ސަރުކާރުގެ އޮފީސްތައް ހުންނަ ވެލާނާގެ މިއަދު ހުޅުވުން ލަސްވެގެން ބައެއް މުވައްޒަފުން ގަޑިޖެހިއްޖެ އެވެ.
ރަސްމީ ދުވަސްތަކުގައި 7:00 ގައި ވެލާނާގެ ހުޅުވާއިރު، މިއަދު ހުޅުވީ 07:50 ހާއިރު އެވެ. އެހެންވެ ބައެއް މުވައްޒަފުން ގަޑިޖެހުނެވެ. ސިވިލް ސާވިސްގެ މުވައްޒަފުން ގަޑިޖެހެނީ 08:00 އަށެވެ.
ބުދަ ދުވަހުގެ ރޭ ވެލާނާގޭގެ އަށް ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، އެ އިމާރާތުގެ ސެކިއުރިޓީ ބަލަހައްޓާ ބައެއް އޮފިސަރުން ބުނި ގޮތުގައި، މިއަދު ވެލާނާގެ ހުޅުވުން ލަސްވީ އެމްއެންޑީއެފް އިން ހުއްދަ ދިނުން ލަސްވެގެންނެވެ.
އެހެން ނަމަވެސް އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީގެ ލިފްޓް ގޮޅި ކައިރީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވެލާނާގެ ބަންދުކޮށްފައި ބެހެއްޓުމަށް އަންގާފައި ނުވާނެ ކަމަށެވެ.
ބުދަ ދުވަހުގެ ރޭ 10:30 ހާއިރު ހިނގި އަލިފާނުގެ ހާދިސާގައި ރޯވެފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީ ހުންނަ 8 ވަނަ ފަންގިފިލާގައި ހުރި ކުނި އަޅާފައި ހުރި ކަޅު ޑަސްބިން ކޮތަޅެއްގައި ކަމަށް، ސެކިއުރިޓީ އޮފިސަރުން ބުންޏެވެ. މި އަލިފާނުގެ ހާދިސާ ހިންގަން މެދުވެރިވި ސަބަބެއް ނޭނގެ އެވެ.