ލަންކާއަށް ތެލުގެ ތާށިކަން ކުރިމަތިވެފައިވަނިކޮށް، އެޤައުމަށް ތެޔޮ ފޮނުވާނެކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ބޮޑުވަޒީރުގެ އޮފީހުން ބުނީ، މޯދީ މިޔަޤީންކަން އެރުވީ ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާއާ ފޯނުން ގުޅުއްވައި ވާހަކަ ދައްކަވަމުންކަމަށެވެ.
In the telephone conversation with Sri Lankan President @MaithripalaS, PM @narendramodi conveyed that India is sending additional fuel to Sri Lanka and assured India's continued support for development cooperation.
— PMO India (@PMOIndia) November 8, 2017
ލަންކާގެ ތެޔޮ ކުންފުނިތަކަށް ތެޔޮ ފޯރުކޮށްދިނުމުގައި ދަތިތަކެއް ދިމާވުމާ ގުޅިގެން ލަންކާގެ ރައްޔިތުން ތެޔޮ ބޭނުންކުރުމުގައި ސަމާލުވުމަށް އަންގާފައި ވަނީ މދިޔަ ހަފްތާގައެވެ. ލަންކާ ސަރުކާރުގެ ތެޔޮ ކުންފުނި ސިޕެޓްކޯގެ ތެޔޮ ޝިޕްމަންޓް ލަސްވިއިރު، ލަންކާއަށް ތެޔޮ އިމްޕޯޓްކުރާ އަނެއް ކުންފުނިކަމަށްވާ އިންޑިއަން އޮއިލް ކޯޕަރޭޝަނުން ގެނައި ތެޔޮ ޝިޕްމަންޓްގެ ކޮލިޓީ ދަށްވުމާ ގުޅިގެން އެޝިޕްމަންޓް ބާޒާރަށް ނެރުން ލަންކާ ސަރުކާރުން މަނާކުރިއެވެ.
ލަންކާއަށް ދިމާވެފައިވާ ތެލުގެ ތާށިކަމަށް ހައްލެއް ގެނައުމަށް ސިޕެޓްކޯއިން ގެނައި ތެޔޮ ޝިޕްމަންޓް ބުދަ ދުވަހުގެ ވަގުތެއްގައި 40 ހާސް މެޓްރިކް ޓަނުގެ ތެލާއިއެކު ލަންކާގެ ކަނޑުގެ ސަރަހައްދަށް ވަދެފައިވާކަމަށް ބުދަ ދުވަހުގެ އިރު އޮއްސެނިކޮށް ލަންކާގެ މީޑިއާއިން ރިޕޯޓްކުރިއެވެ. އަދި ބުރާސްފަތި ދުވަހު ޕެޓްރޯލް ޝެޑްތަކަށް މިތެޔޮ ފޯރާނެކަމަށް ލަފާކުރެވެއެވެ.
ލަންކާގެ އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ތެލުގެ ތާށިކަން ކުރިމަތވީ އިންޑިއަން އޮއިލް ކޯޕަރޭޝަނަށް ތެޔޮ ސަޕްލައިކުރުމުގައި ދީފައި އޮންނަ ބާރުގެ ސަބަބުންނެވެ. އެހެންނަމަވެސް އެއީ އެކުންފުނީގެ އެކަނި މައްސަލައެއް ނޫންކަމަށް ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ ގާނޫނު ހަދާ މަޖިލީހުގައި ވިދާޅުވިއެވެ. ރަނިލް ވިދާޅުވީ ދާދިފަހުންވެސް ލަންކާގެ ތެލުގެ ވިޔަފާރީގައި ހަރަކާތްތެރިވާ މުވައްޒަފުން އިހުތިޖާޖަށް ދިޔުމުން ލަންކާއަށް ތެލުގެ ތާށިކަމެއް ނައިސް ސަލާމަތްވީވެސް އިންޑިއަން އޮއިލް ކޯޕަރޭޝަންގެ ސަބަބުންކަމަށެވެ.
ބުދަ ދުވަހު ފޯނުން ވާހަކަ ދައްކަވަމުން އިންޑިއާގެ ބޮޑުވަޒީރު މޯދީ ވަނީ ލަންކާގެ ތަރައްގީގެ މަޝްރޫޢުތަކަށް އިންޑިއާއިން އަބަދުވެސް އެހީތެރިވަމުންދާނެކަމުގެ ޔަގީންކަން ވެސް ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާއަށް އަރުވާފައެވެ.