްވާފައެވެ. ޔާމިން ވިދާޅުވީ ޒިޔާތުއާއި ބައްދަލުކޮށް، މައްސަލައަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތެއް ލިބިފައިނުވާ ކަމަށެވެ. އެގޮތުން ވަކިވަކި 30 މައްސަލައެއްގައި ދައުވާ ކޮށްފައިވާއިރު، ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ޒިޔާތުއާ ބައްދަލުކުރުމުގެ ފުރުސަތު ލިބިފައިވަނީ ތިން ފަހަރުކަމަށް ޔާމީން ވިދާޅުވިއެވެ.
ޒިޔާތުގެ ފަރާތުން އެދުނީ މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކޮށް، ޖަވާބުދާރީވުމަށް ތައްޔާރުވާން އިތުރު ވަގުތު ދިނުމަށެވެ.
މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ، މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވުނީ ސެޕްޓެމްބަރު 24 ވަނަ ދުވަހު ކަމަށްވާއިރު، ފާއިތުވެ ދިޔަ ދުވަސްތަކަކީ އެކަށީގެންވާ މުއްދަތެއް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން މައްސަލައިގެ ލިޔެކިޔުން ހަވާލުކުރާތާ 70 ދުވަހުގެ ތެރޭގައި ޝަރީއަތް ފަށަންޖެހޭކަން ގާޒީ ފާހަގަކުރެއްވިއެވެ.
ގާޒީގެ ވާހަކަތަކާ ގުޅިގެން ޒިޔާތު ވިދާޅުވީ، އޭނާއަކީ ބަންދުގައި ހުންނަ މީހެއް ކަމަށާއި ކިތަންމެ މުއްދަތެއް ފާއިތުވެ ދިޔަނަމަވެސް ވަކީލާއި ބައްދަލުނުކުރެވޭނަމަ އެ މުއްދަތުގެ ބޭނުމެއް ނެތް ކަމަށެވެ. އަދި މައްސަލަތަކުން "ރެކެން" ނުއުޅުއްވާ ކަމަށާއި މައްސަލަތަކުގައި ގިނަ އަދަދެއްގެ ފައިސާގެ ވާހަކަ ދައްކާއިރު، ލިޔުންތައް ދިރާސާކުރުމުގެ ފުރުސަތު ބޭނުންވާނެކަމަށް އޭނާ ވިދާޅުވިއެވެ.
"ވަކީލާ ބައްދަލުނުކުރެވޭނަމަ ކިތަންމެ ވަގުތެއް ފާއިތުވެ ދިޔަޔަސް، އެ ވަގުތަކީ ވަގުތަކަށް ނުވޭ، 30 މައްސަލަ އޮވެގެން ރެކެން ނޫޅެން. ބައިވަރު ލާރީގެ ވާހަކަ މި ދައްކަނީ. ޖަވާބުދާރީވެވޭނީ ލިޔުންތައް ދިރާސާކޮށްގެން،" ޒިޔާތު ވިދާޅުވިއެވެ.
ޒިޔާތުގެ ވާހަކަތަކަށް ރިޢާޔަތް ކުރައްވާ ގާޒީ އަލީ އާދަމް ނިންމެވީ 15 މައްސަލައިގެ ލިޔުންތައް ކޯޓުގެ އެތެރޭގައި ތިބެގެން ދިރާސާކުރުމަށް ތިން ގަޑިއިރުގެ ފުރުސަތެއް ދިނުމަށެވެ. އެ ފުރުސަތު ދެއްވުމަށް ފަހު އަޑުއެހުން ނިންމަވާލެއްވީ ހޮނިހިރު ދުވަހުގެ ހެނދުނު 11:00 ގައި އަޑުއެހުމެއް ބާއްވާނެކަން އިޢުލާނު ކުރެއްވުމަށް ފަހުގައެވެ.
ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ޒިޔާތުގެ މައްޗަށް ކުރާ ޚިޔާނާތުގެ އެއް ދައުވާ އިއްވާފައެވެ. އެ ދައުވާގައި ބުނެފައިވާ ގޮތުގައި ރ. އަތޮޅުގެ ފަޅު ރަށެއް ކުއްޔަށްދޫކޮށްގެން އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ތިން ލައްކަ ޑޮލަރާ ޒިޔަތު ހަވާލުވިއިރު، ފައިސާ ދައުލަތަށް ވަދެފައެއް ނުވެއެވެ.
ޒިޔަތުގެ މައްޗަށް ދައުވާ ކޮށްފައިވަނީ ޤާނޫނުލްއުގޫބާތުގެ 215 ވަނަ މާއްދާގެ 'ހ' އާއި ހަވާލާދީ އެ ޤާނޫނުގެ 210 ވަނަ މާއްދާގެ 'ށ' ގެ ދަށުންނެވެ. އެއީ ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ ކުށަކަށްވާއިރު، ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ޙުކުމެއް އަންނާނެއެވެ.
ޒިޔަތުގެ މައްޗަށް 30 ދައުވާ އުފުލާފައިވާއިރު، ޅ. މާބިންހުރާ ކުއްޔަށް ދޫކޮށްގެން އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ލިބުނު ފަސް މިލިއަން ޑޮލަރާ ހަވާލުވުމަށްފަހު އެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައި އަށް އަހަރުގެ ޖަލު ޙުކުމެއް އޭނާގެ މައްޗަށް ވަނީ އިއްވާފައެވެ. އެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބުގެ މައްޗަށްވެސް އަށް އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވާއިރު، ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް (ހާމިދު ސޭޓު)ގެ މައްޗަށް ދެ އަހަރުގެ ޖަލު ޙުކުމެއް އިއްވިއެވެ.