ނިމިގެންދިޔަ ހަފްތާ ބަންދުން ފެށިގެން ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަޙުދު މުޙައްމަދު ބިން ސަލްމާންގެ އަމުރުފުޅަށް ހައްޔަރުކޮށްފައިވާ އެޤައުމުގެ ޝާހީ ޢާއިލާގެ އަމީރުންނާއި ވިޔަފާރިވެރިންގެ މިލްކިޔާތު 40 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.
އަލްޖަޒީރާއިން އާއްމުކޮށްފައިވާ މައުލޫމާތާއި، ފޯބްސް މަޖައްލާގެ އެންމެ މުއްސަނދިންގެ ލިސްޓަށް ބަލާއިރު، ސަޢޫދީ ސަރުކާރުން ކޮރަޕްޝަނާއި ދެކޮޅަށްކަމަށްބުނެ ފެށި މަސައްކަތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެންމެ މުއްސަނދި މީހަކީ އަމީރު އަލްވަލީދު ބިން ތަލާލްއެވެ.
ތިރީގައި މިވަނީ ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އެންމެ މުއްސަނދި މީހުންގެ މައުލޫމާތެވެ.
އަލްވަލީދު ބިން ޠަލާލް
އަލްވަލީދު ބިން ޠަލާލަކީ ސަޢޫދީގެ އެންމެ ބޮޑު އިންވެސްޓްމަންޓް ކުންފުނިކަމަށްވާ ކިންގްޑަމް ހޯލްޑިންގް ގްރޫޕްގެ ވެރިޔާއެވެ. ވަލީޢަޙުދު މުޙައްމަދު ބިން ސަލްމާންއާއި ދެބެންގެ ދެދަރި އަލްވަލީދުގެ ބައްޕާފުޅަކީ މިޒަމާނުގެ ސަޢޫދީ ޢަރަބިއްޔާގެ ބާނީ، ކިންގް އަބްދުލްޢަޒީޒް އާލް ސަޢޫދުގެ ދަރިކަލުން ތަލާލް ބިން އަބްދުލްޢަޒީޒެވެ. އަލްވަލީދުގެ މިލްކިއްޔާތު 16.8 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. އަލް ވަލީދު އަކީ ޓްވިޓަރ، ޓްވެންޓީ ފަރސްޓް ސެންޗަރީ ފޮކްސް، ނިއުސްކޯޕް އަދި ސިޓީ ބޭންކްގެ ހިއްސާދާރެކެވެ.
ބަކްރު ބިން ލާދިން
ބަކްރު ބިން ލާދިން އަކީ ސަޢޫދީ ބިންލާދިން ގްރޫޕްގެ ވެރިޔާއެވެ. އަލްޤައިދާގެ ލީޑަރު އުސަމާ ބިން ލާދިން އާއި އެއްބަފާ ބަކްރު ބިން ލާދިންއަކީ ސަޢޫދީގެ ޖިއްދާގެ އެންމެ ބާރުގަދަ އެއް ވިޔަފާރިވެރިޔާއެވެ. އަދި ސައޫދީ ބިންލާދިން ގްރޫޕަކީ ގަލްފުގެ އިމާރާތްކުރުމުގެ ދާއިރާގެ އެންމެ ބޮޑު އެއް ކުންފުންޏެވެ. ބަކްރު ބިންލާދިންގެ ބާރުގަދަކަން ސިފަކުރަމުން ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މޭޔަރަކާއި ސިޔާސީ މީހުން ތިބި ނަމަވެސް، ޖިއްދާގެ ހަގީގީ ވެރިޔަކީ ބަކްރު ބިންލާދިންއެވެ. ބަކްރު ބިން ލާދިން އާއި އޭނާގެ އާއިލާގެ މިލްކިއްޔާތު 7 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.
މުޙައްމަދު ބިން ނާއިފް
މުޙައްމަދު ބިން ނާއިފަކީ މިހާރު ސަޢޫދީ ވަލީ ޢަހުދުކަމުގައި ހުންނެވި މުހައްމަދު ބިން ސަލްމާންގެ ކުރިން ސަޢޫދީގެ ވަލީޢަޙުދެވެ. ރަސްގެފާނު ސަލްމާން ބިން އަބްދުލް ޢަޒީޒް ވަނީ މިއަހަރު މުހައްމަދު ބިން ނާއިފް އެމަޤާމުން ދުރުކޮށް އެމަނިކުފާނުގެ ދަރިކަލުން އަދި ވަލީޢަޙުދުގެ ނައިބުގެ މަޤާމުގައި ކުރިން ހުންނެވި މުޙައްމަދު ބިން ސަލްމާން އެމަޤާމަށް އިސްކުރައްވާފައެވެ. މުހައްމަދު ބިން ނާއިފަކީ ސަޢޫދީގެ ކުރީގެ ވަލީ ޢަހުދު، އަމީރު ނާއިފް ބިން އަބްދުލްޢަޒީޒްގެ ދެ ވަނަޔަށް އެންމެ ދޮށީ ދަރިކަލުންނެވެ. މުޙައްމަދު ބިން ނާއިފް ހައްޔަރުކޮށްފައިވާކަމަށް ސަޢޫދީގެ އޮފިޝަލުން ޔަޤީންކޮށް ނުދިންނަމަވެސް، ރިޕޯޓްތައް ބުނާ ގޮތުގައި ޖުލައި މަހުން ފެށިގެން އޭނާ ހުންނަވަނީ ގޭ ބަންދުގައެވެ. މުޙައްމަދު ބިން ނާއިފްގެ މިލްކިއްޔާތު 6 ބިލިއަން ޑޮލަރަށް އަރާކަމަށްވެއެވެ.
