ވެލާނާގެ އަށް ވަނަ ފަންގިފިލާގައި ހުރި ލިޔެކިޔުންތަކެއްގައި ރޯކޮށްލީ ކުންފުނިތަކަށް މިލިޔަނުން ފައިސާ ދައްކަން ޖެހޭ ބައެއް ކަމަށް ބުނެ ވާހަކަ ދައްކާފައިވާ ވައިބާ ޗެޓްލޮގްތަކެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވައިބާ ޗެޓްލޮގްތަކަކީ ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ނަމުގައި ހަދާފައިވާ ވައިބާ ގުރޫޕެއްގެ ޗެޓްލޮގްތަކެކެވެ.
އެގޮތުން އެ ޗެޓްލޮގްތަކުގައި ވާހަކަ ދައްކާފައި ވަނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ނައިބު ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހުގެ ނަމުގައި ވާހަކަ ދައްކާފައިވާ މީހެއްގެ އިތުރުން ޕީޕީއެމް ސެކެރަޓަރީ ޖެނަރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ހަލީލްގެ ނަމުގައި ވާހަކަ ދައްކާފައިވާ މީހެކެވެ.
ފަލާހުގެ ނަމުގައި ވާހަކަ ދައްކާފައިވާ މީހާ ތުހުމަތު ކުރާ ގޮތުގައި ލިޔެކިޔުންތަކެއްގައި ރޯކޮށްލާފައި ވަނީ ކުންފުނިތަކަށް މިލިޔަނުން ފައިސާ ދައްކަން ޖެހޭ ބައެކެވެ. އަދި އެއީ ކޮންބައެއްތޯ ބުނެ ސުވާލު އުފައްދާފައިވެއެވެ. އަދި މީހުން ލައްވާ ކަންތައްތައް ކުރުވަން ވަރަށް މޮޅުވާނެ ކަމަށް ފަލާހުގެ ނަމުގައި ވާހަކަ ދައްކާފައިވާ މީހާ ބުނެފައިވެއެވެ.
ފަލާހު ކަމަށް ބެލެވޭ އެ މީހާގެ ވާހަކަތަކަށް ރައްދު ދެއްވައި އެމްޕީ ހަލީލް ކަމަށް ބެލެވޭ މީހާ ބުނެފައި ވަނީ "ބާރުހުރިކަން ދެއްކުމުގެ ހުތުރު އަމަލުތަކެއް ބައެއް އެމްޕީސްގެ ފަރާތުން ފެންނަމުންދާ" ކަމަށެވެ. އަދި "ރޭވުމެއްގެ ދަށުން ހުތުރު އަމަލުތައް ކޮށްފައިވާ މެންބަރުން އެ ހުތުރު އަމަލުތައް ފޮރުވުމަށް މި ދައުރުގަ ހޮވުނު ރައީސް އަށް ވަފާތެރި ބައެއް މެމްބަރުންގެ އަގުވައްޓާލަން އެކި ދޮގު ވާހަކަތައް ފަތުރުމުންދާ" ކަމަށް ހަލީލްގެ ނަމުގައި ވާހަކަ ދައްކާ މީހާ ބުނެފައި ވެއެވެ.
މިޗެޓްލޮގްތަކަކީ ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ވައިބާ ޗެޓްލޮގްތަކެއްތޯ ސާފް ކުރުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ނައިބު ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު އަށް ގުޅުމުން ވިދާޅުވީ އެއީ އޭނާ ދެއްކެވި ވާހަކަތަކެއް ނޫން ކަމަށާއި އަދި އެއީ ސައްހަ ޗެޓްލޮގްތަކެއް ވެސް ނޫން ކަމަށެވެ.
ފަލާހު ވިދާޅުވީ ވެލާނާގެ އަށް ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެކަމާ ގުޅިގެން އޭނާ ޕީޕީއެމް ޕީޖީ ގުރޫޕްގެ ވައިބާގައި އެއްވެސް ވާހަކަ އެއް ނުދައްކަވާ ކަމަށެވެ. އަދި އެއީ ބަޔަކު މީހުން ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ނަމުގައި ހަދާފައިވާ ޗެޓްލޮގްތަކެއް ކަމަށް ފަލާހު ވިދާޅުވިއެވެ.
ދާދިފަހުން ވެސް ކޮރަޕްޝަންގެ މައްސަލަތަކަކާ ގުޅިގެން ޕީޕީއެމްގެ ވައިބާގްރޫޕްގައި މެންބަރުންގެ މެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކޮށްފައި ވެއެވެ. އެ ގޮތުން ފަލާހް އާއި ޑރ. ހަލީލްގެ މައްޗަށް ތުހުމަތުތަކެއް ކުރެވުމާ ގުޅިގެން އެ ގްރޫޕްގައި ޕީޕީއެމްގެ ލީޑާޝިޕަށް އަމާޒުކޮށް އެ ދެ ބޭފުޅުން ދީފައިވާ ރައްދުކަމަށް ބުނާ ޗެޓްލޮގްތަކެއް ވަނީ ލީކްވެފައެވެ. ފަލާހް ވެސް ވިދާޅުވީ މީގެ ކުރިން ޕީޕީއެމްގެ ވައިބާ ގްރޫޕްގައި "މެސެޖްތަކެއް" ކުރައްވާފައިވާނެ ކަމަށެވެ.
ލިޔުންތަކުގައި ރޯކޮށްލީ މިލިޔަނުން ކުންފުނިތަކަށް ފައިސާ ދައްކަން ޖެހޭ ބަޔަކު ކަމަށް ބުނާ ވައިބާ ޗެޓްލޮގްތަކެއް އާންމުވެފައި މިވަނީ ބުދަ ދުވަހުގެ ރޭ ވެލަނާގެ އަށް ވަނަ ފަންގިފިލާގައި ހުރި ލިޔެކިޔުންތަކެއްގައި ރޯވުމާ ގުޅިގެންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯވެފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީ ހުންނަ އަށް ވަނަ ފަންގިފިލާގައި ހުރި އެއްޗެހިތަކެއްގައެވެ. ނަމަވެސް ގެއްލުންތަކެއް ވުމުގެ ކުރިން ސިފައިން ވަނީ އަލިފާންގަނޑު ނިއްވާލާފައެވެ.