ވަލީދު އަލް އިބްރާހިމް
ވަލީދު އަލް އިބްރާހިމްއަކީ މިޑްލް އީސްޓް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (އެމްބީސީ)ގެ ވެރިޔާއެވެ. އެމްބީސީއަކީ މެދުއިރުމަތީގައި އޮތް އެންމެ ބޮޑު ބްރޯޑްކާސްޓިންގ ކުންފުންޏެވެ. ފަހުދު ރަސްގެފާނުގެ ޒަމާނުގައި ފެށި މިކުންފުނީގެ މީޑިއާ ޗެނަލްތަކަކީ ސަޢޫދީ ޝާހީ ޢާއިލާއަށް ވަފާތެރި، އަދި ޝާހީ އާއިލާގެ ޕްރޮޕެގެންޑާ މެޝިންތަކެއްގެ ގޮތުގައި ބޭނުންކުރާ ޗެނަލްތަކެކެވެ. ޤަތަރުގެ އަލްޖަޒީރާއާއި ވާދަޔަށް ސަޢޫދީއިން އުފެއްދި އަލްޢަރަބިއްޔާ ޓީވީ ޗެނަލަކީވެސް އެމްބީސީގެ ދަށުން ހިންގާ ޗެނަލަކެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެމްބީސީ ގަތުމަށް ވަލީޢަޙުދު މުޙައްމަދު ބިން ސަލްމާން މަސައްކަތްކުރެއްވިއެވެ. ޢަރަބި މީޑީއާ ކުރިއެރުވުމަށް ކުރައްވާ މަސައްކަތުގެ އަގު ވަޒަންކުރައްވައި، އުރުދުންގެ އަބްދުﷲ ރަސްގެފާނު ވަނީ މިދިޔަ އަހަރު ވަލީދު އަލް އިބްރާހީމަށް ޤައުމީ ލަޤަބެއްވެސް އަރުވާފައެވެ. ވަލީދު އަލް އިބްރާހިމްގެ މިލްކިއްޔާތު 6 ބިލިއަން ޑޮލަރަށް އަރައެވެ.
ސާލިޙް އަބްދުﷲ ކަމާލް
ސާލިޙް އަބްދުﷲ ކަމާލްއަކީ ޢަރަބި ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނިކަމަށްވާ ދައްލާ އަލް ބަރަކާ ގްރޫޕްގެ ޗެއަރމަނެވެ. އެކުންފުނިން ވަނީ ބޭންކިންގ، ސިއްހީ ދާއިރާ، ރިއަލް އެސްޓޭޓް އަދި އެނޫންވެސް ގިނަ ދާއިރާތަކެއްގައި ބޮޑެތި އިންވެސްޓްމަންތްތަކެއް ކޮށްފައެވެ. އޭނާއަކީ ޖިއްދާގެ ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ ރައީސްވެސް މެއެވެ. ސާލިޙް އަބްދުﷲ އަކީ އިސްލާމިކް ބޭންކިންގެ ދާއިރާގައި ފާހަގަކޮށްލެވޭ އެއް ޝަޚްސިއްޔަތެވެ. އޭނާގެ މިލްކިއްޔާތު 2.2 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.
ޢަމްރު އަލްދައްބާޣް
ޢަމްރު އަލްދައްބާޣަކީ ސަޢޫދީގެ ފާހަގަކޮށްލެވޭ ވިޔަފާރިވެރިއެކެވެ. އޭނާވަނީ ސަޢޫދީގެ ޖެނެރަލް އިންވެސްޓްމަންޓް އޮތޯރިޓީގެ ޗެއަރމަންކަން ވަޒީރެއްގެ ފެންވަރުގައި ހުންނަވައިގެން ކުރައްވާފައެވެ. އަދި ސަޢޫދީއަކީ ވިޔަފާރިއަށް ހުޅުވާލެވިފައިވާ ޤައުމަކަށް ހެއްދެވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. ޢަމްރު އަލްދައްބާޣުގެ ބައްޕާފުޅަކީ ސަޢޫދީގެ ކުރީގެ ދަނޑުވެރިކަމާއި ބެހޭ ވަޒީރު އަބްދުﷲ މުޙައްމަދު ޢަލީ އަލްދައްބާޣުއެވެ. ޢަމްރުގެ މިލްކިއްޔާތުގައި 1.5 ބިލިއަން ޑޮލަރު އެބަހުއްޓެވެ.
ޢާދިލް ފާޤިހު
ޢަދިލް ފާޤިހު ހައްޔަރުކުރެވުނު އިރު ހުންނެވީ ސަޢޫދީގެ އިޤްތިޞާދާއި ބެހޭ ވަޒީރުގެ މަޤާމުގައެވެ. ވަލީޢަހުދު މުޙައްމަދު ބިން ސަލްމާނުގެ އަމުރުފުޅަށް ހައްޔަރުކުރެވުނު މީހުންގެ ތެރެއިން ސަޢޫދީ ސަރުކާރުގެ އެންމެ އިސް ބޭފުޅަކަށް ހުންނެވީ ޢާދިލްއެވެ. އޭނާއަކީ ކުރިން ޖިއްދާގެ މޭޔަރުކަންވެސް ކުރެއްވި ބޭފުޅެކެވެ. އަދި ގިނަ ކުންފުނިތަކެއްގެ ބޯޑުގަޔާއި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. ޢާދިލް ފާޤިހު ވަނީ މީގެ ކުރިން ސަޢޫދީގެ ލޭބަރ މިނިސްޓަރުކަމާއި ހެލްތު މިނިސްޓަރުކަންވެސް ކުރައްވާފައެވެ. އޭނާގެ މިލްކިއްޔާތުގައި 470 މިލިއަން އެމެރިކާ ޑޮލަރު އެބަހުއްޓެވެ.
އިބްރާހިމް އަލް އައްސާފް
1996ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ އޮކްޓޯބަރުގެ ނިޔަކަށް ސަޢޫދީގެ މާލީ ވަޒީރަކަށް ހުންނެވީ އިބްރާހިމް ބިން އަބްދުލްޢަޒީޒް ބިން އަބްދުﷲ އަލް އައްސާފްއެވެ. 20 އަހަރު މާލީ ވަޒީރުކަން ކުރެއްވުމަށްފަހު ހައްޔަރުކުރެވުމާއި ހަމަޔަށް ހުންނެވީ ސަޢޫދީގެ ސްޓޭޓް މިނިސްޓަރަކަށެވެ. ވަޒީރުކަން ކުރެއްވުމުގެ ކުރިން އިބްރާހިމް އަލް އައްސާފްވަނީ ބައިނަލްއަޤްވާމީ މާލީ އިދާރާ އައިއެމްއެފް އާއި ވޯލްޑް ބޭންކްގައި މަސައްކަތްކުރައްވާފައެވެ. އަދި ސަޢޫދީގެ މަރުކަޒީ ބޭންކްގެ ވައިސް ގަވަރުނަރުކަންވެސް ކުރެއްވިއެވެ. އިބްރާހިމް އަލް އައްސާފަކީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުގެ ތެޔޮ ކުންފުނި ސަޢޫދީ އަރަމްކޯގެ ބޯޑު މެމްބަރެކެވެ. އަދި ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޗެއަރމަނެވެ. އިބްރާހިމް އަލްއައްސާފް ހައްޔަރުކުރެވުނީ ޙަރަމްފުޅުގެ މަސައްކަތްތައް ހަވާލުކުރުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކުރެވިގެންކަމަށް ރިޕޯޓްތައް ބުނެއެވެ. އިބްރާހިމް އަލް އައްސާފްގެ މިލްކިއްޔާތުގައި 390 މިލިއަން އެމެރިކާ ޑޮލަރު އެބަހުއްޓެވެ.
މިތްޢަބް ބިން ޢަބްދުﷲ
އަމީރު މިތްޢަބް ބިން ޢަބްދުﷲ ހުންނެވީ ސަޢޫދީގެ ނޭޝަނަލް ގާޑުގެ ވަޒީރަކަށެވެ. ސަޢޫދީ ނޭޝަނަލް ގާޑުންނަކީ އެޤައުމުގެ ސަލާމަތީ ބާރުތަކުގެ ތެރޭގައި ހިމެނޭ ލަޝްކަރެކެވެ. ޝާހީ ޢާއިލާގެ ބޭފުޅުންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި ދެޙަރަމްގެ ސަލާމަތީ ކަންކަން ބަލެހެއްޓުމުގެ ކަންތަކާއިވެސް ޙަވާލުވެފައިވަނީ ނޭޝަނަލް ގާޑާއެވެ. މިނިސްޓަރަކަށް ވެވަޑައިގަތުމުގެ ކުރިން އަމީރު މިތްޢަބް ހުންނެވީ ނޭޝަނަލް ގާޑުގެ ކޮމާންޑަރަކަށެވެ. މިތުޢަބް ބިން ޢަބްދުﷲއަކީ ސަލްމާން ރަސްގެފާނުގެ ކުރިން ސަޢޫދީގައި 2005އިން 2015އަށް ރަސްކަން ކުރެއްވި ޢަބްދުﷲ ރަސްގެފާނުގެ ދަރިކަލެކެވެ. އަދި ހައްޔަރުކުރުމުގެ އަމުރު ނެރުއްވި ވަލީޢަޙުދު މުޙައްމަދު ބިން ސަލްމާންގެ ދެބެންގެ ދެދަރި ބޭފުޅެކެވެ. އަމީރު މިތްޢަބް ހައްޔަރުކުރެވުނީ ނޭޝަނަލް ގާޑުގެ ޕްރޮޖެކްޓްތަކެއްގެ ތެރެއިން ކޮރަޕްޝަން ހިންގަވާފައިވާކަމަށް ކުރެވޭ ތުހުމަތުތަކެއްގައިކަމަށް ރިޕޯޓްތައް ބުނެއެވެ. އަމީރު މިތްޢަބްގެ މިލްކިއްޔާތުގައި 110 މިލިއަން އެމެރިކާ ޑޮލަރު އެބަހުއްޓެވެ.
މަތީގައި އެވަނީ ހައްޔަރުކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން މިލްކިއްޔާތުގައި ހުރި މިންވަރު ފޯބްސް މަޖައްލާއަށާއި، އަލްޖަޒީރާއަށް އެނގޭ މީހުންނެވެ. ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ސަޢޫދީގައި ފާހަގަކޮށްލެވޭ އެހެން ވިޔަފާރިވެރިން ތިބުމާއިއެކު ހައްޔަރުކުރެވުނު މީހުންގެ ޖުމްލަ މިލްކިއްޔާތު 100 ބިލިއަން ޑޮލަރާއި ގާތްކުރާނެކަމަށް ލަފާކުރެއެވެ. ހައްޔަރުކުރެވުނު މުއްސަނދި ފަރާތްތަކުގެ ތެރޭގައި، އަމީރު ތުރުކީ ބިން ޢަބްދުﷲވެސް ހިމެނެއެވެ. މިއީވެސް ޢަބްދުﷲ ރަސްގެފާނުގެ ދަރިކަލެކެވެ. އަދި ވެރިރަށް ރިޔާޒްގެ ގަވަރުނަރުކަން ކުރެއްވިއެވެ.
މީގެ އިތުރުން މިލިސްޓްގައި ހިމެނޭ އެހެން ފަރާތްތަކަކީ:
އަމީރު ތުރުކީ ބިން ނާސިރު: ސަޢޫދީ އެއަރފޯސްގެ ކުރީގެ ވެރިޔާ
ސަޢުދު އަލް ދާވިޝް: ސަޢޫދީ ޓެލެކޮމްގެ ކުރީގެ ސީއީއޯ
ސައޫދު އަލް ތުބައިޝް: ހެޑް އޮފް ރޯޔަލް ސެރެމަނީސް އެންޑް ޕްރޮޓޮކޯލްސް
ޚާލިދު އަލް ތުވައިޖްރީ: ޗީފް އޮފް ރޯޔަލް ކޯޓް
ނާސިރު ބިން އަޤީލް އައްތައްޔާރް: އައްތައްޔާރް ޓްރެވެލް ގްރޫޕްގެ ވެރިޔާ
މިހުރިހާ ފަރާތްތައްވެސް ހައްޔަރުކުރެވުނީ ސަޢޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްޢަޒީޒް، ކޮރަޕްޝަނާ ދެކޮޅަށް ފެއްޓެވި މަސައްކަތްޕުޅުގެ ތެރެއިންނެވެ. އަދި މިމަސައްކަތް ހިންގެވުން ހަވާލުކުރައްވާފައިވަނީ އެމަނިކުފާނުގެ ދަރިކަލުން އަދި ވަލީޢަޙުދު މުޙައްމަދު ބިން ސަލްމާންއާއިއެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މިއީ ކޮރަޕްޝަނާއި ދެކޮޅަށް ކުރާ މަސައްކަތަކަށްވުރެ ބޮޑަށް، ޝާހީ އާއިލާއާއި ސަޢޫދީގެ އިޤްތިޞާދު އަދި މީޑިއާގައި ވަލީޢަޙުދު މުޙައްމަދު ބިން ސަލްމާންގެ އަތްގަދަކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅެކެވެ.